ގދ. މަޑަވެލި އަދި ހޯނޑެއްދޫ ބްރިޖަކުން ގުޅާލުމަށް ހިންގާ މަޝްރޫޢާއެކު އިޤްތިޞާދީގޮތުން އެ ސަރަޙައްދަށް އައު ދިރުމެއް ލިބިގެންދާނެކަމަށް މި މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
2018 ވަނަ އަހަރު ތަރައްޤީކޮށް ނިންމި މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ މުޅިން ނަގާ، އެއް ފަޅެއްގައި އޮންނަ މި ދެރަށް ބްރިޖަކުން ގުޅާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 26 އޮކްޓޯބަރު 2021 ގައެވެ.
މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ ނަގާ، އެތަނުގައި ބްރިޖެއް އަޅަން ސަރުކާރުން ނިންމެވީ، ކޯޒްވޭގެ ސަބަބުން އެ ދެ ރަށަށްވެސް ތިމާވެށީގެ މައްސަލަތަކެއް ކުރިމަތިވާން ފެށުމުންނެވެ. މި ކޯޒްވޭ އަޅާފައިވަނީ ފަޅު ހުރަސްކޮށް، އަޑިން އޮއެ ދައުރުކުރާނެ ރަނގަޅު ނިޒާމެއް ނެތި ކަމަށްވާތީ، ތިމާވެށީގެ ގިނަ މައްސަލަތަކެއް ދެ ރަށަށް ކުރިމަތިވާންފެށިއެވެ. ޚާއްސަކޮށް އުދައިގެ ލޮނުގަނޑު ކޯޒްވޭގެ މައްޗަށް އަރާ ރަށުތެރެއަށް ރާޅު އަރަމުން ދިއުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވިއެވެ. އަދި މިކަމުގެ ސަބަބުން ރަށުތެރެއަށް ލޮނު ވަދެ، ހޯނޑެއްދޫ ދަނޑުބިންތަކަށްވެސް ގެއްލުންވަމުންދިޔައެވެ.
މި ކޯޒްވޭ ނަގައި، އެތަނުގައި ބްރިޖެއް އެޅުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ގދ. ހޯނޑެއްދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު ޙުސެއިން ފިރުޝާނާއި، މަޑަވެލި ކައުންސިލުގެ ރައީސް ފިޔާޒް ޙަސަނާއި، ހޯނޑެއްދޫ ކައުންސިލުގެ ރައީސް ޙުސެއިން ވާރިޝްގެ އިތުރުން އެމް.ޓީ.ސީ.ސީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، މަޑަވެލި ހޯނޑެއްދޫއަކީ ހުވަދުއަތޮޅުގެ މުހިއްމު ދެ ރަށެއްކަމަށާއި، މިއީ ތާރީޚީގޮތުންވެސް ވަރަށް ބޮޑަށް ގުޅިފައިވާ ދެ ރަށް ކަމަށެވެ. އަދި މި ދެ ރަށް ބްރިޖަކުން ގުޅާލުމަށް ހިންގާ މަޝްރޫޢުގެ ތެރެއިން، ތިމާވެށީގެގޮތުން މިހާރު ދިމާވެފައިވާ މައްސަލަތަކަށް ޙައްލު ލިބި، މި މަޝްރޫޢު ޕްލޭން ކުރެވިފައިވާ މުއްދަތުގެ ތެރޭގައި ނިންމާލެވޭނެކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް މި މަޝްރޫޢު ސިފަކުރައްވާފައިވަނީ އިޤްތިޞާދީގޮތުން އައު ދިރުމެއް ލިބިގެންދާނެ ވަރަށް އުއްމީދީ މަޝްރޫޢެއްގެގޮތުގައެވެ.
"މި ބްރިޖު ހެދިގެންދާނީ ތިރިން އޮއިދެމޭގޮތަށް، އަދި ބްރިޖު މަތިން ހެވީ ވެހިކަލަށްވެސް ދަތުރުކުރެވޭ ފެންވަރަށް. މި އެޅޭ ބްރިޖަކީ އޭގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ހޯދައިދޭނެ ބްރިޖެއް. އިރާދަކުރެއްވިއްޔާ މި ބްރިޖު މިހާރު ޕްލޭންކުރެވިފައިވާ މުއްދަތުގެ ތެރޭގައި ނިމި ރައްޔިތުންނަށް ޚިދުމަތް ލިބެން ފަށާއިރު މިހާރު ތަޖުރިބާކުރަމުންދާ ރަށްގިރުމުގެ މައްސަލައަށްވެސް ޙައްލު ލިބިގެންދާނެ. ބްރިޖާއި ރަށާގުޅޭ ދިމާލުގައި ބޮޑު ހިލަޖަހަން ނިންމާފައި އެވަނީ މި ދެންނެވި ގިރުމުގެ މައްސަލައަށް ޙައްލެއް ހޯދައިދޭން" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މި ބްރިޖާއެކު ގުޅާލެވިގެން މިދަނީ ހަމައެކަނި މަޑަވެލި-ހޯނޑެއްދޫ، މި ދެ ރަށް ނޫންކަމަށެވެ. މި މަޝްރޫޢާއެކު އެ ދެރަށާއި އެއްފަޅެއްގައި އޮންނަ ކަންނިގިލާއާއި ހާދޫވެސް ގުޅާލެވިގެންދާނެކަމަށެވެ. އަދި މި ދެ ރަށަކީ އިޤްތިޞާދީ މަސައްކަތްތައް ކުރެވެން އޮތް ދެރަށަށްވާތީ، ބްރިޖުގެ ސަބަބުން އެ ސަރަޙައްދަށް ދިރުން ގެނުވާނެކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މިއީ ފަތުރުވެރިކަމަށްވެސް މި ދެ ރަށް ހުޅުވި، އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާއިން ގިނަ ފައިދާތަކެއް ލިބިގެންދާނެ މަޝްރޫއެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން 260 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ޙިމާޔަތްކުރުމާއި، ބްރިޖުގެ 2544 ކިއުބިކް މީޓަރުގެ ސެގްމަންޓް ކޮންކްރީޓް މަސައްކަތް ކުރުން ހިމެނެއެވެ. އަދި 285 ސްޕަން ޕައިލް ހަރުކުރުމާއި، 4596 އަކަ މީޓަރުގެ ސަރަޙައްދުގައި ތާރު އަޅާ، 1378 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވިންގ ހެދުމުގެ މަސައްކަތް ހިމެނެއެވެ.
ހަމައެހެންމެ ބްރިޖަށް ދެވެން އޮންނަ މަގުތައް ނުވަތަ އެޕްރޯޗް ރޯޑުގެ 3144 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ހެދުމާއި، ތާރު އެޅުމުގެ މަސައްކަތް މި މަޝްރޫޢުގެ ތެރެއިން ކުރެވިގެންދާނެއެވެ. މީގެ އިތުރުން ރެއިލިންގ އަދި މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ކުރެހުންވެސް މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ. މުޅި މި މަޝްރޫޢަށް 84.17 މިލިއަން ރުފިޔާ ޚަރަދުވެގެންދާނެއެވެ.