ތަފާތު 3 ދާއިރާތަކުން ހުނަރުވެރި ޒުވާނުން އުފެއްދުމުގެ ބޭނުމުގައި ބ.ކިހާދޫގައި ކޯސްޓްލައިން ފައުންޑޭޝަނުން ހިންގަމުން އަންނަ ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރަކީ ފަންނީ އަދި މަސައްކަތްތެރިކަމުގެ ތަޖުރިބާ ހޯދުމަށް ހިލޭ ކިޔަވައިދޭ މަރުކަޒެކެވެ. މައިގަނޑު ގޮތެއްގައި މިތަނުގައި ހިންގާ ކޯސްތަކަކީ ވަޒީފާ ހޯދަން ފަސޭހަ އަދި އަމިއްލަ މަސައްކަތުން ރަށުގައި ހުރެގެންވެސް ކުރިއަށްދެވޭނެ ދާއިރާތަކުގެ ކޯސްތަކެވެ. މިއީ އިންސާނީ ވަސީލަތް ބިނާކުރުމަށް ރާއްޖޭގައި ހިންގަމުން އަންނަ ސެންޓަރެކެވެ.
މިސެންޓަރުން އެންމެ ފުރަތަމަ ކިޔަވައިދޭން ފަށާފައިވަނީ 2018ވަނަ އަހަރުއެވެ. އެއަހަރުން ފެށިގެން ކޯސްތައް ހިންގަމުން އައިސް ކޯވިޑްގެ ބަލިމަޑުކަމާއެކު، ދެ އަހަރު މެދުކެނޑުނެވެ. މެދުކެނޑިފައި އޮތުމަށްފަހު މިއަހަރު އަނެއްކާވެސް އެސެންޓާރުން ވަނީ ކޯސްތައް ހިންގަން ފަށާފައެވެ. އެގޮތުން މިއަރުގެ ފުރަތަމަ ބެޗް މިހާރު ވަނީ މިހާރު ނިންމާލާފައެވެ.
ޒުވާނުން ވަޒީފާގެ ބާޒަރަށް ނެރުމުގެ މަޤުޞަދުގައި މުޅިން ހިލޭ ކިޔަވައިދޭ ހަމައެކަނި މަރުކަޒަކީ ބ.އަތޮޅު ކިހާދޫގައި ހުންނަ މި ޓިވެކް ސެންޓަރެވެ. ކޯސްޓްލައިން ފައުންޑޭޝަނުން ހިންގާ މި މަރުކަޒުން މިހާތަނަށް 207 ދަރިވަރަކު ވަނީ ތަމްރީން ފުރިހަމަކޮށްފައެވެ. އޭގެ ތެރެއިން %70 ކުދިން ރިސޯޓްތަކާއި އެހެނިހެން ސިނާއީ މަސައްކަތް ކުރާ ކުންފުނިތަކުގައި އަންނަނީ ވަޒީފާ އަދާކުރަމުންނެވެ. އަދި %30 މީހުން އަމިއްލަ މަސައްކަތް ކުރާކަމަށް ޓިވެކުން ބުނެއެވެ.
މަދުވެގެން 4 މަސް ނުވަތަ 3 މަސް މިތަމްރީންތައް ހެދުމަށް އެސެންޓަރުގައި އެމީހުން މަޑުކުރާއިރު، ކެއުމާއި ހުރުމާއި ކޯސްތަކުގައި ބައިވެރިވުމަށްވެސް އެއްވެސް ފީއެއް ދައްކާކަށް ނުޖެހެއެވެ. އަދި ކުޅިވަރާއި މުނިފޫހިފިލުވޭނެ އެތައްހަރަކާތެއް ކުރިއަށް ގެންދެވޭނެ އިންތިޒާމުތައްވެސް މި މަރުކަޒުގައި ޤާއިމްވެފައި ހުރެއެވެ.
