ދިވެހިރާއްޖޭގެ ޒަޢާމަތުގައިހުންނެވީ، ދިވެހިރާއްޖޭގެ ސަރަޙައްދުން ޒައްރެއްގެ މިންވަރުވެސް ބޭރު ޤައުމަކަށް ދޫކޮށްލައްވާނެ ވެރިއެއްނޫންކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވީ، ދިވެހިން ކުރިމަތިލައިގެން މިތިބީ ވަރަށް ތަފާތު އިޤްތިޞާދީ، އިޖްތިމާޢީ، އަދި ސަލާމަތީ ޙާލަތަކާއިކަމަށެވެ.
ދުނިޔޭގެވެސް އަދި ދިވެހިރާއްޖެ ހިމެނޭ އިންޑިއާ ކަނޑުގެ ސަރަހައްދުގެވެސް އިސްތިރާޖީ އަދި ސަލާމަތީ މަސްރަޙު ވަނީ އިހުނަށްވުރެ ހަލަބޮލިވެފައިކަން ފާހަގަކުރައްވާ މިނިސްޓަރ މާރިޔާ ވިދާޅުވީ، ޔުނިޕޯލަރ ނިޒާމަކުން މަލްޓިޕޯލަރ ނިޒާމަކަށް ދުނިޔޭގެ ބާރުތައް ބަދަލުވެފައިވާއިރު، ބޮޑެތި ބާރުތަކުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމާއި ވާދަވެރިކަމުގެ އަސަރުތައް ކުދި ޤައުމުތަކަށްވެސް ދަނީ ކުރަމުންކަމަށެވެ.
އެހެންކަމުން، ދިވެހިރާއްޖޭގެ ދިފާޢީ ދާއިރާ ބިނާކޮށް، ކުރިއެރުވުމަކީ މުހިންމު އަދި ރޭވުންތެރިކަމާއެކު ކުރަންޖެހޭ މަސައްކަތެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދެއްވި އެއްކަމަކީ، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ހުރި ތަފާތު ގޮންޖެހުންތަކަށް ރިޢާޔަތްކުރައްވާ، ދިފާޢީ އަދި ސަލާމަތީ ސިޔާސަތުތައް އެކުލަވާލައްވާ، އެ ސިޔާސަތުތަކުގެ މައްޗަށް ދިވެހިރާއްޖޭގެ ދިފާޢީ އަދި ސަލާމަތީ ނިޒާމުތަކާއި އިންތިޒާމްތައް ބައްޓަން ކުރެއްވުންކަމަށެވެ.
ދިވެހިރާއްޖޭގެ ދިފާޢާއި ސަލާމަތަށް ހުރި ބޮޑެތި ގޮންޖެހުންތަކަށް ބަލާއިރު، ޓެރަރިޒަމް އާއި ހަރުކަށި ފިކުރުގެ ނުރައްކާއާއި، ޑްރަގްގެ ވިޔަފާރިއާއި، މޫސުމީ ބަދަލުގެ ސަބަބުން ދިފާޢާއި ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ޤަވާޢިދާޚިލާފަށް ދިވެހި މަސްކަނޑުތަކުން މަސްވެރިކަންކުރުމާއި، ކަނޑުގެ ވެއްޓަށް ތެޔޮއެޅުން ފަދަ މެރިޓައިމް ޕޮލިއުޝަން އާއި، މެރިޓައިމް އެކްސިޑެންޓް ހިމެނޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޗައިނާ، އިންޑިއާ އަދި މިނޫންވެސް ބޮޑެތި ޤައުމުތަކުގެ ވާދަވެރިކަން އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އިތުރުވީ ވަރަކަށް އޭގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތައްވެސް އިތުރުވަމުންދާކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.
