އެސްޓީއޯ އޭދަފުށީ ކަޕް 2022 ގައި މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި އޮތް ވެލާ ސްޕޯޓްސް ކިލަބުން ކައްކަނީ އެފްސީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްފިއެވެ.
އޭދަފުށީ ފުޓްބޯޅަ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިތަކަކާއެކު މި މުބާރާތަށް ނުކުތް ވެލާ ސްޕޯޓްސް ކުލަބުން ހޯމަ ދުވަހު ކުޅުނު މެޗުން މޮޅުވީ ކައްކަނީ އެފްސީ އަތުން 2-0 ގެ ނަތީޖާއަކުންނެވެ.
އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި އިދިކޮޅުން ޑިފެސްކޮށް ކައުންޓަ އެޓޭކިން ގޭމެއް ކުޅުނުއިރު، މި މެޗުގައި ވެލާ ސްޕޯޓްސް ކްލަބުން ވަނީ ގިނަ ހަމަލާތަކެއް ކައްކަނީ އެފްސީގެ ގޯލަށް ފޮނުވާލާފައެވެ.
ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުންވެސް ފެނުނު މި މެޗުގައި ވެލާ ސްޕޯޓްސްއަށް ލަނޑެއް ޖެހުނީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، ލިބުނު ހިލޭ ޖެހުމެއް ކައްކަނީ އެފްސީގެ ގޯލްކީޕަރުގެ އަތުގައި ޖެހިފައި އޭރިއާ ތެރެއަށް ވެއްޓުނު ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ޔަމާނެވެ.
މި މެޗުގެ ދެވަނަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ އޭރިއާ ތެރެއިން ކައްކަނީ އެފްސީގެ ޑިފެންޑަރު ކައިރިން ނައްޓާލުމަށް ވެލާ ސްޕޯޓްސްގެ މުޙައްމަދު ޝިމާން މަސައްކަތްކުރުމުގެ ތެރޭގައި، އެ ބޯޅައަށް އެރި ކައްކަނީ އެފްސީގެ ޑިފެންޑަރު އަތުގައި ޖެހުމުން ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ވެލާ ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ހުސެއިން ޝަރީފެވެ.
މި މެޗުން ލިބުނު އުނދަގޫ ތިން ޕޮއިންޓާއެކު ވެލާ ސްޕޯސް އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ލިބުނު ހަ ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ.
މި މުބާރާތުގައި ދެން ކުޅޭ މެޗްގައި ބައްދަލުކުރާނީ އެމްވީ ޔުނައިޓެޑާއި އިރުމަތީ އެފްސީއެވެ. މި މުބާރަތުގައި މި ދެ ޓީމުވެސް ވަނީ ކުޅުނު ފުރަތަމަ މެޗުތަކުން ބަލިވެފައެވެ.