ޓިވެކުގެ ކޯސްތަކުގައި ބައިވެރިވާން ފީއެއް ދައްކަން ނުޖެހޭއިރު، މިދެންނެވި ކަންކަންވެސް އޮންނަނީ ހިލޭއެވެ. ހިލޭ މިހުރިހާ ޚިދުމަތެއް އޮތް މިސެންޓަރުން ކިޔަވާ ދަރިވަރުން ތަމްރީންތައް ހަދާނިންމާލުމަށްފަހު ވަކިތަނެއްގައި ވަޒީފާ އަދާކުރުމަށް ޝަރުތެއްވެސް ނުކުރެއެވެ. އަދި މިތަނުން ހިންގާ ކޯސްތަކުގައި ބައިވެރިވުމަށް ވަކި ޢުމުރުފުރާއަކަށްވެސް ނުބަލައެވެ. އެކަމު އެސެންޓަރުން ތަމްރީންވާ މީހުން އެދާއިރާއިން ކުރިއަށްދިއުމަށް ކުރާކަންކަން ޓިވެކުން ބަލަހައްޓަމުންގެންދެއެވެ. އެއީ އޭގެ ފައިދާ ކުރަނީ ކޮންބަޔަކަށްތޯ ބެލުމާއި ތަމްރީންވާ ކުދިންނަށް ރިސޯޓްތަކާ ސިނާއީ މަސައްކަތް ކުރާތަންތަނުން އޮންނަ ފުރުސަތުތައް ދެނެގަތުމުގެ ބޭނުމުގައިކަމަށް އެސެންޓަރުގެ ރެޖިސްޓަރ ހާރޫން ޔޫސުފް ވިދާޅުވިއެވެ.
މި ޓިވެކް ސެންޓަރުން ކިޔަވައިދެނީ ލެވަލް 3ގެ ތިން ދާއިރާއަކުންނެވެ. އެއީ ޕެޓްރޯލް އަދި ޑީސަލް އިންޖީން މެކޭނިކް، އިލެކްޓްރިޝަންގެ އިތުރުން އޭސީ އެންޑް ރެފްރިޖަރޭޝަން ކޯސްތަކެވެ. މިއީ އަމިއްލަ ރަށުގައި ތިބެގެންވެސް ޢާމްދަނީ ހޯދޭނެ މަސައްކަތްތައް ކުރުމަށް، ރަގަޅު ތަމްރީނާއި ތަޖުރިބާ ހޯދުމުގެ މަގެކެވެ. މިސެންޓަރުގެ 5ވަނަ ބެޗްގައި ކިޔަވާ ބައެއް މީހުންވެސް މި ހަގީގަތް ގަބޫލުކުރެއެވެ. އަދި މި ބެޗްގައި އުމުރުން 17 އަހަރުން ފެށިގެން 55 އަަހަރާ ދެމެދުގެ ދަރިވަރުން އަންނަނީ ތަމްރީންހަދަމުންނެވެ.
"އަސްލު ހީކުރީ ވަރަށް އުނދަގޫވާނެކަމަށް އުޅެން. އެހެން ނަމަވެސް ވަރަށް ފަސޭހަ މާހައުލެއްމީ. ހުރިހާކަމެއް ހިލޭ އޮންނާތީ. މީ ސްކޫލް ނިންމާލާ ދަރިވަރުންނަށް އޮތް ވަރަށް ފަހި ފުރުސަތެއްކަމަށް ދެކެނީ. އެހެން ނޫނީ ޖެހޭނީ ބޮޑު ޚަރަދެއްކޮށްފައި މާލެގޮސް މިފަދަ ތަމްރީނެއް ހަދަން. އަޅުގަނޑުގެ އާއިލާގެ އެހާތަނަވެސްކަން ނެތީމަ މިތަނަށް އައީ. އަދި މިފަދަ ތަނަވަސްކަމެއް ނެތް އާއިލާތަކަށް ބުނެލަން އޮތީ ޓިވެކްއަކީ ތިމާގެ އަޚްލާޤާއި ކުރިމަގު ބިނާކުރުމަށާ، ވަޒީފާއެއްހޯދުމަށް ތަމްރީން ހަދާލަން ހަމަ އެންމެ ރަގަޅު އެއް ތަނޭ." ޓިވެކުން ތަމްރީންވި 5ވަނަ ބެޗްގެ ދަރިވަރަކު ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ބުންޏެވެ.
ކޮންމެ ދަރިއަކަށްވެސް ކިޔެވުމަށް ފަހި ފުރުސަތު ހޯދައިދީ އެކުދިން ރަގަޅު ވަޒީފާތަކަށް ދިއުމަކީ ކޮންމެ މަޔަކު އަދި ބަފަޔަކުވެސް އެދޭނެ އެންމެ ބޮޑު އެދުމެވެ. މިއީ ރާއްޖެއިން ބޭރަށް ނުވަތަ މާލެއަށް ފޮނުވައިގެން ދަރިންނަށް މިފަދަ ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމުގެ ތަނަވަސްކަން ނެތް އާއިލާތަކަށް ރަނުގެ ފުރުސަތެކެވެ. އޯގަސްމަހު ފަށާ މިސެންޓަރުގެ މިއަހަރުގެ ދެވަނަ ބެޗްގައި ބައިވެރިވުމުގެ ފުރުސަތު ޓިވެކުން ވަނީ މިހާރު ހުޅުވާލާފައެވެ.