ޤައުމެއް ޤައުމެއްގެ ގޮތުގައި ކުރިއަރާ ދިއުމުގައި ތަފާސްހިސާބަކީ ވަރަށްވެސް މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. ކޮންމެ ޤައުމަކުންވެސް އެ ޤައުމެއްގެ ތަރައްޤީގެ މިސްރާބު ކަނޑައަޅަނީ ޤައުމީ ފެންވަރުގައި އެއްކުރެވޭ ތަފާސްހިސާބުތަކަށް ރިޢާޔަތްކޮށެވެ.
8 އަހަރަށްފަހު ރާއްޖޭގައި ބޯހިމެނުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާއިރު، ޤައުމުގެ ކުރިމަގު ބިނާކުރުމުގައި ބޯހިމެނުމުން އެއްކުރެވޭ މަޢުލޫމާތުތައް ބޮޑު އެހީއަކަށްވާނެއެވެ. މާޒީއަށްބަލާއިރުވެސް އެކި ސަރުކާރުތަކުން ބަޖެޓާއި، ރައްޔިތުންނާގުޅުން ހުރި ސިޔާސަތުތަކާއި ތަރައްޤީގެ މަޝްރޫޢުތައް އެކުލަވާލުމުގައި ބޯހިމެނުމުން އެއްކުރެވޭ މަޢުލޫމާތުތަކަށް ވަރަށް ބޮޑަށް ބަރޯސާވެފައިވެއެވެ.
2021 ވަނަ އަހަރު އެކުލަވާލެވުނު ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނު ބުނާގޮތުން ދިވެހިރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމެއް މަދުވެގެން ކޮންމެ 10 އަހަރަކުން 1 ފަހަރު ބާއްވަންޖެހޭނެއެވެ. އަދި މި މަސައްކަތް ކުރިއަށްގެންދަންވާނީ ބޯހިމެނުމާ ގުޅޭގޮތުން ޢަމަލުކުރަމުންދާ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށްވެސް ޤާނޫނުގައި ބުނެފައިވެއެވެ. ބޯހިމެނުންތަކަށް މަޢުލޫމާތު ދިނުމަކީ މި ޤާނޫނުގެ ދަށުން އެންމެހައި ފަރާތްތަކަށް ލާޒިމުކުރާ ކަމެކެވެ.
މިއީ ކީއްކުރަން ކޮން ބޭނުމެއްގައި އެއްކުރާ މަޢުލޫމާތެއްތޯއާއި، މިކަމުން އާއްމުންނަށް ހުރި ފައިދާތަކަކީ ކޮބައިތޯ، މިއީ އަދިވެސް ބައެއް ފަރާތްތަކުން އުފައްދާ ސުވާލެކެވެ. ބޯހިމެނުމުގެ މުހިއްމުކަމާގުޅޭގޮތުން ވާހަކަދައްކަވަމުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ސީނިއަރ ސްޓެޓިސްޓިކަލް އޮފިސަރ ޢާއިޝަތު އާނިޔާ ވިދާޅުވީ، މިއީ ހަމައެކަނި މިއަދުގެ ބޭނުމަށް އެއްކުރެވޭ މަޢުލޫމާތުތަކެއް ނޫންކަމަށެވެ.
ބޯހިމެނުމުން އެއްކުރެވޭ މަޢުލޫމާތުގެ އަލީގައި ރާއްޖޭގައި އުޅޭ ދިވެހިންނާއި ބޭރު މީހުންގެ އާބާދީއާއި އުމުރުފުރާ، އަދި މުޅި ރާއްޖެއަށް އާބާދީ ބެހިފައިވާގޮތުގެ އެންމެފަހުގެ މަޢުލޫމާތު އެއްކުރެވިގެންދާނެއެވެ.
ޤައުމުގެ އިޖްތިމާޢީ، އިޤްތިޞާދީ ޙާލަތު ވަޒަންކުރުމަށްޓަކާ ބޯހިމެނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށާއި، އެތަނެއްގައި ދިރިއުޅޭ އާބާދީއަށް އަންނަ ބަދަލުތައް ދެނެގަނެވިގެންނޫނީ އެއްވެސް ޕްލޭނެއް ނުހެދޭނެކަން އާނިޔާ ފާހަގަކުރެއްވިއެވެ.
