ކުރިއަށް އޮތް 36 ގަޑިއިރު ތެރޭގައި ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސާރައިގެ އަސަރު ކުރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
އެއިދާރާއިން ވިދާޅުވީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން ކުރިއަށް އޮތް 36 ގަޑިއިރު ތެރޭގައި ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސާރަކޮށް، ކަނޑުތައް ވަރަށްބޮޑަށް ގަދަވާނެކަމަށެވެ. މިއާއެކު ރާއްޖޭގެ އެކި ހިސާބުތަކަށް އުދައެރުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހެހި ގުގުރާނެކަމަށް ލަފާކުރެވޭކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ދެކުނުގެ ރަށްތަކަށް ހޮނިހިރު ދުވަހުން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެކަމަށް ލަަފާކުރެވޭކަމަށެވެ. އެހެންނަމަވެސް އުތުރުގެ ރަށްތަކާއި މެދުރާއްޖެތެރޭގެ ރަށްތަކަށް މޫސުން ރަނގަޅުވާން 5 ވަރަކަށް ދުވަސް ނަގާނެކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ރާއްޖޭގެ ކަނޑުތަކަށް ބަލާއިރު ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި އެހެންނަމަވެސް އެހެން ހިސާބުތަކަށް ކަނޑުތައް އާންމުގޮތެއްގައި މަޑުވާނެކަމަށް ލަފާކުރެވޭކަމަށް އެ އޮފީހުން ވިދާޅުވިއެވެ.
މޫސުން ގޯސްވުމާ ގުޅިގެން އެންމެހައި ފަރާތްތަކުން، ޚާއްސަ ގޮތެއްގައި ކަނޑުދަތުރު ކުރާ ފަރާތްތަކުން ވަރަށް ބޮޑަށް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ. އަދި ގަދަ ވަޔާއި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އިދާރާއިން ވިދާޅުވެއެވެ.