ސިއްހަތު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ޕްރައިވެޓް ރޫމްތަކެއް ހަދަނީ


އުނގޫފާރު ރީޖަނަލަލް ހޮސްޕިޓަލުގައި މިއަހަރު ޕްރައިވެޓް ރޫމްތަކެއް ޤާއިމްކޮށް ޚިދުމަތްދޭން ފަށާނެކަމަށް އެ ހޮސްޕިޓަލުން ހާމަކުރައްވައިފިއެވެ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ ޝީޒާ އިބްރާހީމް ވިދާޅުވީ ހޮސްޕިޓަލުގެ އޯޕީޑީގެ ޚިދުމަތަށްވުރެ އިތުރަށް އައިޕީޑީގެ ޚިދުމަތާއި އެޑްމިޓުކޮށްގެން ދެވޭ ފަރުވާތައް ހޯދުމަށް ސަރަޙައްދުގެ 4 އަތޮޅުން މީހުން އެ ހޮސްޕިޓަލަށް އަންނަކަމަށެވެ. އެހެންކަމުން ހޮސްޕިޓަލުގައި މިހާރު ލިބެންނެތް ޕްރައިވެޓް ރޫމްގެ ޚިދުމަތް މިއަހަރުގެ ތެރޭގައި ލިބޭނެކަމުގެ ފެހިސިގުނަލްތަކެއް ލިބިފައިވާކަމަށެވެ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތާއިއެކު އެ ހޮސްޕިޓަލުން ދެމުންދާ ޚިދުމަތްތައްވެސް މިހާރުވަނީ ފުޅާކޮށްފައެވެ. އެގޮތުން އެންމެފަހުން ތަޢާރަފް ކުރެއްވީ، ތެލެސީމިޔާ ސްކްރީނިންގގެ ޚިދުމަތެވެ. އަދި މާބަނޑުއަންހެނުން ދުޅަހެޔޮ ސިއްޙަތުގައި ތިބުމަށް އެހީތެރިވެދެއްވުމުގެ ގޮތުން ވެލް ވިމެން ކްލިނިކެއްގެ ޚިދުމަތްވެސް އެހޮސްޕިޓަލުގައި ވަނީ ފަށްޓަވާފައެވެ.މި ޚިދުމަތްތަށް ފަށްޓަވައިދެއްވީ ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމެވެ. މިފަދަ ޚިދުމަތްތަކާއެކު ރީޖަނަލް ހޮސްޕިޓަލުން ޚިދުމަތް ލިބިގަންނަ މީހުން އިތުރުވެ، ދުވާލެއްގެ މައްޗަށް 200 އަށްވުރެ ގިނަ މީހުން އޯޕީޑީން ޚިދުމަތް ހޯދާކަމަށް ހޮސްޕިޓަލުން ހާމަކުރައްވައެވެ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީ ރާއްޖޭގެ ޞިއްޙީ ޚިދުމަތް ދިނުމުގެ މިންގަނޑުތަކުން، އެއްމެ މަތީ ޚިދުމަތް ދޭ ތަނެއްކަމަށް ހެލްތް މިނިސްޓްރީން ކަނޑައަޅުއްވާފައިވާ ހޮސްޕިޓަލެވެ. އަދި މިއީ މާލެއާ އެއް ފެންވަރެއްގައި ހިދުމަތްދެވޭ ތަނަކަށް ވެގެންދާނެކަމަށް ހޮސްޕިޓަލް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ވަނީ ވިދާޅުވެފައެވެ. އުނގޫފާރު ހޮސްޕިޓަލަކީ ގިނަ ދާއިރާތަކަކުން ސްޕެޝަލިސްޓުންގެ ޚިދުމަތް ދެއްވަމުން ގެންދަވާ ހޮސްޕިޓަލެވެ.