ސޫރިޔާ ސިފައިން ހަލަބްގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ކުރިޔަށްގެންދާ އަސްކަރީ އޮޕަރޭޝަން ދިގު ދެމިގެން ނުދާނެކަމަށް އެޤައުމުގެ އިންފޮމޭޝަން މިނިސްޓަރ އުމްރާން އައްޒުއްބީ ވިދާޅުވެއްޖެއެވެ.އުމްރާން ވިދާޅުވިގޮތުގައި މިއޮޕަރޭޝަންގެ އަމާޒަކީ އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައިވާ ސޫރިޔާގެ އުތުރުގެ ސަރަހައްދުތައް އަލުން މިނިވަންކޮށް ތުރުކީވިލާތުގެ މަގުން އިދިކޮޅު ހަނގުރާމަވެރިންނަށް ހަތިޔާރު ލިބޭ މަގުތައް ބަންދު ކުރުން ކަމަށެވެ.ސޫރިޔާގެ މަސްޢޫލުވެރިޔާ މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ސޫރިޔާ ސިފައިންގެ އަސްކަރީ އޮޕަރޭޝަންގެ ސަބަބުން ލައްކައަކަށްވުރެ ގިނަމީހުން ހާލުގައިޖެހި ރެފިއުޖީންގެ ގޮތުގައި ތުރުކީވިލާތުގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ޖަމާވެފައިވާއިރު މިއޮޕަރޭޝަން ދިގުދެމިގެން ހިނގައްޖެނަމަ ހަލަބުގައި ދިރިއުޅޭ މީހުންގެ ތެރެއިން އެތަށް ލައްކަ ބަޔަކު ހައިހޫނުކަން ތަހައްމަލް ކުރަންޖެހިދާނެކަމުގެ އިންޒާރު އދ. ން ވަނީ ދީފައިވަނިކޮށެވެ.މި އަސްކަރީ އޮޕަރޭޝަންގައި ރަޝިޔާގެ ވައިގެ އެހީތެރިކަމާއެކު ސޫރިޔާ ސިފައިން ތުރުކީވިލާތުގެ ސަރަހައްދީ ރޮނގާ ގާތްވަމުންދާތީ ސޫރިޔާގެ އިދިކޮޅު ލީޑަރުންވަނީ ކަންބޮޑުވެވަޑައިގެން ވައިގެ ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ރަޝިޔާއަށް އިލްތިމާސް ކުރައްވާފައެވެ. އަދި ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ވާގިވެރިވާ އެމެރިކާއާއި ވިލާތުގެ ބޮޑެތި ބާރުތަކުންވެސް ގެންދަނީ ވައިގެ ޙަމަލާތައް ހުއްޓާލުމަށް ރަޝިޔާއަށް ވަރަށް ބޮޑަށް ބާރުއަޅަމުންނެވެ. ސޫރިޔާ ސިފައިންގެ މިއަސްކަރީ އޮޕަރޭޝަން ކާމިޔާބުވެ ހަލަބްއާއި އެސިޓީގެ ވަށައިގެންވާ ސަރަހައްދުތަކުން އިދިކޮޅު ހަނގުރާމަވެރިން ފައްސާލެވި އެސަރަހައްދުތަކުގެ ކޮންޓްރޯލް ސޫރިޔާ ސަރުކާރަށް އަލުން ލިބިއްޖެނަމަ ސޫރިޔާގެ ހަނގުރާމައިގެ މަސްރަހު މުޅިން ބަދަލުވެގެންދާނެއެވެ.ސޫރިޔާގެ އިންފޮމޭޝަން މިނިސްޓަރ އުމްރާން އައްޒުއްބީ ވިދާޅުވީ ހަލަބް ގެ އަސްކަރީ އޮޕަރޭޝަނަކީ ދަތި އަދި އުނދަނގޫ އޮޕަރޭޝަނެއް ކަމަށާއި އިދިކޮޅު ހަނގުރާމަވެރިން ބޭނުންކުރަމުން ގެންދަނީ މޮޅު އަދި ޒަމާނީ ހަތިޔާރުކަމަށެވެ. އަދި ތުރުކީވިލާތުގެ މަގުން ހަނގުރާމަވެރިންނަށް ފައިސާއާއި ވަސީލަތްތަކާ އަދި ޒަމާނީ ހަތިޔާރު ވަރަށް ގިނައިން ލިބެމުންދާކަމަށްވެސް އުމްރާން ވިދާޅުވިއެވެ.އަނެއްކޮޅުން ސޫރިޔާއަށް ބައިނަލްއަޤްވާމީ ގޮތުން އެހީތެރިވާ ގްރޫޕްގެ ނަމުން ނަންދީފައިވާ ގްރޫޕްގެ ބައްދަލުވުމެއް ޖަރުމަނުވިލާތުގެ މިއުނިކްގައި މިއަދު ފެށުމަށްވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމުގައި 17 ޤައުމަކުންނާއި ބައިނަލްއަގްވާމީ 3 ޖަމްޢިއްޔާއަކުން ބައިވެރިވާއިރު މީގެތެރޭގައި އެމެރިކާއާއި ރަޝިޔާ ވެސް ހިމެނެއެވެ.ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގެ ޙަމަލާތައް ހުއްޓާލުމުގެ ހުށަހެޅުމެއް މިބައްދަލުވުމުގައި ރަޝިޔާއިން ހުށަހަޅާނެކަމަށް ޚަބަރުތައް ބުނެއެވެ. ހުޅަނގުގެ ޑިޕްލޮމޭޓުން ވިދާޅުވާގޮތުން ރަޝިޔާ ގެ ހުށަހެޅުމުގައިވަނީ އަންނަ މާޗް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަމަލާތައް ހުއްޓާލުމަށެވެ. މިއީ ރަޝިޔާގެ ވައިގެ އެހީތެރިކަމާއެކު ސޫރިޔާ ސިފައިން ހަލަބްގެ ކައިރީގައި މިހާރު ކުރިޔަށް ގެންދާ އަސްކަރީ އޮޕަރޭޝަން، މާޗް އެކެއްގެ ކުރިން ކާމިޔާބުވާނެ ކަމަށް ބަލައިގެން ރަޝިޔާ ކަނޑައެޅި ތާރީޚެއްކަމަށް ހުޅަނގުގެ ޑިޕްލޮމޭޓުން ސިފަކުރައްވައެވެ. ނަމަވެސް މިހުށަހެޅުމާބެހޭ އެއްވެސް މައުލޫމާތެއް ރަޝިޔާއިން ހާމަކޮށްފައެއް ނުވެއެވެ. އަދި ސޫރިޔާ ސިފައިންނަށް އެހީތެރިވުމުގެ ގޮތުން ރަޝިޔާއިން ދޭ ވައިގެ ޙަމަލާތައް ހުއްޓާލުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ގޮވާލަމުންދާ ގޮވާލުންތަކަށްވެސް ރަޝިޔާ މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ.