ވިޔަފާރި

އައްޑޫ މީދޫން ގާޑިޔާ ވިޔަފާރިއަށް 100 އަކަ ފޫޓުގެ 4 ބިމެއް


އައްޑޫސިޓީ މީދޫން ގާޑިޔާ ވިޔަފާރިއަށް، 4 ބިމެއް ދޫކުރަން ނިންމައި ބިމަށް ކުރިމަތިލުމަށް އައްޑޫސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

މީދޫގައި ގާޑިޔާ ވިޔަފާރި ކުރަން ފުރުސަތު ހުޅުވާލާފައިވަނީ އެރަށުގެ 3 ސަރަހައްދަކުންނެވެ. އެގޮތުން މީދޫ ޓުއަރިޒަމް ޒޯން ސަރަހައްދުގެ ދެށިނާ މަގުގެ ހުޅަނގު ދެކުނު ސަރަހައްދުން ދެ ބިމެއް ދޫކުރުމަށް ވަނީ ނިންމާފައެވެ. އަނެއް ދެ ބިން ދޫކުރުމަށް ނިންމާފައިވަނީ ކޯގަންނު މަގުގެ ހުޅަނގު އުތުރު ސަރަހައްދުންނާއި، މީދޫ ވޭރާނޑު ސަރަހައްދު، މަޖުދުއްދީން މަގުގެ އިރުދެކުނު ސަރަހައްދުންނެވެ. ގާޑިޔާ ވިޔަފާރިއަށް ސިޓީ ކައުންސިލުން ދޫކުރުމަށް ނިންމާފައިވަނީ 100 އަކަފޫޓުގެ ބިންތަކެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވަނީ ދިވެހި ރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކުންވެސް ގާޑިޔާ ހިންގުމަށް ކުރިމަތިލެވޭނެ ކަމަށެވެ.

ގާޑިޔާ ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ސާފު ކުރުން އޮންނާނީ 30 ޖޫން ވާ ބުރާސްފަތި ދުވަހު، 10:30 ގައި މީދޫ އަވަށު އޮފީހުގައެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 3 ޖުލައި ވާ އާދީއްތަ ދުވަހު ހެނދުނު 10:30 ގައި މީދޫ އަވަށު އޮފީހުގައެވެ.

އައްޑޫގައި ގާޑިޔާތައް ހިނގާ ފަރާތްތައް ދަފްތަރުކޮށް ރަޖިސްޓްރީކޮށްގެން ވިޔަފާރި ހިންގުމަށް ސިޓީ ކައުންސިލުންވަނީ މީގެ ކުރިން އެދިފައެވެ.