ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗް ގޭމް) އިން ރާއްޖޭގެ ގެސްޓްހައުސްތައް އިޝްތިހާރުކުރުމަށް މާކެޓިން ޕްލެޓްފޯމްއެއް ތައާރަފްކޮށްފިއެވެ. މި ޕްލެޓްފޯމް ތައާރަފްކޮށްފައިވަނީ އެ ޖަމިއްޔާގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ.
އެންއެޗް ގޭމްއަކީ ރާއްޖޭގެ ގެސްޓްހައުސްއާއި ހޮޓެލްތައް އިޝްތިހާރުކުރުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ. ކުރިން ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނަމުގައި ހިންގަމުން އައި ޖަމިއްޔާ ޤައުމީ ފެންވަރުގެ ޖަމިއްޔާއެއްގެ ގޮތުގައި ބަދަލުކޮށް ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނަމަށް ބަދަލުކޮށްފައިވަނީ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ.
މާފުށީގައި ބޭއްވި މިއަހަރުގެ އެންއެޗް ގޭމްގެ އަހަރީ އާންމު ޖަލްސާގައި ގެސްޓްހައުސް ސިނާއަތް ތަމްސީލްކުރައްވާ 40 އަށްވުރެ ގިނަ ފަރާތުން ވަނީ ބައިވެރިވެފައެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެންއެޗް ގޭމްގެ ނައިބުރައީސް އަބްދުލް ސަމީއު ވިދާޅުވީ، މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރިއަށްދިޔައީ ގެސްޓްހައުސްތައް ވަކިން އިޝްތިހާރުކުރެވޭފަދަ މާކެޓިން ޕްލެޓްފޯމެއް ޤާއިމްކުރުންކަމަށެވެ. މިއީ ހުރިހާ ފަންތިއެއްގެ ގެސްޓްހައުސްތަކާއި އަދި ހޮޓެލްތަކަށްވެސް އިޝްތިހާރުކުރެވޭނެ ފުރުސަތު ފަހިކުރުމުގެ ގޮތުން ތައާރަފްކުރި މާކެޓިން ޕްލެޓްފޯމްއެއް ކަމަށް ސަމީއު ވިދާޅުވިއެވެ.
މި ޕްލެޓްފޯމްއަށް ކިޔަނީ "އައި އޭމް މޯލްޑިވްސް" އެވެ. މި ބްރޭންޑްގެ ކޮންސެޕްޓް އިންނަގޮތުން ވަކިވަކި އަތޮޅުތަކާއި އަދި ރަށްތަކަށްވެސް މި ބްރޭންޑް ބޭނުންކޮށްގެން މާކެޓްކުރެވޭނެއެވެ.
އެންއެޗް ގޭމްއިން ބުނީ ގެސްޓްހައުސްތައް މާކެޓްކުރުމަށް އެ ޖަމިއްޔާއިން ކުރަމުންދާ މަސައްކަތުގެ ދަށުން ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު މެގަޒިންއެއް ނެރުމަށްވެސް ހަމަޖެހިފައިވާކަމަށެވެ. އަދި "އައި އޭމް މޯލްޑިވްސް" ބްރޭންޑްގެ ދަށުން މާލެއާއި މާލެކައިރި ރަށްރަށުގައިވެސް އެކިއެކި ހަރަކާތްތައް ހިންގުމަށް މިހާރު މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ގެސްޓްހައުސްތަކަށް ބައިވެރިވެވޭނެފަދަ ގޮތަކަށް ފެއަރތައް ބޭއްވުމަށް ރާވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގެސްޓްހައުސްއަށް ޚާއްސަ މާކެޓިން ޕްލެޓްފޯމްއެއް އެންއެޗް ގޭމްއިން ތައާރަފްކޮށްފައިވާއިރު މިކަމަށް ދާއިރާގެ ފަރާތްތަކުގެ ތަރުހީބު ލިބެމުން އަންނަކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. އޭގެތެރޭގައި މަޓާޓޯ، މޯލްޑިވިއަން އަދި މަޓީ ފަދަ ޖަމިއްޔާތައް ހިމެނެއެވެ.