އައްޑޫ ސިޓީގައި ޤާއިމްކުރާ ފެނުގެ ނިޒާމްގެ މަސައްކަތް މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.މިހާރު ވަނީ އެ ސިޓީގެ ބައެއް އަވަށްތަކުގައި މަސައްކަތް މުޅިން ނިމިފައެވެ. އައްޑޫ ސިޓީގައި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ކުރީ އިނގިރޭސިވިލާތުގެ ބައިވޯޓާ ކުންފުނިންނެވެ. އެއީ 2010 އަދި 2011 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް އެ ކުންފުނިން ވަނީ މަސައްކަތް ވަކި ހިސާބަކަށް ގެންދިއުމަށްފަހު ހުއްޓާލާފައެވެ. އެއަށްފަހު އެންވަޔަރަމަންޓް މިނިސްޓްރީން 2013 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި އައްޑޫ ފެނުގެ ނިޒާމްގެ މަސައްކަތް ކުރުމަށް ހަވާލުކުރެއްވީ ފެނަކަ ކޯޕަރޭޝަނާއެވެ. ފެނަކަ ކޯޕަރޭޝަނުން ބުނީ މަސައްކަތް ފެށީ ގޮންޖެހުންތަކަކާއެކު ކަމަށާއި، މަސައްކަތް ކުރުމުގައި އެންމެ ދަތި ކަމަކަށްވީ، ބައިވޯޓަރ ކުންފުނިން ހިތަދޫ އަދި ފޭދޫގައި ފެން ހޮޅިތައް ވަޅުލާފައިވާ ސަރަޙައްދުތައް ދެނަގަތުމުގައި ދަތިތަކެއް ކުރިމަތިވުމުން ކަމަށެވެ. ނަމަވެސް އެ ދަތިތަކުން އަރައިގަނެވި، މަސައްކަތް ވަރަށް ބާރު ސްޕީޑްގައި މިހާރު ކުރިއަށް ގެންދާކަމަށާއި، ފެބްރުއުރީ މަހުގެ ތެރޭގައި ދެ ރަށުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނިމާލް ވިދާޅުވިއެވެ. " މިހާރު މަސައްކަތް އެއްކޮށް ނިންމާލެވިފައި މިހުރީ، ހިތަދޫ އުުުތުރު ސަރަހައްދާއި، ހިތަދޫ ދެކުނު ސަރަހައްދާއި، ހުޅުދޫގައި. މިއާއެކު ހިތަދޫ މެދު ދާއިރާއާއި ފެދޫ އަދި މަރަދޫ ފޭދޫގައި ވަރަށް ބާރު ސްޕީޑްގައި މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެވޭ. ދެން އޮތީ މީދޫ. އެރަށުގެ މަސައްކަތް އަޅުގަނޑުމެން ވަރަށް އަވަހަށް ފަށާނަން. އޮގަސްޓް މަހަށް މި ހުރިހާ މަސައްކަތްތަކެއް ނިމި، ރައްޔިތުންނަށް ޚިދުމަތް ލިބިގެންދާނެ. " ނިމާލް ވިދާޅުވިއެވެ.އައްޑޫ ސިޓީގެ މަރަދޫފޭދޫ ފެނަކަ އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރ މުހައްމަދު މުއުމިން ވިދާޅުވީ ފޭދޫގައި 600 އަށްވުރެ ގިނަ ގޭގެއަށް ފެނުގެ ޚިދުމަތް ދެވޭނެ ކަމަށާއި، މިހާރު ކުރިއަށްދަނީ ކަނެކްޝަންގެ މަސައްކަތްތައް ކަމަށެވެ. ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަކީ ސަރުކާރުގެ ވަޢުދެކެވެ. މާލެ ފިޔަވައި، ރާއްޖޭގެ އެންމެ ޢާބާދީ ބޮޑު ސަރަޙައްދު ކަމުގައިވާ އައްޑޫ ސިޓީއަށް ސާފު ބޯފެން ފޯރުކޮށްދިނުން ވެގެންދާނީ މި ވަޢުދު ފުއްދެވުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތަށް ލިބިގެންދާނެ އިތުރު ކުރިއެރުމަކަށެވެ.