ޚަބަރު

ނާއިބު ރައީސް ގޮވާލެއްވީ ތަންފީޒީ އިދާރާތަކުން އެއްވެސް މީހަކަށް ތަފާތުކުރުން ނުގެންގުޅުމަށް


އަދުލުއިންސާފަކީ ވަކި ބަޔަކަށް އޮތް އެއްޗެއް ނޫންކަމަށާއި، އެއްވެސް މީހަކާމެދު ތަފާތުކުރުން ނުގެންގުޅުމަށް ތަންފީޒީ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތެއްގެ ގޮތުގައި ދޭންފެށިތާ 18 އަހަރުފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވީ، ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ފުލުހުންގެ ޚިދުމަތަށް ތަފާތު ހެޔޮ ބަދަލުތައް އައިސްފައިވާކަމަށެވެ. އެ ހެޔޮބަދަލު ގެންނެވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ނާއިބު ރައީސް ވިދާޅުވީ ފުލުހުންނަކީ ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތްކުރާ ބައެއްކަމަށެވެ. ފުލުހުންނަށް ރައްޔިތުންގެ އިތުބާރު އޮންނަނީ ފުލުހުން ކުރައްވާ މަސައްކަތުގެ ހަރުދަނާކަމާއި، އެއްވެސް ތަފާތުކުރުމެއް ނެތި ކުރާ މަސައްކަތުގެ މައްޗަށްކަމަށްކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

ފާއިތުވި 20 އަހަރަކީ ރާއްޖެއަށް އެހާ ފަސޭހަ ދުވަސްތަކެއް ނޫންކަމަށް ސިފަކުރައްވާ ނާއިބު ރައީސް ވަނީ، އެއީ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ދުވަސްތަކެއްކަމަށް ވިދާޅުވެފައެވެ. އެ މުއްދަތުގައި ފުލުހުންނަށްވެސް ގޮންޖެހުން ކުރިމަތިވިކަން ފާހަގަކުރައްވާ ނާއިބު ރައީސް ވިދާޅުވީ، އެ ގޮންޖެހުންތަކާއެކުވެސް ގިނަ ހެޔޮބަދަލުތަކެއް ޤާނޫނުތަކުންވެސް ފުލުހުންގެ ޚިދުމަތަށް އައިސްފައިވާކަމަށެވެ.

ފުލުހުންގެ މުއައްސަސާއަށް ބަދަލު ގެނައުމަށް ސަރުކާރުންގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށާއި، އެގޮތުން ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް ބިނާކުރުމާއި ވަސީލަތްތައް ހޯދުމަށާއި، ތަމްރީންގެ ފުރުޞަތުތައް އިތުރުކޮށް، ތަމްރީން ލިބިފައިވާބައެއްގެ ގޮތުގައި ފުލުހުންގެ ސަފުތައް ތައްޔާރުކުރުމަށް ވަރަށް ގިނަ މަސައްކަތް ކުރެވެމުން އަންނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ޚާއްޞަކޮށް ރައްޔިތުންނަށް އަމާންކަން ހޯދައިދިނުމަށްޓަކައި، ޤައުމުގެ ސުލްހަ މަސަލަސްކަން ޤާއިމްކޮށް ރައްކާތެރި ވެއްޓެއް ޤާއިމްކުރުމަށްތަކައި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އެބަ ގެންދަވާ. އަޅުގަނޑު ޚާއްޞަކޮށް މި ދަތި އުނދަގޫ ކަންތައްތަކުގެ ތެރެއަށް ރައްޔިތުންނަށް އަމާންކަން ގެނެސްދިނުމަށްޓަކައި މި ދެންނެވި ކަންކަން ފުރިހަމަކޮށްދިނުމަށްޓަކައި ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްތައް ފާހަގަކޮށް އަޅުގަނޑު އެމަނިކުފާނަށް ވަރށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން." ނާއިބު ރައީސް ވިދާޅުވިއެވެ.

