ވިޔަފާރި

އަންނަ އަހަރު ރާއްޖޭގެ އިޤްތިޞާދު ކޯވިޑްގެ ކުރިން ހުރި މިންވަރަށް ދާނެ: އަމީރު


އަންނަ އަހަރު ރާއްޖޭގެ އިޤްތިޞާދު ކޯވިޑް-19 ގެ ކުރިން ހުރި މިންވަރަށް ދާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، އަންނަ އަހަރަށް ދަޢުލަތުން ލަފާކުރާ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވަމުންނެވެ.

2023 ވަނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓް މަޖިލީހަށް ހުށައަޅުއްވައިދެއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ، ދުނިޔޭގެ އިޤްތިޞާދަށް އެކި ބަދަލުތައް އަންނަމުންދާއިރު ރާއްޖޭގެ އިޤްތިޞާދީ ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ އެކަމަށް ރިޢާޔަތްކޮށްގެންކަމަށެވެ.

2020 ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އޭރުގެ ސިޔާސަތަކަށް ވީ އެންމެ އަވަހަކަށް ކޯވިޑްގެ ވަޅުގަނޑުން މުޅިން އަރައިގަތުންކަމަށެވެ. ކޯވިޑް-19 އިން އަރައިގަތުމަށް ކުރެވުނު މަސައްކަތުން ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޤާބިލުކަން އިތުރުކުރެވި، ޓެސްޓްކޮށް، ވެކްސިންގައި ދުނިޔޭގެ ކާމިޔާބު ޤައުމަކަށް ހެދިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ބަލި ކޮންޓްރޯލްކޮށް މެނޭޖްކުރުމުގައި ދުނިޔެއަށް މިސާލު ދެއްކި، ބޯޑަރު ހުޅުވައި އިޤްތިޞާދު ހިންގައިގަތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

2021 ވަނަ އަހަރު ނިމުނުއިރު، ރާއްޖޭގެ އިގްތިޞާދު ވަނީ 41.7 އިންސައްތައިން ކުރިއަރައިފައެވެ. މީގެ ސަބަބަކީ ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތައް އޭރު އަންދާޒާކުރި މިންވަރަށްވުރެވެސް އިތުރުވުންކަމަށާއި، އިޤްތިޞާދުގެ ރިކަވަރީ މި އަހަރުވެސް ބާރަށް ކުރިއަށްދާނެކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. މި އަހަރު ރާއްޖޭގެ އިޤްތިޞާދު 12.3 އިންސައްތައިން ކުރިއަރާނެކަމަށާއި އަދި 2023 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު 7.6 އިންސައްތައިން ކުރިއަރާނެކަމަށް ލަފާކުރެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"2023 ވަނަ އަހަރު ރާއްޖޭގެ އިޤްތިސާދު ކޮވިޑް-19ގެ ކުރީގެ އިޤްތިސާދު ހުރި މިންވަރަށްވުރެ ކުރިއަރައިދާނެ. މިއީ ސަރުކާރުން ކޮވިޑް-19 އާއެކު އެޅި ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ" މިނިސްޓަރ ވިދާޅުވިއެވެ.

އަންނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 32.1 ބިލިއަން ރުފިޔާއެވެ. މިއީ 2022 ވަނަ އަހަރަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާ އަޅައިބަލާއިރު 21.8 އިންސައްތަ އިތުރު އަދަދެއްކަމަށް ފިނޭންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

"2023 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު ކޮވިޑް-19ގެ ކުރީގެ އިގުތިސާދުގެ ލެވެލް ފަހަނައަޅައިދާއިރު، ދައުލަތުގެ އާމްދަނީވެސް ބޮޑުވެގެންދާނެ. އަންނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 32.1 ބިލިއަން ރުފިޔާ. މިއީ 2022 ވަނަ އަހަރަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާ އަޅައިބަލާއިރު 21.8 އިންސައްތަ އިތުރު އަދަދެއް. މީގެ ތެރެއިން ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 23.5 ބިލިއަން ރުފިޔާ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.1 ބިލިއަން ރުފިޔާ" މިނިސްޓަރ ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނީ 40.6 ބިލިއަން ރުފިޔާ ކަމަށާއި، ރިކަރަންޓް ޚަރަދުގެ ގޮތުގައި 28.6 ބިލިއަން ރުފިޔާ ހިނގާނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.