ޚަބަރު

އެމްއެމްއޭ ބަދުނާމުކުރާ ފަރާތްތަކާމެދު ފިޔަވަޅުއަޅަނީ


މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ- އެމްއެމްއޭއާއި އެއޮތޯރިޓީގެ ވެރިންގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އަޅުވައި، ބަދުނާމް ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅުއްވާނެކަމަށް އެއޮތޯރިޓީން އަންގަވައިފިއެވެ.އެމްއެމްއޭ އިން މިކަން ބަޔާންކުރެއްވީ އެމްއެމްއޭގެ ގަވަނަރު ޑރ.އަޒީމާ އާދަމްގެ ސީދާ ބެލުމުގެ ދަށުން ރާއްޖެއަށް 1.5 ބިލިއަން ޔޫއެސް ޑޮލަރުގެ ނަގުދު ފައިސާ ގެނެސްފައިވާ ކަމަށާއި އެފައިސާތައް އަމިއްލަ ފަރާތްތަކުގެ އެކައުންޓުތަކަށް ޖަމާކޮށްފައިވާ ކަމަށް އެމްޑީޕީގެ ޗެއާ ޕާސަން ޢަލީ ވަހީދު ރާއްޖެ ޓީވީގައި ވާހަދައްކާފައިވާތީއެވެ. އެކަން ދޮގުކުރައްވާ އެމްއެމްއޭ އިން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ އެފަދަ ވާހަކަތަކަކީ ދައުލަތުގެ މުއައްސަސާތަކާއި އިސްވެރިންގެ އިތުބާރާއި އަބުރާއި ޢިއްޒަތް ގެއްލުވާލުމަށް ދައްކާ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ޢަލީ ވަޙީދު ދެއްކެވި ވާހަކަތަކުގައި ބޮޑެތި ދޮގުތަކާއި އޮޅުވާލުންތައް ހުރި ކަމަށް އެމްއެމްއޭ އިން ވަނީ ވިދާޅުވެފައެވެ. އެގޮތުން ދައުލަތުގެ ހަޒާނާ ހުންނަނީ އެމްއެންޑީއެފްގައި ކަމަށް ބުނި އިރު، އެއީ ދޮގެއް ކަމަށާއި ހަޒާނާ ހުންނާނީ އެމްއެމްއޭގައި ކަމަށް މަރުކަޒީ ބޭންކުން ހާމަކޮށްފައިވެއެވެ.މީގެ އިތުރަށް ޚަޒާނާއަށް ފައިސާ ޖަމާކުރުމުގެ ކަންކަން ކުރިއަށް ދަނީ ފިނޭންސާއި އޮޑިޓާ ޖެނެރަލް އާއި ރައްޔިތުން މަޖިލީހުގެ އިސްވެރިންގެ ހާޒިރުގައި ހަރުދަނާ އުޞޫލަކުން ކަމަށް ވެސް އެމްއެމްއޭ އިން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި ސަރުކާރަށް ލިބޭ ފައިސާ ޖަމާކުރުމަށް މާލިއްޔަތު ޤާނޫނުތައް ލާޒިމްކުރާ ފަދައިން ޖަމާކުރަނީ އެމްއެމްއޭގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓަށްކަމަށްވެސް އެ އޮތީރިޓީގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ. އަދި ސަރުކާރު ކުންފުނިތަކުން ބޭނުން ބޭންކެއްގައި އެކައުންޓް ހުޅުވޭނެ ކަމަށާއި އެއީ އެމްއެމްއޭ އިން ބެހޭ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.އެމްއެމްއޭ އިން ވިދާޅުވީ ދައުލަތުގެ ޚަޒާނާއާ ބެހޭގޮތުން ދޮގު ވާހަކަތައް ނުފެތުރުމަކީ ސިޔާސީ ވެރިންގެ ޙައިސިއްޔަތުން އޮތް މުހިންމު ވާޖިބެއް ކަމަށެވެ. އަދި ޚަޒާނާއާއި ބެހޭގޮތުން ޢާމުންގެ ހިތުގައި އޮންނަ އިތުބާރު ދަމަހައްޓައި ނެގެހެއްޓުމަކީވެސް ސިޔާސީ ވެރިން ކޮންމެހެން ވެސް އުފުލަން ޖެހޭ ޒިންމާއެއް ކަމަށް އެމްއެމްއޭ އިން ދެކޭ ކަމަށް ވެސް މިބަޔާނުގައި ވިދާޅުވެފައިވެއެވެ.