ފަލަސްތީނުގެ އާންމު ރައްޔިތުން ދިފާއުކޮށް، އިސްރާއިލްގެ ސަރުކާރާއި ދެކޮޅަށް ފާޑުކިޔާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅުން ފަސޭހަ ކުރުމަށްޓަކައި އެކުލަވާލާފައިވާ ގާނޫނެއް އެގައުމުގެ ގާނޫނު ހަދާ މަޖިލިހުން ބަލައިގަނެފިއެވެ. "ޓްރާންސްޕޭރަންސީ ބިލް" ގެ ނަމުގައި ގާނޫނު ހަދާ މަޖިލިހަށް ހުށަހަޅާފައިވާ ގާނޫނު ހުށަހަޅުއްވާފައި ވަނީ އެގައުމުގެ ޖަސްޓިސް މިނިސްޓަރ އަޔެލެތް ޝަކޭދް އެވެ. "ޓްރާންސްޕޭރަންސީ ބިލް" އަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މި ގާނޫނު އެންމެ ބޮޑަށް އަމާޒުވެފައި ވަނީ އިސްރާއިލްގައި ހަރަކާތްތެރިވާ މަދަނީ އަދި އެހީދޭ ޖަމާއަތްތަކަށެވެ. މިފަދަ ޖަމާއަތްތަކުގެ ތެރެއިން ގިނަ ޖަމާއަތްތަކަކީ ފަލަސްތީނުގެ އާންމު ރައްޔިތުންނަށް އެހީ ފޯރުކޮށްދީ، އިސްރާއިލް ސަރުކާރުގެ ހަރުކަށި ސިޔާސަތުތަކަށް ފާޑުކިޔާ ޖަމާއަތްތަކަކަށް ވުމުގެ ސަބަބުން، މީ ގާނޫނުގެ ނޭދެވޭ އަސަރު މި ޖަމާއަތްތަކަށް ކުރާނޭ ކަމަކީ ޔަގީންކަމެއް ކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މީގެ އިތުރުން، މި ގާނޫނު ހުށަހަޅާފައިވާ ފަރާތަކީ ޖަސްޓިސް މިނިސްޓަރ އަޔެލެތް ޝަކެދް ކަމަށާއި އޭނާ އަކީ މީގެ ކުރިންވެސް ފަލަސްތީނުގެ ރައްޔިތުން މެރުމަށާއި ފަލަސްތީނަށް އެހީވާ ޖަމާއަތްތައް ނައްތާލުމަށް ވަކާލާތު ކުރަމުންދާ ފަރާތެއް ކަމަށްވެސް މި ގާނޫނާއި ދެކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.އިސްރާއިލްގެ ގާނޫނު ހަދާ މަޖިލިހަށް މި ބިލް ހުށަހަޅުއްވަމުން ޝަކޭދް ވަނީ މި ގާނޫނު ދިފާއު ކުރައްވާފައެވެ. އޭނާ ވިދާޅުވީ "ޓްރާންސްޕޭރަންސީ ބިލް" އަކީ އިސްރާއިލްގައި ހަރަކާތްތެރިވަމުންދާ ޖަމާއަތްތަކާއި ޖަމިއްޔާތައް އިތުރަށް ހަރުދަނާ ކުރުމަށް އެޅިގެންދާ ހަރުދަނާ ފިޔަވަޅެއް ކަމަށެވެ. އަދި، ގާނޫނާއި ދެކޮޅު ހައްދަވާ މަޖިލިސް މެންބަރުންނަށް ގާނޫނުގެ ހަގީގަތް އޮޅިފައިވާ ކަމަށެވެ. ޝަކެދް ވިދާޅުވީ ގާނޫނު ފާސްކުރުމަށް ދެކޮޅު ހައްދަވާ މެންބަރުން ދެކޮޅު ހައްދަވަމުން ގެންދަވަނީ އަސާސެއް ނެތް ބިރެއްގެ ސަބަބުން ކަމަށާއި މި ގާނޫނުގެ ސަބަބުން އެފަދަ ބިރުވެރިކަމެއް ކުރިމަތި ނުވާނޭ ކަމަށެވެ. މި ގާނޫނު ފާސްވެއްޖެނަމަ، އިސްރާއިލްގައި ހަރަކާތްތެރިވާ ހުރިހާ ޖަމިއްޔާ ޖަމާއަތްތަކުން އެ ޖަމާއަތްތަކަށް ފައިސާ ލިބޭ ގޮތާއި ފައިސާ ލިބޭ ފަރާތްތަކުގެ މާލީ ބަޔާނެއް ހުށަހަޅަންޖެހެ އެވެ. ނަމަވެސް، އިސްރާއިލުން ފޭރިގަނެފައިވާ ބިންތަކުގައި މީހުން ވަޒަންވެރި ކުރުވުމަށް ހަރަކާތްތެރިވާ އަދި އެހީވާ ޖަމާއަތްތައް މި ގާނޫނުގެ ދަށުން އިސްތިސްނާ ވެފައިވާ ކަން ފާހަގަކުރެވެ އެވެ.މި ގާނޫނު ފަސޭހަ ކަމާއެކު ފާސްވާނޭ ކަމަށް ބެލެވެ އެވެ. އިސްރާއިލްގައި ގާތްގަނޑަކަށް ފަނަރަހާސް އެންޖީއޯ ހަރަކާތްތެރިވާ އިރު، އޭގެ ތެރެއިން 70 އެންޖީއޯ އަކީ ސީދާ ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމަށް ހަރަކާތްތެރިވާ އެންޖީއޯ ތަކެވެ.