ޚަބަރު

އެމްޑީޕީ ކޮންގްރެސްގައި ބައިވެރިވުމަށް 400 އަށްވުރެ ގިނަ ގޮފި އުފައްދަން ހުށަހަޅައިފި


އަންނަ މަހުގެ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ކޮންގްރެސްގައި ބައިވެރިވުމަށްޓަކައި، 400އަށްވުރެ ގިނަ ގޮފި އުފައްދަން ހުށަހަޅައިފިއެވެ.

އަންނަ މަހުގެ 19ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސްއާއި ބައިވެރިވެވޭނީ، މިމަހުގެ 15ގެ ނިޔަލަށް އުފައްދާފައިވާ ގޮފިތަކުގެ ރައީސުންނަށް ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އެމްޑީޕީގެ ޗެޕާސަންގެ މާލީ އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވި 419 ގޮފި އަލަށް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވަކަމަށެވެ. އޭގެ ތެރޭގައި މިހާރު ހުރި ގޮފިތަކުގެ ތެރެއިން އަލުން އެކުލަވާލަންޖެހޭ ގޮފިތަކާއި މުޅިން އަލަށް ހުށަހަޅާފައިވާ ގޮފިތައްވެސް ހިމެނޭ ކަމަށެވެ.

މިހާރު ހުށަހަޅާފައިވާ ގޮފިތަކުގެ އެޕްލިކޭޝަންތަކުގެ ޞައްޚަކަން މިމަސް ނިމުގެކުރިން ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާކަމަށް އަހުމަދު ވިދާޅުވިއެވެ. އަދި އުންމީދުކުރަނީ ކޮންގްރެސްގައި 400 އަށްވުރެ ގިނަ ގޮފިތަކުން ތަމްސީލްކުރާނެކަމަށެވެ.

އަންނަ މަހު ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައި ޤާނޫނު އަސާސީއަށް ގެންނަން ފެންނަ އިޞްލާހުތައް ހުށަހެޅުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ނިންމަވާފައެވެ. އެއީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށެވެ.

ޤާނޫނު އަސާސީއަށް ރައީސް ނަޝީދު ގެންނަން ބޭނުންފުޅުވާ ބަދަލުތަކުގެ ތެރޭގައި މިނިވަން މުއައްސަސާތަކުގެ ޢަދަދު އެކުލެވިގެންވާ ގޮތަށް ގެންނަން ޖެހޭ އިސްލާހުތައް ކޮންގްރެސްއިން ފާސްކުރުމާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގާނޫނު އަސާސީގައި ކަނޑައެޅުމަށާއި، ގާނޫނު އަސާސީގައި ކަނޑައަޅާނެ ލާމަރުކަޒީ އިތުރު އުސޫލްތައް ކަނޑައެޅުމާއި، ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުން ހިމެނެއެވެ.

އަދި ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓް ނަގާނެ ތާރީޚެއް ކަނޑައެޅުމާއި، ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއާ އެއްގޮތަށް ގާނޫނު އަސާސީގެ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ކޮންގްރެސްއިން އެއްބަސްވުންވެސް ރައީސް ނަޝީދުގެ ހުށައެޅުއްވުންތަކުގައި ހިމެނެއެވެ.