ޚަބަރު

ޤާޒީ ޗުއްޓީގައި ހުންނެވުމުން ޔާމީންގެ ޝަރީއަތް ކެންސަލް


ވ.އާރަށުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

ރައީސް ޔާމީންގެ ޝަރީއަތުގެ މިއަދުގެ އަޑު އެހުން ކެންސަލް ކޮށްފައިވަނީ މައްސަލަ ބައްލަވާ ޤާޒީ އަހުމަދު ޝަކީލް ޗުއްޓީގައި ހުންނެވުމުންނެވެ. މިމައްސަލައިގެ ޝަރީއަތް ދެން ފަށާނެ ދުވަހެއް ކްރިމިނަލް ކޯޓުން ހާމަކޮށްފައެއްނުވެއެވެ.

މިއަދަށް ތާވަލް ކޮށްފައިވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުމަށެވެ.

މި ދެ މީހުންގެ ހެކިބަސް އެއްދުވަހެއްގައި ނެގުމަށް ނިންމީ މިމައްސަލާގައި މިމަހުގެ 15 ވަނަ ދުވަހު ބޭއްވި އަޑު އެހުމުގައި ރައީސް ޔާމީންގެ ވަކީލާއި ޔޫސުފް ނައީމްގެ ވަކީލުން ވަނީ އަދީބާއި ޒިޔަތުގެ ހެކި ބަސް އެއްދުވަހެއްގައި ނަގާދިނުމަށް އެދުމުންނެވެ.

ވ އާރަށު މައްސަލާގައި ރައީސް ޔާމީނާއި ދެކޮޅަށް ދައުވާކުރާ މައްސަލާގައި ރައީސް ޔާމީންގެ އަރިސް ބޭފުޅެއްގެ ގޮތުގައި ކުރިން ހުންނެވި އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަންވެސް ކުރައްވާފައިވާ އަހްމަދު ނާޒިމާއި، ކުރީގެ ނައިބް ރައީސް އަދީބުގެ ޑްރައިވަރު މުހައްމަދު ހުސެއިންގެ ހެކިބަސްވެސް ވަނީ މިމަހުގެ ތެރޭގައި ނަގާފައެވެ.

ވ. އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނަތްތެރިވިކަމުގެ ތުހުމަތުގައި ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަރކުރުމާއި ރިޝްވަތު ޤަބޫލުކުރިކަމުގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގައި މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށްވެސް ދައުލަތުން ވަނީ ދައުވާކޮށްފައެވެ.