އައިއެސް ޖަމާއަތުގެ ހަމަލާތަކުން ސަލާމަތް ވުމަށްޓަކައި ބަޣްދާދުގެ ވަށައިގެން ކޮންކްރީޓް ފާރެއް ބިނާކުރުމަށް އިރާގު ސިފައިން އެކުލަވާލި ޕްލޭނަށް އެޤައުމުގެ ދިފާއީ ވަޒީރު ޚާލިދުލްއުބައިދީ ތާއީދު ކުރައްވައިފިއެވެ.އުބައިދީ ވިދާޅުވީ މިއީ ބަޣްދާދުގެ ހިމާޔަތާއި ރައްކާތެރިކަމަށް ރަނގަނޅު ޕްލޭނެއް ކަމަށާ އިރާގުގެ ކަންކޮޅުތަކުން ބަޣްދާދަށް އަންނަ އާންމުންގެ ހަރަކާތްތަކަށް މިފާރުގެ ސަބަބުން ހުރަސްނޭޅޭނެ ކަމަށެވެ. އިރާގުގެ ދިފާއީ ވަޒީރު މިހެން ވިދާޅުވެފައި މިވަނީ ބަޣްދާދުގެ ވަށައިގެން ފާރެއް ލުމަކީ އިރާގުގެ ކަންކޮޅުތަކަކުން އެސިޓީއަށް އަންނަ އާންމު ރައްޔިތުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހޭނެ ކަމެއް ކަމަށް ވިދާޅުވެ އެކަމާ ދެކޮޅަށް އިރާގުގެ ބޮޑުވަޒީރު ހައިދަރުލްއަބާދީ ވާހަކަ ދައްކަވާފައި ވަނިކޮށެވެ.އަބާދީ ވިދާޅުވެފައިވަނީ ބަޣްދާދުގެ ވަށައިގެން ކޮންކްރީޓް ފާރެއް ނުލިނަމަވެސް އައިއެސްގެ ޓެރަރިސްޓް ހަމަލާތަކުން އެސިޓީ ޙިމާޔަތް ކުރެވޭނެކަމަށެވެ. ފާއިތުވި ދެއަހަރު ބަޣްދާދުގައި ހިންގާފައިވާ ބޮންގޮއްވުމުގެ ޙަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ ހައްދު ފަހަނަޅާފައިވާ އައިއެސް ޖަމާއަތުންނެވެ.