މާލޭގައި ފުޓްސެލް ކުޅުމަށްޓަކައި ދަނޑުތައް ހޯދުމަށް މިހާރު ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި މާލޭގައި ހުރި ފުޓްސަލް ދަނޑުތައް ސަރުކާރަށް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
މާލޭގައި ފުޓްސަލް ކުޅޭ ދަނޑުތަކެއް ގާއިމް ކޮށްފައިވީނަމަވެސް، ދަނޑުތައް ލިބުމުގައި ގިނަ ދަތިތަކެއް ހުރެއެވެ. ގިނަ ދަނޑުތަކަކީ އެކި ކްލަބުތަކުން ހިންގަމުންދާ ދަނޑުތަކަށްވުމުން، ދަނޑުތަކަށް އާންމުންނަށް ކުޅެން ދޫކުރަނީ ބޮޑެތި އަދަދުތަކުން ފައިސާ ނަގައިގެން ކުއްޔަށެވެ.
މިމައްސަލާގައި ހުރި ކަންބޮޑުވުން ފާޅުކޮށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު މިނިސްޓަރ ވަޒީރާއި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މިއީ މާލޭގައި ފުޓުސެލް ކުޅެން ބޭނުންވާ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް މައްސަލައެއްކަމަށެވެ. ގިނަ ބަޔަކަށް ކުޅެލަން ޖާގަ ނުލިބުމާއި، ބޮޑު އަގުގައި ފައިސާ ދީގެން ކުޅެންދާން ޖެހުމަކީ މާލޭގައި ފުޓްސަލް ކުޅޭ މީހުންނަށް އޮތް ބޮޑު ކަންބޮޑުވުމެއްކަމަށެވެ.
މިކަމަށް ހައްލެއް ހޯދުމަށްޓަކައި، ކަމާއިބެހޭ އެންމެހާ ފަރާތްތަކަށް ވަރަށް ފުޅާކޮށް މަޝްވަރާކޮށް، ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް މަހުލޫފް ވިދާޅުވިއެވެ. މިމަޝްވަރާތަކުން މިއަހަރު ނިމުމުގެ ކުރިން މިމައްސަލައަށް ދާއިމީ ހައްލެއް ލިބި މިނިސްޓްރީގެ ދަށަށް ހުރިހާ ދަނޑެއް ނަގައި އޮންލައިންކޮށް ރަޖިސްޓްރީކޮށްގެން ދަނޑުތައް ދޫކުރެވޭނެ އުސޫލެއް ގާއިމް ވެގެންދާނެކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.
"މިހާރު ދަނޑުތައް ނެގުމުގެ ވަރަށް ބޮޑު ވިސްނުމެއް އެބައޮތް. އޭގެ އިތުރަށް އެތަން ތަނަކީ އޮންލައިންކޮށް ބުކްކޮށްގެން މީހުންނަށް ދެވޭނެ ގޮތަކަށް އެކަންކަން ހެދުމަށް މިހާރު ދަނީ މަޝްވަރާ ކުރެވެމުން. މިހާރު އަޅުގަނޑުވެސް ވަނީ 6،400 ދައްކާފަ. ހަފްތާއަކު 2 ރޭ. އެހާވެސް އަގުބޮޑޭ. ބައެއް ތަންތަނުން އެބަނަގާ 9،000 ރުފިޔާ. އެއަށްވުރެ އަގުހެޔޮކޮށް މިކަން ކުރެވޭނެ ގޮތެއް ހޯދަންޖެހޭ." މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.
މާލޭގައި މިހާރު ހުރި ފުޓްސަލް ދަނޑުތަކުގެ ތެރެއިން އެކި އަވަށްތަކުގައި ހުރި ފުޓްސަލް ދަނޑުތައް ފިޔަވައި ދެންހުރި ދަނޑުތައް ބަލަހައްޓަމުންދަނީ ޔޫތު މިނިސްޓްރީއާއި އެފްއޭއެމުންނެވެ. މިތަންތަނުގައިވެސް އާއްމުންނަށް ކުޅުމަށް ފުރުސަތު ލިބޭ ވަގުތު ވަރަށްކުޑައެވެ. މިދަނޑުތަކުގެ ގިނަ ވަގުތު ކަނޑައަޅާފައިވަނީ އެފްއޭއެމްގެ ދަށުގައިވާ ކްލަބްތަކުގެ އެކަޑަމީތަކަށެވެ.