ރާއްޖޭގައި ދިރިއުޅޭ މީހުންގެ މައުލޫމާތު އެއްކުރުމަށް ފަށާފައިވާ ބޯހިމެނުމުގެ މަސައްކަތުގައި އަތޮޅުތެރޭގެ 99 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ވިދާޅުވެއްޖެއެވެ.
ބޯހިމެނުމުގެ މަސައްކަތަކީ ޤައުމީ ތަރައްޤީއާއި ސީދާގުޅުންހުރި މުހިއްމު މަސައްކަތެކެވެ. ބޯހިމެނުމުގެ މަސައްކަތް މިމަހުގެ 13 ވަނަ ދުވަހު ފަށާފައިވާއިރު މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވަނީ މިމަހުގެ 27 ވަނަ ދުވަހަށެެވެ. ބޯހިމެނުމުގެ މަސައްކަތުގައި މިހާތަނަށް ކުރެވުނު މަސައްކަތްތަކުން އަތޮޅުތެރޭގެ ރަށްތަކުގައި ދިރިއުޅޭ މީހުންގެ ބޯހިމެނުމުގެ 99 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ސްޓެޓިސްޓިކަލް އޮފިސަރ ހުދާ ހަލީމް ވިދާޅުވީ އަތޮޅު ތެރޭގައި ބޯހިމެނުމުގެ މަސައްކަތް ކާމިޔާބު ކަމާއިއެކު ނިންމުމުގައި ކައުންސިލްތަކާއި، އާންމު ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބިގެން ގޮސްފައިވާކަމަށެވެ.
މައުލޫމާތުތައް ނަގާފައިވަނީ ޓެބްލެޓް ތަކުގައި ކަމަށްވުމުން، މިހާރު މަސައްކަތް ކުރަމުންދަނީ ޓެބްލެޓްތައް މާލެ ގެނެސް މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ. ބޯހިމެނުމުގައި މިހާތަނަށް މައުލޫމާތު އެއްކުރުމަށް އެންމެ ބޮޑު ގޮންޖެހުމެއް އޮތީ މާލެ ސަރަހައްދުގައެވެ. މާލެ އާއި ހުޅުމާލެ ސަރަހައްދުގައި ބޯހިމެނުމުގެ މުއްދަތު ވަނީ މިމަހުގެ 27 ވަނަ ދުވަހަށް އިތުރުކޮށްފައެވެ.
ކުރިއަށް އޮތް ހަތަރު ދުވަހުގެ ތެރޭގައިވެސް މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ މައުލޫމާތުތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހުދާ ވަނީ އިލްތިމާސް ކުރައްވާފައެވެ. މިމަސައްކަތުގައި ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެނިއުމަރޭޓަރުން އެކަށީގެންވާ އަދަދަށް ނެތުންކަމަށް ބިދޭސީންގެ މައުލޫމާތު އެއްކުރުމުގައި އިސްކޮސް ހަރަކާތްތެރިވާ އަންވަރު އަލީ ވަނީ ފާހަގަ ކުރައްވާފައެވެ. ކުރިއަށް އޮތް ހަތަރު ދުވަހުވެސް ތަފާތު ބަސްތައް އެނގޭ ފަރާތްތަކުގެ އެއްބާރުލުން ލިބިގެން ދިއުމަކީ މިމަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމެއްކަމަށް އަންވަރު ވިދާޅުވިއެވެ.
ބޯހިމެނުމުގެ މަސައްކަތަކީ ކޮންމެ 10 އަހަރަކުން އެއްއަހަރު ޤައުމުގެ ޙާލަތު ވަޒަންކޮށް ކުރިމަގުގައި ކުރިއަށްގެންދާ މަޝްރޫޢުތައް ޕްލޭންކުރުމަށް މަގުފަހިކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ ޤައުމީ ތަރައްޤީގެ މަސައްކަތެކެވެ. މީގެ ދަށުން ގޭބިސީތަކުގައި ދިރިއުޅޭ މީހުންގެ މަޢުލޫމާތާއި ދިރިއުޅުމުގެ ޙާލަތު ދެނެގަތުމަށް މަސައްކަތްކުރާނެއެވެ. އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރު ވިޔަފާރިތަކާއި މަސައްކަތްކުރާ އިދާރާތަކުގެ މަޢުލޫމާތުވެސް އެއްކުރުމަށްވަނީ ހަމަޖެހިފައެވެ.
މި މަސައްކަތުގައި ރައްޔިތުންގެ ފަރާތުން މިހާތަނަށްވެސް ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބެމުންދާކަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ފާހަގަކުރެއެވެ.