ޚަބަރު

ޞައްޙަ ނޫން ޕާސްޕޯޓުގައި ރާއްޖެ އެތެރެވާން އުޅުނު 257 މީހަކު ފޮނުވާލައިފި


ޞައްޙަ ނޫން ޕާސްޕޯޓުގައި ރާއްޖެ އެތެރެވާން އުޅުނު 250އަށްވުރެ ގިނަ މީހުން ދެނެގަނެވި، އަނބުރާ ފޮނުވާލާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ. މިއީ 2019 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް އެތެރެވާން މަސައްކަތްކުރި މީހުންކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.

ރާއްޖެއަކީ މުޅި ދުނިޔެއަށް ބޯޑަރ ހުޅުވާލެވިފައިވާ ޤައުމެކެވެ. ސަބަބަކީ ރާއްޖޭގެ އިޤްތިޞާދު ފަތުރުވެރިކަމަށް ބަރޯސާވެފައިވާތީއެވެ. އެހެންކަމުން ރާއްޖެ އަންނަ ކޮންމެ މީހަކަށް 30 ދުވަހުގެ ވިސާ ލިބެއެވެ. މިކަމުގެ ސަބަބުން ފަތުރުވެރިއެއްގެ ގޮތުގައި ނޫން ބޭނުމުގައިވެސް ރާއްޖެއަށް ޓޫރިސްޓް ވިސާގައި މީހުން އެތެރެވުމަށް މަސައްކަތްކުރެއެވެ. އެހެންކަމުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށާއި، ރާއްޖޭގެ ބޯޑަރ ސެކިއުރިޓީ ނިޒާމު އަންނަނީ ހަދަނާކުރަމުންނެވެ. އަދި ރާއްޖޭގައި ބޭނުންކުރާ ބޯޑަރ ނިޒާމަކީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ ސެކިއުރިޓީ ވަރުގަދަ އެއް ނިޒާމުވެސްމެއެވެ،

މޯލްޑިވްސް އިމިގްރޭޝަންގެ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރ އަދި ހެޑް އޮފް އިންޓެލިޖެންސް އެންޑް ލީގަލް އެފެއަރޒް މުޙައްމަދު ޝިފާން ވިދާޅުވީ، މޯލްޑިވްސް އިމިގްރޭޝަންގެ ޑޭޓާ ބޭސްއާއި، އިންޓަޕޯލް ޑޭޓާ ބޭސްއާއި 2019 ވަނަ އަހަރުން ފެށިގެން އިންޓަގްރޭޓް ކޮށްފައިވާކަަމަށެވެ. އެކަމުގެ ސަބަބުން ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ ވަގަށް ނަގާފައިވާ ޕާސްޕޯޓާއި، ގެއްލިފައިވާ ޕާސްޕޯޓާއި، އިންޓަޕޯލް އެކި ނޯޓިސްތަކުގައި ހުންނަ މަޢުލޫމާތުތައް ރާއްޖޭގެ އިމިގްރޭޝަންގެ ސިސްޓަމުން އެނގިގެން ދިއުންކަމަށެވެ. ޝިފާން ވިދާޅުވީ 2019 ވަނަ އަހަރުން ފެށިގެން، ޞައްޙަ ނޫން ޕާސްޕޯޓްގައި 250އަށް ވުރެ ގިނަ މީހުން ރާއްޖެ އެތެރެވާން މަސައްކަތްކޮށްފައިވާކަމަށާއި، އެ ހުރިހާ އެންމެން ބޯޑަރުން ހުއްޓުވާފައިވާކަމަށެވެ.