މިހުރިހާ ކަމަކަށް ރިޢާޔަތްކޮށް އެކުލަވާލި ދިވެހިރާއްޖޭގެ ދިފާޢީ ދާއިރާގެ ޕޮލިސީ ކަނޑައަޅާ ޑިފެންސް ވައިޓް ޕޭޕަރާއި، ދިވެހިރާއްޖޭގެ ނެޝަނަލް މެރިޓައިމް ސެކިއުރިޓީ ސްޓްރެޓެޖީ ޝާއިޢުކުރުމަށް ތައްޔާރުވަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި، ދިވެހިރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި، އިންޓެގްރޭޓެޑް ބޯޑަރ މެނޭޖްމަންޓް ސްޓްރެޓެޖީއެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ދިފާޢީ ސިޔާސަތުގައި ޑިފެންސް ޑިޕްލޮމެސީ ވަރަށް މުހިންމު ދައުރެއް އަދާކުރާކަމަށާއި، ހަލަބޮލިވަމުންދާ އިސްތިރާޖީ މާޙައުލެއްގައި އަވަށްޓެރިންނާއި ދުރުވެ، ބައިނަލްއަޤްވާމީ މުޖުތަމަޢުން ބާކީވެތިބެ، ރާއްޖެއަށް ރައްކާތެރިކަން ހޯދޭނެކަމަށް ހީވާނަމަ އެއީ ކޮށި ވިސްނުމެއްކަމަށްވެސް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.
"މުޅި ސަރަހައްދުގެ އަމާންކަމަށް ނޭދެވޭ އަސަރުކުރާ ގޮތަށް ޢަމަލުތައް ބަހައްޓައިގެން ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތް ކަށަވަރުކުރެވިދާނެކަމަށް ދުށުމަކީ އަވާމެންދުރެއް. ދިވެހިރާއްޖެ އޮތް ސަރަޙައްދުގެ ގޮތުން، ދުނިޔޭގެ ހުރިހާ ބޮޑެތި ބާރަކުންވެސް ރާއްޖެއަށް ބަލާނެ. އެކިބާވަތުގެ ގޮންޖެހުންތަކާ ރާއްޖެ ކުރިމަތިލާންޖެހޭނެ. އެއީ، އިސްތިރާޖީ ޙަޤީޤަތް. މިހުރިހާ ގޮންޖެހުމެއްގެ ތެރޭގައިވެސް، އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަރަށް ޙިކުމަތްތެރިކަމާއެކު ޤައުމުގެ ކަންކަން ކުރިއަށް އެގެންދަވަނީ ދިވެހި ރައްޔިތުންނަށް އެންމެ މަންފާހުރި، އަދި ޤައުމުގެ އެންމެ މަތީ މަޞްލަޙަތުތައް ޙިމާޔަތްކޮށް ރައްކާތެރިކުރެވޭނެ ގޮތަށް. މިއަދު ދިވެހިރާއްޖޭގެ ޒަޢާމަތުގައިހުންނެވީ، ދިވެހިރާއްޖޭގެ ސަރަޙައްދުން ޒައްރެއްގެ މިންވަރުވެސް ބޭރު ޤައުމަކަށް ދޫކޮށްލައްވާނެ ވެރިއެއްނޫން. ރައީސް ޞާލިޙަކީ ރައްޔިތުންގެ އިޙްސާސްތައް އަޑުއައްސަވާ، ޤައުމުގެ ސަލާމަތީ ޙާލަތު ފަހުމްވާ ވެރިއެއް. ދިފާޢީ އަމާޒު ހިފަންވީ މިސްރާބު ދެނެވަޑައިގަންނަވާ ލީޑަރެއް." މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ސިފައިންނަށް ބޭނުންވާ އާލާތާއި ވަޞީލަތް ހޯއްދަވާދެއްވާ، ސިފައިންގެ ޤާބިލްކަން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވަރަށް މުހިންމު ވައުދެއްކަން ހާމަކުރައްވާ ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތު އަދި މުޖުތަމަޢުގެ ރައްކާތެރިކަން ކަށަވަރު ކުރެވެން އޮތީ ދިވެހި ކަނޑުތަކާއި ދިވެހިރާއްޖޭގެ މެރިޓައިމް ބޯޑަރު ބަލަހައްޓާ، ކަނޑުމަތީގެ ޙާދިސާތަކުންނާއި، ކަނޑުގެ ޒަރީޢާއިން އުފަންވާ ކާރިސާތަކުން