ނިމިދިޔަ ސަރުކާރުން ނުހައްގުން ވަޒީފާތަކުން ވަކި ކުރި 19 މައްސަލައެއްގައި، ދިވެހި ދައުލަތުން ބަދަލުގެ ގޮތުގައި އެފަރާތްތަކަށް 6 މިލިޔަން ރުފިޔާ ދީފައިވާ ކަމަށް އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.
ދައުލަތުން ބަދަލު ދިނުމުގައި ޢަމަލު ކުރަމުންދާ އުސޫލުތައް ސާފު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ބަންޑާރަ ނައިބް ވިދާޅުވީ މިސަރުކާރުން ވެރިކަމާއި ހަވާލުވިފަހުން ހުށަހެޅި ގެއްލުމުގެ ބަދަލުތަކުގެ މައްސަލަތަކުގައި އިންސާފުވެރިކަމާއިއެކު މައްސަލަތައް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއް ދެއްވައިގެން އެމައްސަލަތައް ނިންމެވުމަށް އިރުޝާދު ދެއްވިކަމަށެވެ.
ނިމިދިޔަ ސަރުކާރުން އަމަލުކޮށްފައިވާ ގޮތުން ގެއްލުމުގެ ބަދަލު ހޯދުމަށް އެކި ފަރާތްތަކުން ގިނަ ޝަކުވާތަކެއް ހުށައެޅިކަމަށް ބަންޑާރަ ނައިބް ވިދާޅުވިއެވެ. މިޝަކުވާތައް ހުށައަޅާފައިވަނީ މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ސެޓެލްމަންޓް ކޮމެޓީއަށެވެ. ކޮމެޓީއަށް 37 މައްސަލައެއް ހުށަހެޅުނު ކަމަށް ބަންޑާރަ ނައިބް ވިދާޅުވިއެވެ. އޭގެ ތެރެއިން ކޮމެޓީން ބަދަލު ދޭން ނިންމި ހަމައެކަނި މައްސަލައަކީ ނޫމަޑި މައްސަލަކަމަށް ރިފްއަތު ފާހަގަ ކުރެއްވިއެވެ.
ބަންޑާރަ ނައިބް ވިދާޅުވީ ބަދަލުގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް ބެލި މައްސަލަތަކަކީ ވަޒީފާއާއި ގުޅުންހުރި މައްސަލަތަކެވެ. ކުރީ ސަރުކާރުން އެކި ވަޒީފާތަކުން ވަކިކުރި 19 މީހަކަށް ބަދަލުގެ ގޮތުގައި ސަރުކާރުން ވަނީ 6.8 މިލިޔަން ރުފިޔާ ދީފައެވެ.
* ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް ރައީސް އައްޔަންކުރެއްވި 2 މީހަކު ވަކިކުރި މައްސަލަ
* އެމްއެންޑީއެފްއިން ވަކިކުރި 3 މީހެއްގެ މައްސަލަ
* ފުލުހުންގެ ވަޒީފާއިން ވަކިކުރި 7 މީހެއްގެ މައްސަލަ
* ކާޑެއްދޫ އެއަރޕޯޓުން ވަކިކުރި 5 މީހެއްގެ މައްސަލަ
* ކަރެކްޝަންގެ ވަޒީފާއިން ވަކިކުރި މީހެއްގެ މައްސަލަ
* ޓެކްސް އެޕީލް ޓްރައިބިއުނަލުން ވަކިކުރި މީހެއްގެ މައްސަލަ
ބަންޑާރަ ނައިބް ވިދާޅުވީ މިމައްސަލަތަކަށް ބަދަލުގެ ގޮތުގައި ފައިސާ ދޭން ނިންމާފައިވަނީ ކޯޓަށް ހުށަހެޅުނު މައްސަލަތަކާއި ގުޅިގެން ކޯޓުން ބޭރުން ކުރެވުނު މަޝްވަރާތަކަށް ފަހުގައިކަމަށެވެ. ސަރުކާރުން ބަދަލު ދިނުމުގައި އަމަލުކުރާ ގޮތަކީ ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި ކުރެވޭ ހުކުމްތަކަށް ކަމަށެވެ. ނަމަވެސް މައްސަލައިގެ ބާވަތުން ދައުލަތުން ބޮޑު ހޭދައެއް ކުރަންޖެހޭ މައްސަލަތަކުގައި ކޯޓުން ބޭރުން ވާހަކަ ދައްކައިގެން މައްސަލަތައް ނިންމުމަކީ ސަރުކާރަށްވެސް އެކަމުން ބޮޑު ފައިދާއެއް ކުރާނެ ކަމަކަށްވުމުން ކޯޓުން ބޭރުން މައްސަލަތައް ނިންމުމަށްވެސް ޚާއްސަ އިސްކަމެއް ދީފައިވާނެކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.
ސަރުކާރުން ބަދަލުގެ ގޮތުގައި ފައިސާދޭންޖެހެނީ ދައުލަތުގެ އެކި އިދާރާތަކުން ހެދޭ ގޯސްތަކުގެ ސަބަބުންކަމަށް ބަންޑާރަ ނައިބް ވިދާޅުވިއެވެ. އަދި މިފަދަ ގޯސްތައް ހަދާ މީހުންނާއިމެދު ފިޔަވަޅު އެޅޭނެ އިންތިޒާމު ހަމަޖައްސައި ޤާނޫނަށް ގެންނަން ޖެހޭ އިސްލާހުވެސް މިހާރު ގެނެސްފައިވާކަމަށް ރިފްއަތު ވިދާޅުވިއެވެ. އަދި މިހާރުވެސް އެފަދަ ގޯސް ހަދާފައިވާ މީހުންނާއިމެދު ދައުވާ އުފުލި ބެލެމުންދާކަމަށްވެސް ބަންޑާރަ ނައިބް ވިދާޅުވިއެވެ.