"2019އިން ފެށިގެން މިހާހިސާބަށް 257 ފަރަތެއް ދެނެގަނެވިއްޖެ ގެއްލިފައި އަދި ވަގަށް ނަގާފައިވާ ޕާސްޕޯޓްގައި ދަތުރުކޮށްފައިވާ. އެހެންވީމަ އަޅުގަނޑުމެންނަށް ދުރާލާ އެ މަޢުލޫމާތު މިހާރު ލިބޭ މިބޭނުންކުރާ ޓެކްނޮލޮޖީގެ ނިޒާމްތަކުން. މިއީ އެހެން އިދާރާއެއްގައި ހުރި މަޢުލޫމާތެއް އަޅުގަނޑުމެންގެ ސިސްޓަމާ އިންޓަގްރޭޓްވެގެން އަޅުގަނޑުމެންނަށް ލިިބުނު ކުރިއެރުމެއް." ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ ބޯޑަރު ބެލެހެއްޓުމަކީ އިމިގްރޭޝަންގެ އިތުރުންވެސް ވަރަށް ގިނަ އިދާރާތަކެއް ގުޅިގެން ކުރާ މަސައްކަތަކަށްވުމުން، އެ ހުރިހާ އިދާރާއެއް ގުޅިގެން ނޫނީ ބޯޑަރ ސެކިއުރިޓީ ވަރުދގަދަ ނުކުރެވޭނެކަމަށެވެ. އެހެންކަމުން ހުރިހާ އިދާރާއެއް ގުޅިގެން މަސައްކަތްކޮށް ނަތީޖާ ނެރެވެމުން އަންނަކަން ޝިފާން ފާހަގަކުރެއްވިއެވެ. ޝިފާން ވަނީ، ދުނިޔޭގެ އެކި ސަރަަހއްދުތަކުގައި ހިނގަމުން އަންނަ ހަނގުރާމަތަކާއި އަވަށްޓެރި ބައެއް ޤައުމުތަކުގެ އިޤްތިޞާދަށް އަންނަ ބަދަލާއި ގުލިގެން، ރާއްޖެ އައިސް، އެހެން ޤައުމުތަކަށް ދާން ބޭނުންވެގެން އަންނަ މީހުން ވަރަށް ގިނަކަމަށެވެ. އެފަދަ ގިނަ މީހުން އަންނަނީ ނުރަނގަޅު ނިޔަތެއްގައިކަމަށްވެސް ޝިފާން ވިދާޅުވިއެވެ.

"ރާއްޖެއަށް ފަތުރުވެރިއަކަށް އަންނަ ކޮންމެ މީހަކަށް 30 ދުވަހުގެ ހިލޭ ގްރާންޓް ވިސާއެއް އެބަލިބޭ. އެހެންވީމަ އެއްވެސް މީހަކު ރާއްޖެއަށް އަންނާކަށް އިތުރު ކަމެއް ކުރާކަަށް ނުޖެހޭ. އެކަމު ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ޚާއްޞަކޮށް ޢަރަބި ސަރަހައްދުގަ، ސަބްސަހާރާ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ޢަރަބި ޤައުމުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ރާއްޖެ އައިއްސަ އެހެން ޤައުމުތަކަށް ދާން ބޭނުންވާ މީހުން ވަރަށް ގިނަ. އެމީހުން މި އަންނަނީ ގޯސް އިންޓެންޝަނެއްގަ. ނޫނީ ޑޮކިއުމަންޓް ފްރޯޑެއް ހަދައިގެން. ދެން ރާއްޖެއިން ވަރަށް ގިނަމީހުން އައިޑެންޓިފައި ވެފައިވެސް އެބަހުރި. ޑޮކިއުމަންޓް ފްރޯޑު އެކަނިވެސް މިއަހަރު އެކަނިވެސް 50 ނުވަތަ 70އާއި ގާތްކުރާ ޢަދަދަކަށް އަތުވެއްޖެ." ޝިފާން ވިދާޅުވިއެވެ.


ޝިފާން ވިދާޅުވީ، ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި ބޯޑަރު ބަންދުވުމުންވެސް ހުޅުވިފައިވާ ބޯޑަރަކަށް އެތެރެވުމަށްވެސް ރާއްޖެއަށް ބައެއް މީހުން އަންނަކަމަށެވެ. އެގޮތުންއެކި ސަބަބުތަކާއި ގުޅިގެން ބޯޑަރާއި ހަމައިން 500 އެއްހާ މީހުން މިއަހަރު އެކަނިވެސް ފޮނުވާލާފައިވާކަމަށް ޝިފާން ވިދާޅުވިއެވެ.

ރާއްޖޭގެ ބޯޑަރ ސެކިއުރިޓީ ނިޒާމް ވަރުގަދަކޮށް ހަރުދަނާކުރުމުގެ މަޤްޞަދުގައި ބާއްވާ ފުރަތަމަ މަހާސިންތާ ވަނީ ބާއްވާފައެވެ. މި މަހާސިންތާގެ މައިގަނޑު މަގްސަދަކީ ބޯޑަރ ސެކިއުރިޓީގެ ދާއިރާގައި މިހާރު ހުރި މައްސަލަތައް ދެނެގަނެ އެކަންކަން ހަރުދަނާކުރުމެވެ.

ކޯވިޑް-19ގެ ވަބާ އަށް ފަހު، ގައުމުތަކުގެ ބޯޑަރުގައި ހިންގާ ކުށްތަކުގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައިކަމަށެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ބޮޑެތި ބާރުތަކުން ފެށިގެން ކުދި ޖަޒީރާ ރަށްތަކަށްވެސް އެކަމުގެ އަސަރު ކުރަމުން އަންނަ ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.