ރައްޔިތުން ސަލާމަތްކޮށްގެންކަމަށެވެ. އަދި، މިކަންކަމަށް ބޭނުންވާ ވަޞީލަތްތައް ހޯދާ، އިންތިޒާމުތައް ހަމަޖައްސާ، ތަމްރީންވެ ތައްޔާރަށް ތިބެގެންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"މިސަރުކާރު ވެރިކަމާ ޙަވާލުވިއިރު ކޯސްޓްގާޑްގެ ހުރިހާ ބޮޑެތި އުޅަނދުތައް އޮތީ ނުދުވާ ހާލަތުގައި. މިއަދު އެއް އުޅަނދު ފިޔަވާ ހުރިހާ އުޅަނދެއް އޮޕަރޭޝަނަލް ޙާލަތަށް ގެނެސް ކޯސްޓްގާޑުން އެދަނީ ބޭނުންކުރަމުން. ހަމައެހެންމެ، ކޯސްޓްގާޑް ޝިޕް ހުރަވީގެ ޙާލަތު ދަށްވަމުންދާތީ ބަދަލުގައި އެހެން އުޅަނދެއް ލިބޭނެ މަގު ރައީސުލްޖުމްހޫރިއްޔާ އެވަނީ ފަހިކޮށްދެއްވާފަ. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށާއި، ސާރޗް އެންޑް ރެސްކިއު، އަދި ކަނޑުމަތީގައި ހިނގާ އަލިފާނާއި، އެހެނިހެން ޙާދިސާތަކުގައި ރައްޔިތުންގެ ފުރާނަ އާއި މުދާ ސަލާމަތްކުރުމަށް ބޭނުންކުރާނެ އެހެނިހެން އުޅަނދުތަކާއި ވަޞީލަތްތައްވެސް މިދަނީ ހޯދަމުން. ސިފައިންނަށް ބޭނުންވާ އެންމެ ޒަމާނީ ހަތިޔާރާއި އާލާތްތައް ހޯދާ މިހަތިޔާރާއި ވަސީލަތްތައް ބޭނުންކޮށްގެން ތަމްރީންތައް ދަނީ ބާރު ސްޕީޑުގައި ކުރިއަށް." މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.
ސިފައިންގެ ތާރީޚުގައިވެސް ދިފާޢީ ދާއިރާއިންކުރެވޭ އެންމެ ބޮޑު ތަރައްޤީގެ މަސައްކަތްކަމުގައިވާ ސިފަވަރުގައި ޤާއިމްކުރާ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑް އަވަށްޓެރި އިންޑިއާގެ ހިލޭ އެހީގައި ޤާޢިމްކުރުމުން، ސިފައިންގެ އުޅަނދުތައް މަރާމާތުކޮށް ބެލެހެއްޓުމަށާއި، މެރިޓައިމް ޓްރޭނިންގއާއި ޑައިވިންގ އެންޑް ސެލްވޭޖް އޮޕަރޭޝަންތައް ރާވާ ހިންގުމަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން، ސިފައިންގެ ބަޑިޖެހުމުގެ ހުނަރު މަތީމިންގަނޑެއްގައި ދެމެހެއްޓުމަށް ސިފައިންގެ ތަމްރީން ނިޒާމުގެތެރެއަށް ތަޢާރަފްކުރުމަށް މަސައްކަތްކުރަމުންދާ މާކްސްމަންޝިޕް އަދި ކޮމްބެޓް ޓްރޭނިންގ ސިމިއުލޭޓަރ ޤާއިމްވުން ވެގެންދާނީ ސިފައިންގެ ތަމްރީނަށް ލިބޭނެ ޒަމާނީ ބޮޑު ކުރިއެރުމަކަށްކަމަށް މިނިސްޓަރ ސިފަކުރެއްވިއެވެ.
"އަޅުގަނޑުމެން ސަރުކާރާ ޙަވާލުވިއިރު، ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރ ފައިޓަރުންނަށް ލިބެނީ ހަމައެކަނި ދިވެހިރާއްޖެއިން ދެވޭ ތަމްރީން. އެހެންނަމަވެސް، މިހާރު މުޅި ސަރވިސްއަށް ބޭނުންވާ ހުރިހާ ލެވެލްއެއްގެ ތަމްރީންތަކަށް ރާއްޖެއިން ބޭރުން ފުރުޞަތު ހޯދާ، އެފުރުޞަތުތަކަށް ސިފައިންގެ ފަޔަރ ފައިޓަރުން ފޮނުވައިގެން މިދަނީ ތަމްރީނު ދެމުން. އިރާދަކުރެއްވިއްޔާ، ކުރިމަގުގައި މިޕްރޮގްރާމްތައް އިތުރަށް ފުޅާވެގެންދާނެ."
