އުމުރުން ހަތަރު އަހަރުގެ ދަރިފުޅު މަރާލިކަމުގެ ކުށް ސާބިތުވި ށ.ފުނަދޫ ދިނަށަ އާމިނަތު ޝާހިދާގެ މައްޗަށް އަދަބު ކަނޑައެޅުން ފަސްކޮށްފިއެވެ.
އާމިނަތު ޝާހިދާ އޭނާގެ ދަރިފުޅަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި ވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ށ. ނޫމަރާ ރީޑަސްވިލާ ގޭގެތެރޭގައެވެ. އެ މައްސަލާގައި ޝާހިދާގެ މައްޗަށް ދައުލަތުން އުފުލީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލާގައި ހެއްކާއި ޤަރީނާ ހުރި މިންވަރަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ މަހުގެ 22ގައި އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ޙުކުމްކޮށްފައެވެ.
މި މައްސަލާގައި ކްރިމިނަލް ކޯޓުން ވަނީ ކުއްޖާގެ ވާރިސުންގެ ބަސްވެސް ނަގާފައެވެ. ސިއްރުކޮށްގެން ކުރިއަށް ގެންދާ މި މައްސަލައާއި ގުޅޭގޮތުން ކްރިމިނަލް ކޯޓުން ބުނީ ކުޑަކުއްޖާގެ ވާރިސުންގެ ގޮތުގައި ހުރީ އެންމެ މީހެއް ކަމަށެވެ. އަދި އޭނާ ކޯޓުގައި ބުނެފައި ވަނީ ގިސޯސް ހިފަންވެސް އަދި މަރުގެ ދިޔަވެސް ބޭނުންނުވާކަމަށެވެ. މި މައްސަލައިގައި މިއަދަށް ތާވަލުކުރީ ހުކުމް އިއްވުމަށެވެ. ނަމަވެސް މިއަދުގެ މަޖިލިސް އަންނަ ބުދަ ދުވަހު ކުރިއަށް ގެންދިއުމަށް މިހާރު ވަނީ ނިންމާފައެވެ.
މީގެ ހަ އަހަރު ކުރިން އެ ކުޑަކުއްޖާ މަރާލާފައިވަނީ ކަރުގެ ތިން ތަނަކަށާއި ކޮނޑުހުޅާ ދިމާލުން ހަތަރު ތަނަކަށް އަދި ކަނާތުގެ ދެ ތަނަކަށާއި ދަތްދޮޅިއަށް ހަމަލާދީގެން ކަމަށް އޭރު ފުލުހުން ބުނެފައިވެއެވެ. އަދި އެ ކުއްޖާގެ ގަޔަށް ހެރި ވަޅިވެސް ލޭތަކާ އެކު އެ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ކަބަޑަކުން ފެނުނެވެ.
އެ ހަމަލާދިންތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭ ޝާހިދާ ހައްޔަރުކޮށް ބަންދުކުރިއެވެ. އެއަށްފަހު އޭނާގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ދައުވާ އުފުލިއެވެ. ކުޑަ ކުއްޖަކު ހިމެނޭ މައްސަލައަކަށްވާތީ ކުރިމިނަލް ކޯޓުގައި ޝަރީއަތް 2016 ވަނަ އަހަރު ފެށީ ސިއްރުކޮށްގެންނެވެ.
މި މައްސަލާގައި ފުލުހުންގެ ތަހުގީގުން ހާމަވި ގޮތުގައި އެކުއްޖާ މަރާލިއިރުވެސް ޝާހިދާގެ ނަފްސާނީ މައްސަލަތަކެއް ހުއްޓެވެ. ސައިކޮލޮޖިކަލް އެސެސްމެންޓުތަކެއް ހަދައި ސައިކޭޓްރިސްޓަކަށް ދައްކާ ފަރުވާ ކުރަމުން ގެންދާ ކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ.