ޚަބަރު

އިތުރު ދައުރެއްގައި ޤާއިމްކޮށްދޭންޖެހޭ އަސާސީ ޚިދުމަތެއް މިދައުރު ނިމޭއިރު ނޯންނާނެ: މިއުވާން


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ މިދައުރު ނިމޭއިރު އަސާސީގޮތުން ޤާއިމްކޮށްދޭންޖެހޭ ހިދުމަތެއް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޔާމީން ހއ.ގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ބައެއް ރަށްތަކަށް ވަޑައިގެން އަސާސީ ބައެއް ޚިދުމަތްތައް އެރަށްތަކުގައި ގާއިމްކޮށް ދެއްވާނެކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅިގެން މިއުވާން ވިދާޅުވީ މާޒީގައި ވެރިކަން ކުރަން ލިބިވަޑައިގެންނެވި ފުރުސަތުގައި އަތޮޅުތެރޭގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ނުކުރެވުނުކަމީ ރައްޔިތުންގެ އޮތް ކަންބޮޑުވުމެއްކަމަށެވެ.

މާލެއަށް އެކަނި ބަރޯސާވާ މަރުކަޒީ ވެރިކަމެއް ކުރުމުގެ ބަދަލުގައި މިސަރުކާރުގެ ސިޔާސަތަކީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ވެރިކަން ކުރުންކަމަށް މިއުވާން ވިދާޅުވިއެވެ. މިނިޒާމުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އަމާޒަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި، ނަރުދަމާގެ ނިޒާމާއި މިނޫންވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ގާއިމްކޮށް ދިނުންކަމަށެވެ.

"ރައީސް ޔާމީން އިހަވަނދޫއަށް ވަޑައިގެން ވިދާޅުވި އައިސް ޕާލަމްޓް، ބަނދަރުގެ ވާހަކަ. މިހާރުވެސް އެމަސައްކަތް އެރަށުގައި އެބަހިނގާ. ރަށްރަށް ވަޑައިގެން މާލޭގެ މަޒަރު ފެންނަ ފޮޓޯއެއް ޖައްސަވައިގެން ވައުދުތައް ވަމުންދާއިރު އަޅުގަނޑުމެން މިސަރުކާރުގެ މިދައުރު ނިމޭއިރު ރަށްތަށުގެ އަސާސީ ޚިދުމަތްތައް އިތުރު ދައުރެއްގައި ކުރައްވަން ނުޖެހޭ ވަރަށް އަޅުގަނޑުމެން ކަންކަން ނިންމާނަން" މިއުވާން ވިދާޅުވިއެވެ.

މިސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އެއްވެސް ތަފާތު ކުރުމެއްނެތި ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ޚިދުމަތް ދެވޭނެ ގޮތްތަކެއް ހަމަޖެއްސުންކަމަށް މިއުވާން ވިދާޅުވިއެވެ. އަދި މިހާތަނަށް ސަރުކާރުން ވަނީ އެއްވެސް ރައްޔިތަކު ތަފާތު ނުވާނޭހެން އާބާދީގެ ކުޑަބޮޑުމިނަށް ނުބަލައި ތަރައްޤީ ގެނެސް ދެއްވާފައިވަކަމަށް މިއުވާން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރުގެ އަމާޒަކީ މި މިސްރާބަށް މަސައްކަތް ކުރުންކަމަށްވެސް މިއުވާން ވިދާޅުވިއެވެ.