ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ބައެއް ޢަމަލުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ނަން ކިލަނބުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.އެމެރިކާގެ ނޫހެއްކަމަށްވާ ދަ ވޮޝިންގްޓަން ޓައިމްސްގައި ޝާއިޢުކޮށްފައިވާ ރައީސް ޔާމީންގެ ލިއުއްވުމެއްގައި އެ މަނިކުފާނު ވަނީ ރައީސް ނަޝީދު ބޭރުގެ މީޑިޔާގައި ދައްކަވާފައިވާ ބައެއް ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދުގެ ވާހަކަފުޅުތަކަކީ ދިވެހިރާއްޖެއަށް އަމާޒުކުރައްވާފައިވާ ޚިޔާނާތާއި އޮޅުވާލުމުގެ ނުރައްކާތެރި ޙަމަލާތަކެއްގެ ގޮތުގައި ރައީސް ޔާމީން ވަނީ ސިފަކުރައްވާފައެވެ. އަދި ދިވެހި ރާއްޖެއާއި ދިވެހި ސަރުކާރާ ދެކޮޅަށް ރައީސް ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަކީ، ވެރިކަމަށް އެނބުރި ވަޑައިގަތުމުގެ ނިޔަތުގައި ދައްކަވަމުންދާ ވާހަކަތަކެއްކަމަށް ރައީސް ޔާމީން ތުހުމަތުކުރެއްވިއެވެ. ރާއްޖެއަށް އަމާޒުކޮށް ނުރައްކާތެރި ޓެރެރިސްޓް ޙަމަލާތަކެއް ދިނުމަށް ޓެރެރިސްޓް ޖަމާޢަތްތަކުން ރާވަމުންދާކަމަށް ރައީސް ނަޝީދު އިންޒާރުކުރައްވާފައި ވީ ނަމަވެސް، ރާއްޖެއަކީ ފަތުރުވެރިންނާއި ރައްޔިތުންނަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.މީގެ އިތުރުންވެސް، ރާއްޖެއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ރައީސް ނަޝީދާއި އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ގޮވާލަމުންދާ ގޮވާލުމަށް ރައްދުދެއްވައި، ރައީސް ޔާމީން މި ލިޔުއްވުމުގައި ވަނީ، މިފަދަ ޢަމަލެއްގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނީ، އަދި އެންމެ ބޮޑު ނިކަމެތިކަމެއް ކުރިމަތިވާނީ ދިވެހި ރައްޔިތުންނަށްކަމަށެވެ. އަދި، ރާއްޖެއަކީ އެއްވެސް އުޞޫލެއްގެ މަތިން ހިނގާ ޤައުމެއް ނޫންކަމަށް ސިފަކުރައްވައި ރައީސް ނަޝީދުގެ ޤާނޫނީ ޓީމުގެ މެމްބަރުން ދައްކަވާ ވާހަކަތަކަށް އިޝާރާތްކުރައްވައި، ރައީސް ޔާމީން ވަނީ މިއީ ރާއްޖޭގެ ޑިމޮކްރެސީ އަދި ޤާނޫނީ ވެރިކަމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.މީގެ އިތުރުން، ރައީސް ނަޝީދު ޞިއްޙީ ފަރުވާ ހޯއްދެވުމަށްކަމަށް ވިދާޅުވެ، އިނގިރޭސިވިލާތަށް ވަޑައިގެން ކުރިޔަށް ގެންދަވަނީ މީޑިޔާ ކެމްޕެއިނެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ދަ ވޮޝިންގޓަން ޕޯސްޓަށް ލިޔުއްވި ލިޔުއްވުމުގައި ވަނީ ސިފަކުރައްވާފައެވެ.