ޚަބަރު

މޯލްޑިވިއަން އެވިއޭޝަން އެކެޑަމީގެ ދަރިވަރުންގެ އުދުހުންތައް ފަށައިފި


އައްޑޫސިޓީ ގަމުގައި ޤާއިމްކޮށްފައިވާ މޯލްޑިވިއަން އެވިއޭޝަން އެކެޑަމީގެ ދަރިވަރުންގެ އުދުހުންތައް ފަށައިފިއެވެ.

މޯލްޑިވިއަން އެވިއޭޝަން އެކަޑަމީއަކީ އައިލޭންޑް އެވިއޭޝަން އަދި ޤައުމީ ޔުނިވަރސިޓީއާއި ޗެކް ރިޕަބްލިކްގެ ފްލައިން ސްކޫލަކާއި ގުޅިގެން ހިންގާ ފްލައިން ސްކޫލެކެވެ. ފްލައިން ސްކޫލުގެ އުދުހުންތައް އާދީއްތަ ދުވަހު ފަށާފައިވާއިރު، އުދުހުމުގެ ގަޑިތައް ހަމަކުރާނީ ފުރަތަމަ ފްރެޝަރ ތިއަރީ ކްލާސްތަކުގެ 150 ގަޑިއިރު ފުރަތަމަ ފުރިހަމަ ކޮށްފައިވާ 35 ދަރިވަރެކެވެ. މޯލްޑިވްސް އެވިއޭޝަން އެކަޑަމީން ރަސްމީކޮށް އުދުހުންތައް ފަށާފައިވާއިރު، ފުރަތަމަ ދުވަހުވެސް 6 ދަރިވަރަކު އުދުހުމުގެ ގަޑިތައް ހަމަކުރުމަށް މަސައްކަތް ވަނީ ފަށާފައެވެ.

އޭވިއޭޝަން އެކަޑަމީން އުދުހުންތައް ފެށުމާއި ގުޅިގެން ޕީއެސްއެމްއާއި ވާހަކަ ދެއްކި ގިނަ ދަރިވަރުން ބުނީ އުދުހުންތައް ފެށުމަކީ އުފާވާކަމެއް ކަމަށާއި، ދިވެހި ފްލައިން ސްކޫލެއްގެ ތެރެއިން އެ ފުރުސަތު ލިބުމަކީ ފަޙުރެވެރިވާ ކަމެއް ކަމަށް ބުނެފައެވެ.

"2020 ވަނަ އަހަރުން ފެށިގެން މިތިބީ މަޑު ޖެހިފަ. އެހެން ނަމަވެސް ރާއްޖޭގެ ފްލައިން ސްކޫލެއްގައި އުދުހެން ލިބޭތީ ވަރަށް އުފާވެއްޖެ. އަދި ހާއްސަކޮށް ކޯސް ކުރިއަށް ގެންދެވޭތީ ވަރަށް އުފާވެއްޖެ" ދަރިވަރަކު ބުނިއެވެ.

"އަޅުގަނޑުމެން ދަރިވަރުން މިކަން ނުފެށި ހިތާމައިގަ ތިބޭތާ (ގިނަ) އަހަރުތަކެއް ވެއްޖެ. ރާއްޖޭގެ ބަޔަކު މިކަން ކުރާތީ މިއީ މުޅި ޤައުމަށްވެސް ލިބޭ ފަޙުރެއް" އުދުހުމުގެ ގަޑިތައް ހަމަ ކުރާ އަންހެން ދަރިވަރަކު ބުންޏެވެ.

ފުރަތަމަ ބެޗުގެ ދަރިވަރުންގެ އުދުހުންތައް ފެށިއިރު، ދެވަނަ ބެޗްގައި 39 ދަރިވަރުންނާއެކު ރިފްރެޝަރ ޕްރޮގްރާމްވަނީ ފަށާފައެވެ. ފުރަތަމަ ބެޗްގެ ފްލައިން ނިމެމުންދާވވަރަކުން ދެވަނަ ބެޗްގެ ދަރިވަރުންނަށް ފްލައިން ފުރިހަމަކުރުމުގެ ފުރުޞަތު ލިބޭނެކަމަށް ފްލައިން ސްކޫލުން ބުނެއެވެ.

އައިލެންޑް އޭވިއޭޝަނުން ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން މި 74 ދަރިިވަރުންގެ ފްލައިން ގަޑިތައް ފުރިހަމަކުރެވޭނެކަމަށް އުއްމީދުކުރާކަމަށެވެ. މީގެ އިތުރުން، އިތުރު ބެޗެއްގެ ރިފްރެޝަރ ޕްރޮގްރާމްވެސް މިއަހަރު ފަށާނެކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

މިއީ ދިވެހި ފުރަތަމަ ފްލައިން ސްކޫލެވެ. މި ސްކޫލް އުފެއްދީ އައްޑޫގައި ހިންގަމުން އައި، ފްލައިން ސްކޫލްގެ ކިޔެވުން ހުއްޓި އޭގެ ޝަކުވާ ބޮޑުވުމާއި ގުޅިގެންނެވެ. އަދި ސްކޫލްގެ ތިއަރީ ގަޑިތައް މިއަހަރުގެ ޖެނުއަރީ މަހު ވަނީ ފަށާފައެވެ.