ރާއްޖޭގެ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހައްގުތައް ކަށަވަރު ކުރުމުގެ ބަދަލުގައި ބާރުތައް ވަކި ސަރަހައްދަކަށް ޖަމާކޮށް ހިފެހެއްޓުމަށް ކުރަމުންއައި މަސައްކަތަށް ނިމުން ގެނައީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މ.ވޭވަށު ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ލަފާފުރުމުގެ މައްސަލައަށް ހައްލު ގެނައުމުގެ މަސައްކަތް ފެށިފައިވަނީ 1985ވަނަ އަހަރުކަމަށެވެ. މިމަސައްކަތުގެ ތެރެއިން ފާއިތުވެދިޔަ 37 އަހަރު ވޭވަށު ރައްޔިތުން ތިބެންޖެހުނީ ބަނދަރެއްގެ އިންތިޒާރުގައިކަމަށެވެ. ފާއިތުވެދިޔަ ސަރުކާރުތަކަށް ވޭވަށަކީ އެކަހެރިވެ ބާކީވެފައިވާ ރަށަކަށް ވީނަމަވެސް މިސަރުކާރަށް ވޭވަށަކީ މުހިންމު އަދި ބޭނުންތެރި ރަށެއްކަން ގަބޫލު ކުރެވިފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.
މިއަދު ވޭވަށުގައި އުމްރާނީ ތަރައްޤީގެ އެތައް ކަމެއް ހިނގަމުންދާއިރު މިކަންކަމުން ބޮޑު މަންފާއެއް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނިމިދޔަ ސަރުކާރުން ގެންގުޅު ސިޔާސަތަކީ ބާރުތައް ވަކި ސަރަހައްދަކަށް ޖަމާކޮށް ހިފެހެއްޓުން ކަމަށާއި، ނަމަވެސް އެކަން ބަދަލުކޮށް ކޮންމެ ރަށެއްގައި ހުންނަ ކޮންމެ މީހަކަށްވެސް އަސާސީ ހައްގުތައް ކަށަވަރު ކޮށްދެއްވުމުގެ ސިޔާސަތާއި ތަސައްވަރު ހަގީގަތަކަށް ހައްދަވައި ދެއްވީ ރައީސް ޞާލިހުކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އެބައޮތް ތަސައްވަރެއް. އަޅުގަނޑުމެންގެ މިޕާޓީ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންގެ ވިސްނުމަކީ މިދިވެހިރާއްޖެ ލާމަރުކަޒީ އުސޫލުން ހުރިހާ ރަށެއްގައި އެގާއިމް ކުރަންޖެހޭ އަސާސީ ޚިދުމަތްތައް ގާއިމްކޮށްގެން މިރާއްޖެ ލާމެހިފައިވާ ރާއްޖެއަކަށް ހަދައިގެން ހިންގުން. މާލެއަށް ނޫންނަމަ ވަކި ސަރަހައްދަކަށް މީހުން ޖަމާކުރުމެއްނޫން. ޚިދުމަތްތައް އެންމެންނަށް ފަސޭހައިން ލިބޭނެ ގޮތަކަށް ކަންކަން ތަރުތީބު ކުރުން." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ، ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ނަތީޖާ މިއަދު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާރަށަކުން ފެންނަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެމަނިކުފާނުގެ މިސިޔާސަތުގެ ދަށުން އާބާދީގެ އަދަދަށް ނުބައްލަވައި ކޮންމެ ރަށަކަށްވެސް އަސާސީ ހައްގުތައް ކަށަވަރު ކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.