ވިޔަފާރި

ރ. ޓުއަރިޒަމް އެކްސްޕޯގެ މޫދު ކުޅިވަރު ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފި


ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަ ކުރުމުގެ ހަރަކާތްތަކުގެ ތެރެއިން ރ. އަތޮޅުގެ ސްކޫލު ކުދިން ހިމަނައިގެން ބޭއްވި ރ. ޓުއަރިޒަމް އެކްސްޕޯގެ މޫދު ކުޅިވަރު ހަރަކާތް ނިންމާލައިފިއެވެ.

ރ. ޓުއަރިޒަމް އެކްސްޕޯ އަކީ، ފަތުރުވެރިކަމުގެ ދާއިރާއިން ރ. އަތޮޅު ޕްރޮމޯޓްކޮށް ރައްޔިތުންނާއި ހަމައަށް ޓުއަރިޒަމް ގެނެސްދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ. ރ.ހުޅުދުއްފާރުގައި ހޮނިހިރު ދުވަހު ބޭއްވި މިހަރަކާތުގައި ރ.އަތޮޅުގެ 7 ރިސޯޓަކުން ވަނީ ބައިވެރިވެފައެވެ. މި ހަރަކާތް ފައްޓަވައި ދެއްވީ ޓުއަރިޒަމް މިނިސްޓްރީގެ ނައިބް އަހުމަދު އާތިފްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދުއާއި ރ. އަތޮޅު ކައުންސިލުގެ ރައީސް ހުސެއިން ނާސިފްއެވެ.

ރ. ޓުއަރިޒަމް އެކްސްޕޯގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ މޫދު ކުޅިވަރު ހަރަކާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. އެގޮތުން، މި ހަރަކާތުގެ ތެރެއިން މޫދު ކުޅިވަރުގެ ހުނަރު ދައްކާލުމާއި މޫދު ކުޅިވަރުގައި ބޭނުން ކުރާ އާލާތްތައް ސްކޫލު ކުދިންނާއި އާންމުންނަށް ތަޖުރިބާ ކޮށްލުމުގެ ފުރުސަތުވަނީ ދީފައެވެ. މިހަރަކާތުގައި ހުޅުދުއްފާރު ސްކޫލް، އިންނަމާދޫ ސްކޫލު، މާކުރަތު ސްކޫލް އަދި ރަސްމާދޫ ސްކޫލުގެ މަތީ ގްރޭޑްތަކުގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މޫދު ކުޅިވަރު މިހަރަކާތުގެ ތެރެއިން ސްކޫލު ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

ރ. ޓުއަރިޒަމް އެކްސްޕޯގައި މޫދު ކުޅިވަރު ހަރަކާތުގެ އިތުރުން، މިދިޔަ މަހު ރ.މީދޫގައި ކަލިނަރީ އާރޓްސް ޝޯވްކޭސް އެގްޒިބިޝަނެއްވެސް ވަނީ ބާއްވާފައެވެ. މި އެގްޒިބިޝަނުގައި 6 ރިސޯޓަކުން ބައިވެރިވިއެވެ.

ރ.ޓޫރިޒަމް އެކްސްޕޯ 2022 ނިންމާލުމަށް ހަމަޖެހިފައިވަނީ ގާލާ ނައިޓަކުންނެވެ. ގާލާ ނައިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ 20ވަނަ ދުވަހު ދުވާފަރުގައެވެ. ގާލާ ނައިޓްގައި ގިނަ އެވޯޑްތަކެއް ދިނުމަށްވަނީ ނިންމާފައެވެ. އޭގެތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއަށް ޚިދުމަތްކޮށް ދެއްވާފައިވާ ފަރާތްތަކާއި އިޖުތިމާއީ ކަންކަމުގައި އަތޮޅަށް އެހީތެރިކަން ދެއްވާފައިވާ ފަރާތްތަކާއި ރ.ޓޫރިޒަމް އެކްސްޕޯގެ ޗެލެންޖުތަކުން ވަނަތައް ހާސިލް ކުރި ފަރާތްތަކާއި އިވެންޓްތައް ބޭއްވުމަށް އެހީތެރިކަން ދެއްވި ފަރާތްތަކަށް އެވޯޑް
ދިނުމަށްވެސް ހަމަޖެހިފައި ވެއެވެ.