ޚަބަރު

ފުރަތަމަ 6 މަހު ކްލެމެންސީ ބޯޑުން 161 މައްސަލަ ނިންމައިފި


މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ހުށަހެޅުމުން، އެ އިލްތިމާސް ދިރާސާކޮށް ޢަމަލުކުރުމަށް ފެންނަގޮތުގެ ލަފާދިނުމަށް އެކުލަވާލާފައިވާ ކްލެމެންސީ ބޯޑުން މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި 161 މައްސަލަ ނިންމައިފިއެވެ.

ކްލެމެންސީ ބޯޑަކީ މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ބޯޑެކެވެ. މިބޯޑު ޙަރަކާތްތެރިވާނީ އެޓަރނީ ޖެނެރަލްގެ ބެއްލެވުމުގެ ދަށުންނެވެ. ބޯޑުގެ ރައީސަކީ އެޓަރނީ ޖެނަރަލެވެ. ކްލެމެންސީ ބޯޑުގެ މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން 257 މައްސަލައެއް ވަނީ އެބޯޑަށް ހުށަހަޅާފައެވެ.

މީގެ ތެރެއިން ބޯޑުން ލަފާ ދިނުމަށް ނިންމާފައިވަނި 161 މައްސަލައެވެ. ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެކި ސަބަބު ތަކާއިހެދި ހުށަހެޅުނު ފޯމުތަކުގެ ތެރެއިން 23 ފޯމެއް ވަނީ ކެންސަލްކޮށްފައެވެ. މިހާރު ކްލެމެންސީ ބޯޑުގައި ނުނިހުރީ 73 މައްސަލައެވެ.

ކްލެމެންސީ ބޯޑުގެ ތާރީހުގައިވެސް އެންމެ ގިނަ އަދަދަކަށް މައްސަލަ ނިންމާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. ކްލެމެންސީ ބޯޑުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު 609 މައްސަލަ އެބޯޑުން ވަނީ ނިންމާފައެވެ. މިއީ ފާއިތުވި 11 އަހަރުގެ ތެރޭގައި މިހާ ގިނަ ޢަދަދަކަށް މައްސަލަތައް ނިންމި ފުރަތަމަ ފަހަރެވެ. ވޭތުވެދިޔަ 11 އަހަރު އެވްރެޖުކޮށް ނިންމި މައްސަލަތަކާ ބަލާއިރު މިއީ %356 އިތުރުވުމެކެވެ.

ކްލެމެންސީ ބޯޑަކީ މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ހުށަހެޅުމުން، އެ އިލްތިމާސް ދިރާސާކޮށް ޢަމަލުކުރުމަށް ފެންނަގޮތުގެ ލަފާދިނުމަށް އެކުލަވާލާފައިވާ ބޯޑެކެވެ. ކްލެމެންސީ ބޯޑު ޙަރަކާތްތެރިވާނީ އެޓަރނީ ޖެނެރަލްގެ ބެއްލެވުމުގެ ދަށުންނެވެ. ބޯޑުގެ ރައީސަކީ އެޓަރނީ ޖެނަރަލް އަލްއުސްތާޒު އިބްރާހިމް ރިފްފަތެވެ.

ކްލެމެންސީ ބޯޑަކީ 11 މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. ބޯޑުގައި ހިމެނެނީ ޤާނޫނީ ދާއިރާއިން މީހަކާއި ތަޢުލީމީ ދާއިރާގެ މީހަކާއި އިޖުތިމާއީ ދާއިރާގެ މީހަކާއި ޞިއްޙީ ދާއިރާގެ މީހަކާއި ދީނީ ޢިލްމުގެ މީހަކާއި މަދަނީ ޖަމްޢިއްޔާއެއްގެ މީހެއްގެ އިތުރުން ޕެރޯލް ބޯޑުގެ މެންބަރަކާއި ފުލުހުންގެ ދާއިރާގެ މީހަކާއި ޝަރުޢީ ދާއިރާގެ މީހެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރައްވާ މެންބަރެކެވެ.