ރ.މީދުއާއި، އދ.ދަނގެތީގެ ފެނުގެ ނިޒާމް ޤާއިމް ކުރުމަށް ދެ ކުންފުންޏަކާއި ޙަވާލުކޮށްފިއެވެ.މި ދެ މަޝްރޫޢަކީވެސް ސަރުކާރުގެ ބަޖެޓުން ޚަރަދު ކުރައްވައިގެން ކުރިއަށްގެންދަވާ ދެ މަޝްރޫޢެވެ. މާޅޮސްމަޑުލު އުތުރުބުރީ މީދޫގައި ފެނުގެ ނިޒާމް ޤާއިމް ކުރުމަށް ޙަވާލުކުރެއްވީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމް.ޑަބްލިއު.އެސް.ސީ އާއެވެ. މި އެއްބަސްވުމުގައިވާ ގޮތުން މީދޫގެ ފެނުގެ ނިޒާމް ފަރުމާ ކުރުމަށް ބޭނުންވާ ސަރވޭ އާއި ޑިޒައިން މަސައްކަތްވެސް ކުރާނީ އެ ކުންފުނިންނެވެ. މިއީ 30.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. އަރިއަތޮޅު ދެކުނުބުރީ ދަނގެތީގައި ޤާއިމްކުރާ ފެނުގެ ނިޒާމް ޑިޒައިންކޮށް ބިލްޑް ކުރުމަށް ޙަވާލުކުރެވުނީ، އިންޑިޔާގެ ލަކީ އެކްސްޕޯޓްސް ކުންފުންޏާއެވެ. މިއީ އެ ކުންފުނިން ރާއްޖޭގެ ކުރިއަށްގެންދާ ފުރަތަމަ މަޝްރޫޢުކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން މަޢުލޫމާތުދެއްވައެވެ. ދަނގެތީ ފެނުގެ ނިޒާމަށް 26.4 މިލިއަން ރުފިޔާ ހޭދަ ކުރުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއި ކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރައްވަމުންދަނީ އެއްވެސް ފިކުރަކަށް ނުބަލާ އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދެއްވުމަށް ކަމަށެވެ. އަދި މި ފަދަ މަޝްރޫޢުތައް ކާމިޔާބު ކަމާއި، ހަލުވި ކަމާއެކު ކުރިއަށް ގެންދިއުމުގައި ރަށްރަށުގެ ރައްޔިތުންގެ އެއްބާރުލެއްވުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވީ، މީދުއަކީ މިހާރުވެސް ނަރުދަމާ ނިޒާމްގެ މަސައްކަތް އެ ކުންފުނިން ކުރަމުންގެންވާ ރަށަކަށް ވުމާއެކު، ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްގެންދެވޭނެކަމަށެވެ. ދަނގެތީ ފެނުގެ ނިޒާމްގެ މަސައްކަތް ޙަވާލުކުރި، އިންޑިޔާގެ ލަކީ އެކްސްޕޯޓްގެ ޑިރެކްޓަރ ވިނޭ ސިންގހް ވިދާޅުވީ، އެ ކުންފުންޏަކީ ރާއްޖެއަށް އާ ކުންފުންޏަކަށް ވީ ނަމަވެސް، އިންޑިޔާގައި ފެނުގެ ނިޒާމްގެ އެތައް ޕްރޮޖެކްޓެއް އެކުންފުނިން ކުރިއަށްގެންގޮސްފައިވާކަމަށެވެ. ދަނގެތީގައި ޤާއިމް ކުރާ ފެނުގެ ނިޒާމްގެ މަސައްކަތް ކައިރި މުސްތަޤްބަލެއްގައި ފެށި، ކަނޑައެޅިފައިވާ ތާރީޚަށް މަސައްކަތް ނިންމާލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.ކުންފުނިތަކާއެކު އެންވަޔަރމަންޓް މިނިސްޓްރީން ވެފައިވާ އެއްބަސްވުމުގެ ދަށުން، ރ މީދޫގައި ޤާއިމްކުރާ ފެނުގެ ނިޒާމް، ސޮއި ކުރާ ތާރީޚުން ފެށިގެން 330 ދުވަސް ތެރޭގައި ނިންމަންޖެހެއެވެ. އަދި ދަނގެތީ ފެނުގެ ނިޒާމް 270 ދުވަހުގެ ތެރޭގައި ނިންމުމަށް އެއްބަސްވެފައިވެއެވެ.