ނާއިބު ރައީސްގެ ވާހަކަފުޅުގައި ދިވެހިންގެ ވެށީގައި ހުރި ކުށްތަކުގެ %90 ގުޅެނީ މަސްތުވާތަކެތީގެ ވަބާއާކަން ފާހަގަކުރައްވާ، މިއީ ޤައުމީ މައްސަލައެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. މިއީ ހުރިހާ އާއިލާތަކެއްވެސް ކަންބޮޑުވުން އޮތްކަމެއްކަމަށް ޤަބޫލުކޮށް ހުރިހާ އެންމެން އިތުރަށް މަސައްކަތްކުރެއްވުމަށް ނާއިބު ރައީސް ގޮވާލެއްވިއެވެ. އެއީ ވަކި މުއައްސަސާއަކުން ކުރާ މަސައްކަތަކުން ހައްލުކުރެވޭނެ މައްސަލައެއް ނޫންކަމަށާއި، މި މައްސަލައިގެ ބޮޑުކަމުން ހުރިހާ އެންމެންގެ މައްސަލައެއްގެ ގޮތުގައި ދެކިގެން އެންމެން ގުޅިގެން މި މައްސަލައަށް ހައްލު ގެނައުމަށް މަސައްކަތްކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

"މީގެ ހިތާމަކުރަނީ ދިވެހިރާއްޖޭގެ ހުރިހާ އާއިލާތައް. ދެރަގޮތެއް ދިމާވެއްޖެ ކަމަށްވަންޔާ އެ ދަރަގޮތް މި ލިބިގެންދަނީ ހުރިހާ އާއިލަތަކަށް. އަޅުގަނޑު ޒުވާނުންނަށް ދަންނަވަން އޮތީ މިއަދު މި ގައުމުގައި ތަރައްޤީއާއި މިގައުމުގެ ކުރިއެރުމުގައި އަޅުގަނޑުމެން ޒުވާނުންގެ ބައިވެރިވުން ބޭނުންވޭ. ޒުވާނުން އެމީހުންގެ ބޭނުން އެންމެ ބޭނުންވާ ދުވަހު އަދި އާއިލާއެއް ބިނާކޮށް ދަރިންނާއެކު ވަގުތު ހޭދަކޮށް އަމިއްލަ ފައިމައްޗަށް ތެދުވާންޖެހޭ ދުވަހު ނިކަމެތި ގޮތަކަށް ޖަލުގެ ތޭރިތަކުގައި ނޫނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބުމަކީ ވަރަށް ބޮޑު ނިކަމެތިކަމެއް. އެއީ ލިބިގަންނަ ވަރަށް ދެރަކަމެއް."

ނާއިބު ރައީސްގެ ވާހަކަފުޅުގައި ވަނީ އަދުލް އިންސާފަކީ ވަކި އާއިލާއަކަށް ވަކި ބަޔަކަށް އޮތް އެއްޗެއް ނޫންކަމަށާއި، އެންމެންގެ މެދުގައި އިންސާފުކަންކުރުމަށް ދީނުގައި ގޮވާލައްވާކަން ފާހަގަކުރައްވާ، ކުރާ ކޮންމެ ކަމެއްގައި ޒާތީ ކަމެއް ނުބާއްވާ، ޚާއްޞަކޮށް ހުވައިކޮށްގެން ތިބޭ ފަރާތްތަކުން އެކަން ހަނދާނުގައި ބަހައްޓާ ތަފާތުކުރުން އެއްވެސް މީހަކާމެދު ނުގެންގުޅުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ފުލުހުންކުރާ މަސައްކަތުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަމާން ހެޔޮ ބަދަލެެއް ގެނެވޭނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެ، ނާއިބު ރައީސް ވަނީ މުޅި މުޖުތަމައުގެ އެއްބާރުލުން ފުލުހުންނަށް ދިނުމަށްވެސް ގޮވާލައްވާފައެވެ.

ނާއިބު ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ ރައްޔިތުންނަށް އަމާން މުޖުތަމައުގެއް ބިނާކޮށްދިނުމަށް ތަންފީޒީ އިދާރާތަކުން ކުރާ މަސައްކަތަށް ރައްޔިތުންގެ ފަރާތުން އިތުރަށް އެއްބާރުލުން ދެއްވުމަށް ގޮވާއްލަވަމުންނެވެ.