ބޮޑު ތިލަދުންމައްޗަކީ މިސަރުކާރުން ބޮޑުބަދަލެއް ގެނެސްދޭނެ ޖަޒީރާ ވަންތަ ރައްޔިތަކު ދިރިއުޅޭ ސަރަހައްދަކަށް ހަދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.
ބޮޑު ތިލަދުން މައްޗަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިއުވާން ވިދާޅުވީ މިދަތުރުފުޅުގެ ތެރެއިން ސަރުކާރުން ބޮޑު ތިލަދުންމައްޗަށް ގެނެސްދޭނެ ބޭނުންވާ ޖަޒީރާވަންތަ ތަރައްޤީގެ ގިނަ ކަންތައްތަކެއް ހާމަވެގެންދާނެކަމަށެވެ.
ރައީސް އޮޮފީހުން ވިދާޅުވީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިސްކަމެއްގެ ތެރެއިން އެއްވެސް ތަފާތު ކުރުމެއްނެތި ކުޑަރަށެއް ބޮޑުރަށެއް ބެލުމެއްނެތި، އަތޮޅު ތެރޭގެ ރަށްތަކަށް ދަނީ ތަރައްޤީ ގެނެސް ދެއްވަމުންކަމަށެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމުގެ މަޝްރޫޢު އަންނަ އަހަރު ކުރީކޮޅު ނިމިގެންދާއިރު މީގެކުރިން ނުފެށި ހުރި އަސާސީ އެތައް ޚިދުމަތެއް އަތޮޅުތެރެއިން ލިބޭނެ މަގު ސަރުކާރުން ދަނީ ފަހި ކުރަމުންކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން ވިދާޅުވީ ބޮޑު ތިލަދުން މައްޗަށް މިސަރުކާރުން ބޮޑު ބަދަލެއް ގެނެސްދެއްވާނެކަމަށެވެ. މިހާރުވެސް އެބަދަލުތަކުގެ މަސައްކަތް ފެށި ކުރިއަށްދާއިރު ބައެއް މަސައްކަތްތައް ރައީސްގެ ދަތުރުފުޅުގެ ތެރެއިން ފެށިގެން ދާނެކަމަށެވެ.
"ބޮޑު ތިލަދުންމައްޗަށް މިސަރުކާރުން މިގެންނަނީ ބޮޑު ބަދަލެއް. އެގޮތުން ބޮޑު ތިލަދުންމަތީގެ ތަރައްޤީގެ ތަފާތު އެކި މަޝްރޫޢުތައް ހިންގަމުންދާއިރު ހަނިމާދޫ އެއްޕޯޓް ތަރައްޤީ ކުރުން، އާރުޓީއެލް ފެރީގެ ނިޒާމު މިހާރު މިއޮތީ ގުޅާލެވި. ކުޅުދުއްފުށީ ހޮސްޕިޓަލް އިތުރަށް ތަރައްޤީ ކުރުމާއި، އަދި ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްކޮށް، ޖޫނިއާ ކޮލެޖް ޤާއިމްކޮށް ވަރަށް ގިނަ ތަރައްޤީގެ މަޝްރޫޢު ކުރިއަށް އެބަދޭ" މިއުވާން ވިދާޅުވިއެވެ.
މިމަހުގެ 26އިން 28އަށް ކުރައްވާ މިދަތުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހއ.އުތީމަށާއި ދިއްދުއަށާއި ހދ.ފިނޭއަށާއި ނައިވާދުއަށް ކަމަށެވެ. މިދަތުރުފުޅުގައި އެރަށްތަކުގެ ކައުންސިލްތަކާއި، އަންހެނުންގެ ކޮމެޓީތަކުގެ އިތުރުން މުއައްސަސާތަކުގެ ހާލަތުވެސް އެމަނިކުފާނު ބައްލަވާނެއެވެ.