ވިޔަފާރި

އުއްމީދަކީ އަންނަ އަހަރު 1.8 މިލިއަން ފަތުރުވެރިންނާއެކު ރެކޯޑެއް ޤާއިމްކުރުން: އަމީރު


އަންނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރެކޯޑްތައް މުގުރާލާނެ އުއްމީދު ބޮޑު އަހަރެއްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުންނެވެ.

ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވަމުން ފަތުރުވެރިކަމަށް އަލިއަޅުވާލައްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ރާއްޖޭގެ އިޤްތިސާދީ ކަންކަން މެނޭޖްކުރުމުގައި ރާއްޖޭގެ އިޤްތިސާދު ދެމެހެއްޓުމަށްޓަކައި ފަތުރުވެރިކަމާއި އެހެނިހެން ސިނާއަތްތަކުގެ ދިރުން މަތިކުރުމަށް މަސައްކަތް ކުރެވޭކަމަށް ވިދާޅުވެފައެވެ.

މިއަހަރު ރާއްޖެއިން ކަނޑައަޅާފައިވާ ފަތުރުވެރިކަމުގެ އަމާޒުކަމަށްވާ 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެކަމަށް ބެލެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކުރިއަށް މި އޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަންކަމަށާއި، މި އަހަރުގެ މިހާތަނަށް އެކަނިވެސް ވޭތުވެދިޔަ އަހަރު ޒިޔާރަތްކުރި މިންވަރަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ރޭގެ އަދަދުވެސް އަންދާޒާކުރި މިންވަރަށްވުރެ މަތިވާނެކަމަށް ވަނީ ވިދާޅުވެފައެވެ. އަންނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރެކޯޑެއް ހަދާނެ އަހަރަކަށް ވާނެކަމުގެ އުންމީދު ބޮޑުކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

"2023 ވަނަ އަހަރު ރާއްޖެ އަށް 1.8 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ބެލެވޭ. މިއީ 2019 އަށް ވުރެ ގިނަ އަދަދަކަށް ޒިޔާރަތްކުރާނެ، ފަތުރުވެރިކަމުގެ ރެކޯޑްތައް މުގުރާލާނެ އުންމީދު ބޮޑު އަހަރެއް." މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑްގެ ކުރިން 2019 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1.7 މިލިއަން ފަތުރުވެރިންނެވެ. އެހެންކަމުން ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓްގައި 2023 ވަނަ އަހަރަށް ލަފާކުރާ ފަތުރުވެރިންގެ އަދަދުކަމަށްވާ 1.8 މިލިއަން ފަތުރުވެރިން ރާއްޖެ އަތުވެއްޖެނަމަ މިއަދަދު ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގައި މިހާތަނަށް ހެދޭ ރެކޯޑް އަދަދަކަށެވެ.

ފަތުރުވެރިކަން މުޅި ރާއްޖެއަށް ފުޅާކުރުމަށް، ރާއްޖޭގެ ކަންކޮޅުތަކުގައި އެއާޕޯޓްތައް ތަރައްގީކޮށް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އިތުރުން، ހަނިމާދޫ އަދި އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަކީ މެދުރާއްޖޭގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގެ ފަތުރުވެރިކަމަށް ފަހިކަން ގެނުވާނެ އާބޮޅުތަކެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި މިއީ ރާއްޖޭގެ އިޤްތިސާދުގެ ސަޕްލައި-ސައިޑް އެއްކޮށް ބަދަލުކޮށްލާނެ މަޝްރޫޢުތަކެއްކަމަށް ފިނޭންސް މިނިސްޓްރީން ފާހަގަކުރައްވައެވެ.