ޚަބަރު

ޢުމްރާއަށް މީހުން ގެންދިއުމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި


ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޕްރޮޕޯޒަލް ހުށަހެޅޭނީ "ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލު" ގައިވާ ޝަރުތު ފުރިހަމަވާ ކުންފުނިތައްކަމަށެވެ. އަދި ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ޕްރޮޕޯޒަލް ފޮތް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ޕްރޮޕޯޒަލް ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑިއަކީ މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން މިމަހުގެ 16 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން ފެށިގެން 1:30 މިނިސްޓްރީގެ ކައުންޓަރުންނެވެ.

އިސްލާމިކް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި، ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުޞޫލްގައި ވަނީ ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދޫކުރާނީ ދެ އަހަރު ދުވަހުގެ މުއްދަތަށް 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް އެކަނިކަމަށެވެ. އަދި ޢުމްރާއަށް ގެންދިއުމުގެ ހުއްދައަށް އެދޭ ކުންފުނީގެ ޑިރެކްޓަރުންނަކީ ޖިނާއީ ކުށެއްގައި ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއްކަމުގައި ވެގެންނުވާނެއެވެ. ނުވަތަ އެމީހަކީ ހުއްދައަށް އެދި ހުށަހަޅާ ތާރީޚުން ފެށިގެން ވޭތުވެދިޔަ 5 އަހަރުދުވަހުގެ މުއްދަތުގައި އޭނާގެ މައްޗަށް ޖިނާއީ ހުކުމެއް ސާބިތުވެފައިވާ މީހެއް ކަމުގައި ވެގެންނުވާނެއެވެ.

އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ލިބޭ ކުންފުނިތަކުން، ހުއްދަ ލިބޭތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ވަކި މިންގަނޑަކަށް ފެތޭ ގޮތަށް، އުމްރާއަށް ދިޔުމަށް އެދޭ ފަރާތްތަކަށް ޚިދުމަތްދޭ އޮފީހެއް ގާއިމުކުރަންޖެހެއެވެ. ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ޖަމާކުރުމަށް ޢުމްރާއަށް މީހުން ގެންދާ ކުންފުނިތަކުގެ ވަކި ޚާއްސަ ބޭންކް އެކައުންޓެއް ހުޅުވަންވެސްވަނީ ލާޒިމްކޮށްފައެވެ.

އުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ދޭ ފަރާތްތަކުގެ ދަފުތަރެއް މިނިސްޓްރީގައި އޮންނަންވާނެ ކަމަށް ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި ދަފްތަރަށް އަންނަ ބަދަލުތައް ދުވަހުން ދުވަހަށް އަޕްޑޭޓްކުރަންޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ކުންފުންޏާއި އުމްރާއަށް ދާ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމެއްގައި ސޮއިކުރަންވެސް ޖެހެއެވެ. އަދި އެ އެއްބަސްވުމުގައި ޢުމްރާ ދަތުރުގެ ޖުމުލަ އަގާއި ކުންފުނިން ފޯރުކޮށްދޭނެ އެންމެހައި ޚިދުމަތްތައް ހިމަނާފައި އޮންނަންޖެހެއެވެ.

އަދި އުމްރާއަށް ގޮސް ތިބޭ ދުވަސްވަރު އެ ކުންފުންޏެއްގެ ޢުމްރާ ޕެކޭޖުގައިވާ ގޮތުގެ މަތީން ޢުމްރާވެރީންނަށް ހުރުމާއި ކެއިންބުއިމާއި އެއްގަމުގެ ދަތުރުތައް އެއްބަސްވުމުގައިވާ ގޮތުގެ މަތިން ހަމަޖައްސައިދޭންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.