"ދިރިއުޅޭ އާބާދީއާއި ރަޖިސްޓާރޑް އެނގުމަކީ އެއީ ހަމަ ކޮންމެ ޤައުމަކަށްވެސް ވަރަށް މުހިއްމު މަޢުލޫމާތުތަކެއް. ސިޔާސަތުތައް ރާވާ ހިންގުމާއި، އިމަރޖެންސީއެއްގައި މިސާލަކަށް ދިމާވާ ކަންތައްތަކަށް އެންޓެންޓްވުމުގައި އާބާދީއަކީ ވަރަށް މުހިއްމު އެއްޗެއް. އެހެންވީމަ ރަށު ފެންވަރުގައި، އަތޮޅު ފެންވަރުގައިވެސް، އަދި ޤައުމީ ފެންވަރުގައިވެސް އެ އާބާދީއަކަށް އަންނަ ބަދަލުތައް ދެނެގަތުމަކީ މިއީ ޤައުމެއްގެ ކުރިއެރުމަށް ވަރަށް މުހިއްމު މަޢުލޫމާތުތަކެއް" އާނިޔާ ވިދާޅުވިއެވެ.
އަހަރުތަކަކަށްފަހު ރާއްޖޭގައި ބޯހިމެނުން ކުރިއަށްގެންދިއުމަށްޓަކާ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެނިއުމަރޭޓަރުންގެގޮތުގައި އެތައް ހާސް ބަޔަކު ތަމްރީންކޮށް މި މަސައްކަތަށް ނެރެފައިވާއިރު، މިކަމުގައި އެފަރާތްތަކުން ހަރަކާތްތެރިވަމުންދަނީ ވަރަށްވެސް ޖޯޝާ ފޯރީގައި، މިއީ ޤައުމީ މަސައްކަތެއްގެގޮތުގައި ދެކިގެންނެވެ.
އާނިޔާ ވިދާޅުވީ، ބޯހިމެނުމުގެ މަސައްކަތުގެ ކާމިޔާބީ ބިނާވާނީ، މިކަމުގައި ވަކިވަކި ފަރުދުންގެ ފަރާތުން ލިބޭ ބައިވެރިވުމާއި އެއްބާރުލުމުގެ މައްޗަށްކަމަށެވެ. އަދި މިކަމުން ހެޔޮ ނަތީޖާއެއް ނެރެވޭނީ، ބޯހިމެނުމުގައި އެއްކުރެވޭ މަޢުލޫމާތަކީ ސައްޙަ ތެދުމަޢުލޫމާތަށް ވެގެންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާ ބޮޑު ޚަރަދެއްކޮށްގެން ބޯހިމެނުން ކުރިއަށްގެންދާއިރުގައި، އޭގެ އެންޑަކަށްވާންޖެހޭނީ ސައްޙަ މަޢުލޫމާތުފޯރުކޮށްދިނުން އިނގޭތޯ. އެއީ ޤައުމެއްގެ ސިޔާސާތުތައް އެކުވަލާލުމުގައި އެލިބޭ މަޢުލޫމާތުތަކަށް ބިނާވެގެން އެ ސިޔާސަތުތަކާއި ޕްރޮޖެކްޓްތައް ކުރިއަށްދާނީ. އެހެންވީމަ މަޢުލޫމާތުގެ ސައްޙަކަމަކީ އެއީ ވަރަށް މުހިއްމުކަމެއް" އާނިޔާ ވިދާޅުވިއެވެ.
މިމަހުގެ 13 އިން ފެށިގެން ބޯހިމެނުމުގެ މަސައްކަތްތައް ރާއްޖޭގައި ފަށާފައިވާއިރު، އެންމެ ފުރަތަމަ ކުރިއަށްގެންގޮސްފައިވަނީ ގޭބިސީތަކާއި މަސައްކަތްކުރާ ތަންތަން ލިސްޓު ކުރުމުގެ މަސައްކަތެވެ. އަދި މިއަދުން ފެށިގެން ބޯހިމެނުމުގެ ތަފްޞީލު މަޢުލޫމާތު ގޭބިސީތަކުންނާއި މަސައްކަތްކުރާ ތަންތަނުން ނެގުން މިމަހުގެ 27ގެ ނިޔަލަށް ކުރިއަށްދާނެއެވެ.
މި މަސައްކަތުގައި ރައްޔިތުންގެ ފަރާތުން މިހާތަނަށްވެސް ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބެމުންދާކަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ފާހަގަކުރެއެވެ.