ޚަބަރު

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައަޅާ ޕްރައިމަރީ އޮކްޓޯބަރު މަހު


ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކު ކަނޑައަޅަން ބާއްވާ ރިޔާސީ ޕްރައިމަރީ އޮކްޓޯބަރު މަހު ބޭއްވުމަށް ނިންމައިފިއެވެ. އެމްޑީޕީން ވަނީ ނިމިދޔަ އެޕާޓީގެ ކޮންގްރެސްއަށްފަހު ރިޔާސީ ޕްރައިމަރީ ބާއްވާނެކަމަށް އިއުލާންކޮށްފައެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ވާދަކުރާނެ ކެނޑިޑޭޓެއް މިހާތަނަށް ނިންމާފައި ނުވެއެވެ. ނަމަވެސް އެޕާޓީގެ ތެރެއިން ރިޔާސީ ޓިކެޓަށް ޝައުގުވެރިވާކަން ބައެއް ބޭފުޅުން ގެންދަވަނީ ފާޅު ކުރައްވަމުންނެވެ. އެމްޑީޕީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ.

ރިޔާސީ ޕްރައިމަރީއާ ގުޅޭގޮތުން އެމްޑީޕީގެ ލީޑަރޝިޕް ބޭފުޅަކު ވިދާޅުވީ ޕްރައިމަރީއަށް އަންނަމަހުގެ ކުރީކޮޅު ހުޅުވާލާނެކަމަށެވެ. އަދި އިންތިޚާބު އޮކްޓޯބަރު މަހުގެ ތެރޭގައި ބާއްވަން ނިންމާފައިވާކަމަށެވެ. ނަމަވެސް އަދި އިންތިޚާބު ބާއްވާނެ ސީދާ ތާރީޚެއް ކަނޑައަޅާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީން މަސައްކަތް ކުރަމުންދަނީ ދުރާލައި ރިޔާސީ އިންތިޚާބުގައި ވަދަކުރާނެ ކެނޑިޑޭޓަކު ކަނޑައަޅައި އިންތިޚާބުގެ ކެމްޕެއިން ފެށުމަށެވެ.

އެމްޑީޕީން ރިޔާސީ ޕްރައިމަރީ ބާއްވުމަށް މަސައްކަތް ކުރަމުންދާއިރު، އިދިކޮޅު ޕީޕީއެމްއިން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށް ކަނޑައަޅާފައެވެ. ރިޔާސީ އިންތިޚާބުގައި މިހާތަނަސް ވާދަކުރާނެކަން އިއުލާންކޮށްފައިވަނީ ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރުއާއި، އެމްއެންޕީން ކާނަލް ނާޒިމްއާއި، އެމްޑީއޭއިން އަހުމަދު ޝިޔާމްއެވެ.

އެންމެފަހުން ބޭއްވި އެމްޑީޕީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ އެމްޑީޕީގެ އަމާޒު ދެން ބަހައްޓަންވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ކަމަށާއި، އެމްޑީޕީ ނޫން ބަޔަކަށް ރިޔާސީ އިންތިޚާބު ވާތަނެއް ފެނިވަޑައި ނުގަންނަވާ ކަމަށެވެ.

ރިޔާސީ އިންތިޚާބަށް ޕާޓީތަކުން ތައްޔާރުވަމުންދާއިރު، އިންތިޚާބު ބޭއްވުމަށްޓަކައި 120 މިލިޔަން ރުފިޔާގެ ބަޖެޓެއް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.