ވިޔަފާރި

ތޮއްޑޫ އާއި ކާށިދޫގެ ދަނޑުވެރިކަމުގެ ހާލަތު މިނިސްޓަރ ބައްލަވާލައްވައިފި


ރާއްޖޭގައި ދަނޑުވެރިކަމުގެ ރޮނގުން އެންމެ ފާހަގަކޮށްލެވޭ ދެ ރަށް ކަމަށްވާ ކ. ކާށިދޫ އާއި އއ. ތޮއްޑޫއަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ ޙުސައިން ރަޝީދު ޙަސަން، ޒިޔާރަތް ކުރައްވައިފިއެވެ.

މި ދަތުރުފުޅުގެ ތެރެއިން ކާށިދޫއަށް ވަޑައިގެން މިނިސްޓަރ ވަނީ ދަނޑުވެރިކަން ޒަމާނީ ދަނޑުވެރިކަމަށް ބަދަލު ކުރުމަށް ކ. ކާށިދޫ ކައުންސިލްގެ އިސްނެންގެވުމާއެކު ފަށާފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ކާށިދޫއަށް ކުރެއްވި ދަތުރުފުޅުގައި މިނިސްޓަރ ވަނީ ކާށިދޫ ކައުންސިލްގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ބައްދަލު ކުރައްވާފައެވެ. މިބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ވަނީ ކާށިދޫގައި ކުރަމުން ގެންދާ ދަނޑުވެރިކަމުގެ މަޢުލޫމާތު މިނިސްޓަރާ ޙިއްޞާކުރައްވާފައެވެ.

މިދަތުރުފުޅުގައި، މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ކ. ކާށިދޫގެ ދަނޑުތަކަށް ލިބިފައިވާ ގެއްލުންތައް މިނިސްޓަރ ބައްލަވާލައްވައި ދަނޑުވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވިއެވެ.

މިނިސްޓަރ އއ. ތޮއްޑޫއަށް ކުރެއްވި ދަތުރުފުޅަކީ ތޮއްޑޫގެ ދަނޑުވެރިކަމަށް ބޭނުންވާ ފެނުގެ ވަޞީލަތްތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ކުޑަކޮށް ދެމެހެއްޓެނިވި ޙައްލެއް ހޯދައިދިނުމަށް އެކުލަވާލައި، ތޮއްޑޫގައި ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢަށް ތޮއްޑޫގެ ކައުންސިލާއި ދަނޑުވެރިންނާއި މަޝްވަރާކޮށް ޚިޔާލުބަދަލު ކުރުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މިދަތުރުފުޅުގެ ތެރެއިން ދަނޑުވެރިންނާ އެކު ބޭއްވުނު ބައްދަލުވުމުގައި ރާއްޖޭގެ ފެން ފަށަލަ ތަޣައްޔަރު ވުމުގެ ސަބަބުން ދަނޑުވެރިންނަށް ދިމާވެފައިވާ ދަތިތައް ފާހަގަކޮށް މިކަމަށް ހޯދޭނެ ޙައްލެއްގެ ގޮތުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމުގެ މުހިންމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެގޮތުން އޭ.ޑީ.ބީގެ އެހީގައި ކުރިއަށް ގެންދާ އެޝުއަރ ޕްރޮޖެކްޓުން ތޮއްޑޫގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ މަޝްރޫޢާ ގުޅޭ މައުލޫމާތު ވަނީ ދަނޑުވެރިންނަށާއި ރަށު ކައުންސިލާއި ޙިއްޞާކުރައްވާފައެވެ. މި ޕްރޮޖެކްޓްގެ ދަށުން އއ. ތޮއްޑޫގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ފެން އުފައްދާ، ވާރޭފެން ނަގާ ރައްކާކޮށް، ޒަމާނީ އިރިގޭޝަން ސިސްޓަމެއް ޤާއިމުކޮށް، ރަށުގެ ފެން ފަށަލައަށް ގެއްލުން ކުޑަ ގޮތަކަށް ދަނޑުތަކަށް ފެންދެވޭނެ ވަސީލަތެއް ތައާރަފްކުރުމަށް ހަމަޖެހިފައިވާއިރު މި މަޝްރޫޢު އެކުލަވާލާފައިވާ ގޮތަށް ކައުންސިލާއި ދަނޑުވެރިންގެ ޚިޔާލާއި މަޝްވަރާ ވަނީ ހޯދާފައެވެ.