އައްޑޫސިޓީގައި ނުރައްކާތެރި ކުނި ނައްތާލުމުގެ ކުރިން ކުނި ރައްކާ ކުރާނެ ފެސިލިޓީއެއް ޤާއިމް ކުރަން ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.
އެއްވަޔަރަންމަންޓް މިނިސްޓަރ އާމިނަތު ޝައުނާ އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އައްޑޫސިޓީ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ ޝައުނާވަނީ މިމަސައްކަތް ނޫރައްދީން އިންވެސްޓްމެންޓް ކިޔާ އައްޑޫ ކުންފުންޏަކާއި ހަވާލުކުރައްވާފައެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އައިމިނަތު ޝައުނާ ސޮއިކުރެއްވިއިރު، ނޫރައްދީން އިންވެސްޓްމެންޓުގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ވެރިޔާ އަލީ ނޫރައްދީންއެވެ.
މިރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ، މިއީ ރާއްޖޭގައިވެސް ޤާއިމް ކުރެވޭ މިފަދަ ފުރަތަމަ މަރުކަޒު ކަމަށާއި، މިތަނުގެ ސަބަބުން އައްޑޫ އާއި ފުވައްމުލައް ސަރަހައްދުގައި ހުރި ނުރައްކާތެރި ކުނި ރައްކާތެރިގޮތުގައި ނައްތާލުމުގެ ކުރިން، މި ފެސިލީޓީގައި ރައްކާ ކުރެވޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ކުނި ނައްތާލުމުގެ މަސައްކަތް ކުރިއަށްދާއިރު، މިގޮތަށް ރާއްޖޭގެ އެކި ރަށްރަށުގައި ޖަމާވެފައިހުރި ބެޓަރީއާއި، ޓްރާންސްފޯމަރ ތަކާއި، ތެލާއި ނުރައްކާތެރި ބާވަތްތައް ވަކިން މެނޭޖް ކުރެވޭނެ ގޮތްތައް ދެނެގަނެ މިފަދަ ފެސިލިޓީތައް ޤާއިމް ކުރުން. އެގޮތުން ރާއްޖޭގެ ފުރަތަމަ ފަހަރަށް ޤާއިމް ކުރެވޭ ފެސިލިޓީ ޤާއިމް ކުރެވެނީ އައްޑޫގައި. އެއަށްފަހު އަޅުގަނޑުމެން ތިލަފުށީގައިވެސް ހެޒަޑަސް ވޭސްޓް ކެމިކަލް ސްޓޯރޭޖް ފެސިލިޓީއެއް ޤާއިމް ކުރާނަން " މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.
މި ފެސިލިޓީ އިމާރާތް ކުރެވި ޚިދުމަތް ލިބެން ފެށުމުން އައްޑޫ ސިޓީގައި ހުރި ނުރައްކާތެރި ކެމިކަލްއެއް ކަމަށްވާ ޕޮލީ ކްލޮރިނޭޓެޑް ބައިފީނައިލް (ޕީ.ސީ.ބީ) އެކުލެވޭ 2 އާލާތަކާއި، ފުވައްމުލައް ސިޓީގައި ހުރި 16 ކަރަންޓު ފޯމަރު ތިމާވެއްޓާއި ރައްޓެހި ގޮތަށް ނައްތާލުމަށް ރާއްޖެއިން ބޭރު ފެސިލިޓީއަކަށް ގެންދިއުމުގެ ކުރިން ފެސިލިޓީގައި ރައްކާކުރެވޭނެއެވެ. އަދި މިއަހަރު އެކަނިވެސް މި ސަރަހައްދުން 24 ޓަނުގެ ނުރައްކާތެރި ކުނި މިތަނަށް ގެނެސް ރައްކާތެރިގޮތުގައި ނައްތާލުމަށް ބޭރަށް ފޮނުވާލެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ނުރައްކާތެރި ކުނި މެނޭޖް ކުރުމަށް ފެސިލިޓީ ޤާއިމް ކުރުމުގެ މަޝްރޫޢަކީ 1.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ 4 މަސް ދުވަހުގެ ތެރޭ ނިންމާގޮތަށެވެ.
މިމަޝްރޫއުގެ ސަބަބުން ރާއްޖެއިން ބައިވެރިވެފައިވާ ސްޓޮކްހޯމް ކޮންވެންޝަން އޮން ޕާސިސްޓަންޓް އޯގޭނިކް ޕޮލިއުޓަންޓްސްގެ ދަށުން 2025ގެ ކުރިން ގައުމުތަކުގައި ހުރި ޕީސީބީ އެކުލެވޭ ކަމަށް ބެލެވޭ އާލާތްތައް ތިމާވެއްޓާއި ރައްޓެހި ގޮތަށް ނައްތާލުމަށް މަގުފަހިވެގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ. އަދި މިފެސިލިޓީ ވެގެން ދާނީ ރާއްޖޭގެ ދެކުނު ސަރަޙައްދުގައި އުފެދޭ ނުރައްކާތެރި ކުންޏާއި ތިމާވެއްޓަށް ގެއްލުންހުރި ނުރައްކާތެރި ކެމިކަލް ރައްކާކުރާ މި ފެންވަރުގެ ފުރަތަމަ މަރުކަޒަށް ކަމަށް މިނިސްޓްރީން ބުނެއެވެ.