ސިޔާސީ

ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ދަރުބާރުގެއަށް ބަދަލުކުރައްވައިފި


މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ދަރުބާރު ގޭގައި ބާއްވަވާގޮތަށް މަޖިލީހުން ނިންމަވައިފިއެވެ.އަންނަ ބުރާސްފަތި ދުވަހު ބާއްވަވާ މި ޖަލްސާ  ދަރުބާރުގެއަށް ބަދަލުކުރެއްވިނަމަވެސް އެ ބަދަލު ގެންނެވި ސަބަބެއް މަޖިލީހަކުން ހާމައެއްނުކުރައްވައެވެ. އައުއަހަރަށް މަޖްލިސް ހުޅުވާ ޖަލްސާ ދަރުބާރުގެއަށް ބަދަލްކުރައްވާފައިމިވަނީ މިދިޔަ ބުރާސްފަތިދުވަހު ރައްޔިތުން މަޖްލީހުގެ ޗެމްބަރގައި ކަރަންޓް ޝޯޓެއްވެ އަލިފާނުގެ ހާދިސާއެއް  ހިނގާފައި ވަނިކޮށެވެ.ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ހުޅުވުމަށް ބާއްވަވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާނެއެވެ. ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރާންޖެހޭ ކަަމަށް، ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް އެމަނިކުފާނު ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެކަމަށެވެ. އަދި ރައީސުލްޖުމްހުރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުން  މަޖިލީހުގެ މެޖޯރިޓީ ލީޑަރު ރިޔާސީ ބަޔާނަށް ޖަވާބުދެއްވަންވާނެ ކަމަށް މަޖިލީހުގެ ޤަވާއިދުގައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގެ އެންމެ ފަހު ޖަލްސާ ބައްވަވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުގައެވެ.