މާލެއާއި ހުޅުލެއާއި ދެމެދުގައި
އަޅުއްވާ ބްރިޖުގެ ޢަމަލީ މަސައްކަތްތައް ފެށިފައިވުމާއިއެކު މާލެއާއި ހުޅެލެއާއި ދެމެދުގައިވާ
ކަނޑުއޮޅި އަންނަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ބަންދު ކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ނިންމަވައިފިއެވެ.
ޓްރާންސްޕޯޓް
އޮތޯރިޓީން ވަނީ ގާދޫކޯ ނުވަތަ މާލެއާއި ހުޅެލެއާއި ދެމެދުގައިވާ ކަނޑުއޮޅިން
ހުރިހާ އުޅަނދެއް ދަތުރުކުރުން ފެބުރުއަރީ
20 ވަނަ ދުވަހުން ފެށިގެން ބަންދުކޮށްފައެވެ. މި ތާރީޚުގެ ފަހުން މި ކަނޑުއޮޅިން
ދަތުރުކުރުމަކީ މަނާކަމެއްގެ ގޮތުގައި ޓްރާންޕޯޓް އޮތޯރިޓީން ވަނީ ނިންމަވާފައެވެ.
މިއާއި ޚިލާފަށް މި ކަނޑުއޮޅިން ދަތުރުކުރާ ފަރާތްތައް ޖޫރިމަނާކުރުމަށްވެސް ވަނީ އެ އޮތޯރިޓީން ވަނީ ނިންމަވާފައެވެ.
ގާދޫކޯ، ކަނޑުގެ ޓްރެފިކް
ބަންދުވުމާއި ގުޅިގެން މާލޭގެ ބަނދަރަށް އަންނަ އާގު ބޯޓްފަހަރު ވަނުމަށާއި ނުކުތުމަށް
ބޭނުންކުރާ މައި ކަނޑުއޮޅިއަކީ ބޮޑުކަޅި ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން
މައުލޫމާތުދެއްވައެވެ. މާލެއާއި ތިލަފުށީ ބަނދަރުން
ފުރައިގެން ހުޅަނގަށް ދަތުރުކުރާ އުޅަނދުފަހަރުން ދުވާލުގެ އަލިކަމުގައި ގިރާވަރު
އުތުރު ކަނޑާއި ތިލަފުށީ އިރުމަތީ ކަނޑުއޮޅި އަދި ތިލަފުށީ ހުޅަނގު ކަނޑުއޮޅި ބޭނުން
ކުރެވިދާނެކަަމަށްވެސް ޓްރާންސްޕޯޓް އޮތޯރިޓީން މައުލޫމާތުދެއްވައެވެ. މީގެ
އިތުރުން މާލެއާއި ވިލިނގިއްޔާއި ދެމެދުގައިވާ ކަނޑުއޮޅި، ނުވަތަ މާތިލައިން ދިގުމިނުގައި 40 މީޓަރަށް ވުރެ މަތީ އުޅަނދު
ވަދެނިކުތުމަކީ މަނާކަމެއް ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ
އަންގަވާފައެވެ.
ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް
މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އުސްފަސްގަނޑާއި، ހެންވޭރު
ޕާކުގެ ދެކުނުކޮޅުން ފެށިގެން ލޮނުޒިޔާރަތްމަގާއި ހަމަޔަށްވާ ސަރަޙައްދު ވަނީ ވަގުތީ
ސައިޓްގެ ގޮތުގައި ކޮންޓްރެކްޓަރަށް ދޫކޮށްފައެވެ. އަދި މި ސަރަޙައްދު ވަކިކުރުމަށް ފެންސް ޖެހުމުގެ
މަސައްކަތް މިހާރު ވަނީ ފަށާފައެވެ.