ވިޔަފާރި

ދިވެހި އުފެއްދުންތެރިންނަށް ކޮށައިދިން އަލި މަގު!


ދިވެހިންނަކީ ކަންކަމުގެ ހުނަރާއި ތަޖުރިބާ ހުރި މަސައްކަތްތެރި ބައެކެވެ. ދިވެހިން އުފައްދާ އުފެއްދުންތަކުން މިކަން ހާމަވެގެންދެއެވެ.

އަތްތެރި މަސައްކަތަށް ބަލާއިރުވެސް އަޖައިބު ކުރަނިވި އުފެއްދުންތައް އުފައްދާ ދިވެހިން އަހަރެމެންގެ ތެރޭގައި އެބައުޅެއެވެ. ނަމަވެސް ދާއިމީކޮށް ވިޔަފާރިއެއްގެ ގޮތުގައި މިކަން ކުރުމަށް މިފަދަ ފަރާތްތަކަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިތަކެތި މާކެޓް ކުރެވޭނެ ގޮތެއްނެތުމެވެ. މިފަދަ ވިޔަފާރިވެރިންގެ މިކަންބޮޑުވުން ހައްލުކޮށްދިނީ ބީސީސީގެ ބްރޭންޑެއްގެ ގޮތުގައި އޮތެންޓިކް މޯލްޑިވްސް އުފެދި ވުޖޫދުވި ހިސާބުންނެވެ.

އޮތެންޓިކް މޯލްޑިވްސް ފެށުމުގެ މައިގަނޑު މަޤްސަދަކީވެސް ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ދިވެހި އުފެއްދުންތައް އުފައްދާ ވިޔަފާރިތަކުގެ އުފެއްދުންތައް ބާޒާރަށް ނެރެދީ މާކެޓް ކުރެވޭނެ ގޮތެއް ހޯދައި ދިނުމެވެ. މިއީ ދިވެހި އުފެއްދުންތެރިންނަށާއި ވިޔަފާރިތަކަށް ކޮށައިދިން އަލި މަގެކެވެ. އެމީހުންގެ އަތުގައި ހިފައި އޮތެންޓިކް މޯލްޑިވްސްއިން ކުރިއަށް ނިކުތީ ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތައް މާކެޓްކޮށްދޭށެވެ. އަދި ސާބިތުކޮށްދެމުން ދަނީވެސް މިކަމެވެ.

އޮތެންޓިކް މޯލްޑިވްސްގެ އެންމެ ފުރަތަމަ ފިހާރަ ހުޅުވީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ޑިއުޓީ ޕްރީގައި 2020ވަނަ އަހަރުގެ ޖަނަވަރީ މަހުގެތެރޭގައެވެ. އެފިހާރައަށް ލިބުނު ތަރުހީބަށް ބަލައި 2ވަނަ ފިހާރަ ހުޅުވީ ނޮވެމްބަރ 2020ގައި ހުޅުމާލޭ ސެންތްރޯ މޯލްގައެވެ. މިހާރު މާލޭގެ އިތުރުން ކުޑަވިލިގިލި ރިސޯޓްގައިވެސް އަންނަނީ އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ހިންގަމުންނެވެ.

އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް މިމަހުގެ ތެރޭގައި ކްރޮސްރޯޑްގައި ހުޅުވާނެކަމަށް ބީސީސީން ބުނެއެވެ. އަދި މިއަހަރުގެ ތެރޭގައި ގަން އެއަރޕޯޓާއި ރާއްޖޭގެ އިތުރު ބައެއް ރިސޯޓްތަކުގައިވެސް އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތައް ހުޅުވާނެއެވެ.

ކުޑަގޮތަކަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ފެށި މި ވިޔަފާރި ފުޅާކުރަމުންގޮސް ދިވެހި އުފެއްދުންތެރިންނަށް ވަނީ އެމީހުން އުފެއްދުންތައް އުފައްދާހާ ހިނދަކު، އޮތެންޓިކް މޯލްޑިވްސް ސާބިތުވެ އޮންނާނީ އެމީހުންގެ އުފެއްދުންތައް މާކެޓްކުރުމަށްކަން ބުނެދީފައެވެ. އައުޓްލެޓްތައް އިތުރުވަމުންދާ ހަލުވި މިނުންވެސް މިކަން މިވަނީ ހާމަވެފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އޮތެންޓިކް މޯލްޑިވްސްގެ ޑިރެކްޓަރ މުޙައްމަދު ޖައުޝަން ވިދާޅުވީ، އޮތެންޓިކް މޯލްޑިވްސްގެ ފިހާރަ ނުހުޅުވާއިރު ދިވެހި އުފެއްދުންތެރިން ތިބީ އެމީހުންގެ އުފެއްދުންތައް މާކެޓް ކުރެވޭނެ ގޮތެއް ނެތިފައިކަމަށެވެ. އެމީހުންގެ ހުނަރު ހުރިނަމަވެސް އެތަކެތި ވިއްކޭނެ ގޮތެއްނެތްކަމަށާއި އެކަން ފަހިކޮށްދިނީ އޮތެންޓިކް މޯލްޑިވްސްއިންކަން އޭނާ ފާހަގަކުރެއްވިއެވެ.

