މިއަހަރުގެ މިހާތަނަށް ދުނިޔޭގެ އެކި މަންޒިލްތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް ތަފާތު 117 ހަރަކާތެއް ހިންގާފައިވާކަމަށް އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ ތައްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެ އިޝްތިހާރުކުރުމަށް ތަފާތު އެތަކެއް ހަރަކާތްތަކެއް ހިންގާފައިވާއިރު، ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ވަނީ މިދިޔަ ދެ އަހަރާއި އަޅާބަލާއިރު ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އަދާކުރާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރުސީން އަންނަނީ މުޅި ދުނިޔޭގައި ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް އެމްއެމްޕީއާރުސީން ވަނީ 22 މާކެޓެއްގައި 260 ހަރަކާތް ހިންގާފައެވެ.
ޓީވީއެމްގެ ހެނދުނު ހެނދުނާ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ތައްޔިބު ވިދާޅުވީ، ކޯވިޑް19 ގެ ސަބަބުން މިދިޔަ 2 އަހަރު މީހުންނާއި ބައްދަލުވެ ހަރަކާތްތައް ނުހިންގުމުގެ ސަބަބުން މިއަހަރު ފެއަރތަކާއި ރޯޑްޝޯތަކުގައި ބައިވެރިވެ ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރަމުންދާކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެ އިޝްތިހާރުކުރުމަށް 117 ހަރަކާތް އެމްއެމްޕީއާރުސީން ހިންގާފައިވާކަމަށް ތައްޔިބު ވިދާޅުވިއެވެ.
"މިއިން ދުވަހަކު ބައިވެރި ނުވެވޭވަރަށް 27 ފެއަރގައި މިހާރުވެސް ބައިވެރިވެވިއްޖެ. 13 ފޭމް ޓްރިޕްއެއް ހެދިއްޖެ. 13 ފޭމް ޓްރިޕްއަކީ ގާތްގަނޑަކަށް 100 އެއްހައި މީހުން. ފޭމް ޓްރިޕްއެއްގައި އަޅުގަނޑުމެން އެބަ ގެންނަން ގާތްގަނޑަކަށް 4 ނުވަތަ 6 މީހުން. މިމީހުން އައިސް ރާއްޖޭގެ ކަންކަން ބަލާފައި އެމީހުން ލިޔަނީ އެމީހުންގެ ޤައުމުގައި. އެއީ އަނެއްކަންތައް އަޅުގަނޑުމެން ކުރާ. ދުނިޔޭގެ އެކި ޤައުމުތަކުގައި ރާއްޖޭގެ މަންޒަރުތަކާއި އެއްޗެހި ފެންނަ ފެނުން އެކަހަލަ 65 ހަރަކާތައްވުރެ ގިނަ ހަރަކާތް މިހާރުވެސް ގެންދެވިއްޖެ. ދެން ހަމަ 2 ރޯޑްޝޯ ބޭއްވިއްޖެ." ތައްޔިބު ވިދާޅުވިއެވެ.
ތައްޔިބު ވިދާޅުވީ، ކޯވިޑާއި ގުޅިގެން ލިބުނު އެންމެ ބޮޑު އެއް ފިލާވަޅަކީ ވަކި މާކެޓްތަކަށް ބަރޯސާވެގެން ތިބެންނުވާނެކަމަށެވެ. މިއަހަރު އަމާޒު ހިފާފައިވަނީ ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. ތައްޔިބު ވިދާޅުވީ، މި އަމާޒު ހާސިލްވާނެކަމުގެ އުންމީދު މިހާރު ބޮޑުކަމަށެވެ.
"މިހާރުވެސް 900،000 މީހުން އަތުވެއްޖެ. އިރާދަކުރެއްވިއްޔާ މިއަންނަ މަހު 1 މިލިއަން ކަނޑައްތުކުރާނެ. އިތުރު ބޮޑު ކާރިސާއެއް ނުވަތަ ހާދިސާއެއް ނުހިނގައިފިނަމަ އަޅުގަނޑު ދަންނަވާނީ ކުރިއަށްއޮތް ދުވަސްތަކަކީ ރާއްޖެއަށް ވަރަށް ރަނގަޅު ދުވަސްތަކަކަށް ވެގެންދާނެއޭ." ތައްޔިބު ވިދާޅުވިއެވެ.
ރާއްޖެ އިޝްތިހާރުކުރުމަށް މިއަހަރުގެ މިހާތަނަށް 117 ހަރަކާތެއް އެމްއެމްޕީއާރުސީން ހިންގާފައިވާއިރު ކުރިއަށްވެސް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ރާވާފައެވެ. އޭގެތެރޭގައި ފެއަރތަކާއި ރޯޑްޝޯތަކާއި ފޭމް ޓްރިޕްތައް ހިމެނެއެވެ. އެމްއެމްޕީއާރުސީން މިހާރު ދަނީ އަމިއްލަ ފަރާތްތައް ގުޅިގެންވެސް ރާއްޖެ އިޝްތިހާރުކުރުމުގެ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އޭގެތެރޭގައި ޓުއަރ އޮޕަރޭޓަރުންނާއި އެއަރލައިންތަކާއި މެގަޒިންތައް ހިމެނެއެވެ.