މިނިސްޓަރގެ ވާހަކަފުޅުގައި، ދިމިޤްރާތީ ހަމަޔަކީ، އަސްކަރިއްޔާގެ މައްޗަށް ޤާނޫނީ ސަރުކާރުގެ ފުރިހަމަ ބާރާއި އިޚްތިޔާރު އޮތުންކަމަށާއި، ސަރުކާރަށް ލާޒިމުވަނީ، ސިޔާސީ ނުފޫޒާއި ޣައިރުޤާނޫނީ އަމުރުން ސިފައިން އެއްކިބާކޮށް، ޕްރޮފެޝަނަލް އަދި ޤާބިލް ބައެއްގެ ގޮތުގައި އަސްކަރިއްޔާ ދެމެހެއްޓުންކަމަށް ވިދާޅުވިއެވެ. ނޮވެމްބަރު 2018 އާ ދިވެހިރާއްޖެ ކުރިމަތިލިއިރު، ދިވެހި ރައްޔިތުންގެ ގިނަ ބަޔަކު ދެކެމުން އައީ، ސިފައިންނަކީ ޑިމޮކްރެޓިކް ނިޒާމަށް އޮތް ބިރެއް ގޮތުގައިކަން ސިފަކުރައްވާ މިނިސްޓަރ ވިދާޅުވީ ރައްޔިތުން ދުށީ ސިފައިންނަކީ، ރައްޔިތުންގެ މަޖިލިސް ޙިސޯރުކޮށް ރައްޔިތުންގެ އަޑު ކަނޑުވާލުމަށާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުކޮށް އިންސާފުގެ ދޮރުތައް ބަންދުކުރުމަށާއި، އިލެކްޝަންތައް ހުއްޓުވާ، ރައްޔިތުން އެމީހުންގެ ވެރިން އިޚްތިޔާރުކުރުމުގެ ޙައްޤުން މަޙުރޫމްކުރުމަށް ސަރުކާރުން ބޭނުންކުރާ ވަޞީލަތެއް ގޮތުގައިކަމަށެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް 2018 ނޮވެމްބަރު 17 ވަނަދުވަހު ދިވެހިރާއްޖޭގެ ވެރިކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު ވެވަޑައިގެން ވައުދުގެ ހަނދާން އައުކުރައްވާ މިނިސްޓަރ ވިދާޅުވީ، ދިވެހި އަސްކަރިއްޔާ ސިޔާސީ ނުފޫޒުން އެއްކިބާކޮށް، ސިފައިންގެ ޤާބިލްކަން އިތުރުކޮށް،
ރައްޔިތުންގެ އިޙުތިރާމާއި ލޯތްބާއި އިތުބާރު ލިބިފައިވާ އަސްކަރިއްޔާއެއް ދިވެހި ރައްޔިތުންނަށް ބިނާކޮށްދެއްވުމަށްކަމަށެވެ. މިއަދުގެ ދިވެހި ސިފައިންނަކީ ރައްޔިތުންގެ ލޯބި ލިބިފައިވާ، ރައްޔިތުންގެ އިޙުތިރާމް ލިބިފައިވާ، ރައްޔިތުން އިތުބާރުކުރާ، ރައްޔިތުންނަށް ޖަވާބުދާރީވާ ޑިމޮކްރެޓިކް ނިޒާމަށް އަހުލުވެރި ބައެއްކަމަށްވެސް ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.
ސިފައިންނަށް މޮޅު ހޯދޭނީ، ސިފައިން ޕްރޮފެޝަނަލް ވެގެންކަމަށާއި، ޤައުމަށް ހުރި ނުރައްކާތަކާއި ގޮންޖެހުންތައް ދެނެގަނެ އެކަންކަމަށް ޕްރޮފެޝަނަލް ބާރެއްގެ ގޮތުގައި ދެމިތިބެ ޙައްލު ހޯދާދީގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސިފައިންނަކީ ޤާނޫނީ ހަމަތަކުގެތެރެއިން ރައްޔިތުން އިންތިޚާބު ކުރާ ސަރުކާރަށް އެއްބާރުލުންދީ ޤާނޫނީ އިމުގެ ތެރެއިން ސަރުކާރު ދަމަހައްޓާ، ސަރުކާރުގެ ސިޔާސަތުތައް ނަގަހައްޓާ ބަޔަކަށް ވެގެންކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.