"ޓެލެންޓް އެބަހުރި މަސައްކަތް ކުރަން އިނގޭ. އެކަމަކު ކޮށްގެން އޭގެއިން ފައިދާއެއް އެމީހާގެ ދިރިއުޅުމަށް ލިބޭނެ މަގެއް ނެތިފައި މިތިބީ. ހުއްޓާ އަޅުގަނޑުމެންގެ އޮތެންޓިކް މޯލްޑިވްސް ބްރޭންޑެއްގެ ގޮތުގައި މިއައީ. އޮތެންޓިކް މޯލްޑިވްސްގެ ފުރަތަމަ ފިހާރަ ޑިއުޓީ ފްރީގައި ހުޅުވީ. އަޅުގަނޑުމެން ބޮޑަށް ފޯކަސް މިކުރަނީ ރާއްޖޭގެ އުފެއްދުންތައް ރާއްޖެއިން ބޭރުގެ މާކެޓްތަކަށް ފޯރުކޮށްދިނުމަށް. ފަތުރުވެރިން ރާއްޖެއިން އެނބުރި ދާއިރު އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކުން ފަތުރުވެރިން ދިވެހި އުފެއްދުންތައް ގަތުމުގެ ފުރުސަތު އެބަލިބޭ. ދިވެހި އުފެއްދުންތެރިންނަށް އެންމެ ފައިދާވާ އެއް އައުޓްލެޓް އެއީ." ޖައުޝަން ވިދާޅުވިއެވެ.

އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކުގެ ސަބަބުން އައު ވިޔަފާރިތައްވެސް ވަނީ އުފެދިގެން ގޮސްފައެވެ. އަދި މިކަން ކުރަމުންދިޔަ ކުދި ވިޔަފާރިތައް ވަނީ ފުޅާކޮށް ބޮޑުވެސްކޮށްފައެވެ.

ޖައުޝަން ވިދާޅުވީ، އޮތެންޓިކް މޯލްޑިވްސްގެ ސަބަބުން ވަރަށް ކުޑަ ގޮތަކަށް ގޭގައި ވިޔަފާރިކުރަމުން އައި ވިޔަފާރިތައް ބޮޑެތި ތަންތަން ކުއްޔަށް ނަގައި މި މަސައްކަތް ފުޅާކޮށްފައިވާކަމަށެވެ. އަދި އައު ވިޔަފާރިތައްވެސް ހުޅުވިފައިވާކަމަށެވެ. މާކެޓް ކުރާނެ ފުރުސަތެއް ނެތި މިކަން ނުކުރެވި ހުރުމަށްފަހު އޮތެންޓިކް މޯލްޑިވްސް އައިހިސާބުން ވިޔަފާރި ރަޖިސްޓްރިކޮށް ވިޔަފާރިތައް ފަށައިގަނެފައިވެސް އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ.

"ގޭގައި މަސައްކަތްކުރަމުންދިޔަ މީހުން އެބަހުރި އޮޕަރޭޝަން ފުޅާކޮށް ވިޔަފާރިއެއްގެ ގޮތުގައި ކުރަންވެގެން ތަންތަން ކުއްޔަށް ނަގައިގެން ބޮޑު ސްކޭލްއެއްގައި މިހާރު އެކަން ކުރަމުން އަންނަ ފަރާތްތައްވެސް. އެހެންވީމަ އޮތެންޓިކް މޯލްޑިވްސްގެ ސަބަބުން އެބަހުރި ކުދި ވިޔަފާރިތައް ވަރަށް ބޮޑަށް ފުޅާވެފައި އެބޭފުޅުންނަށް އުފެއްދުންތައް މާކެޓްކުރުމުގެ ފުރުސަތު ލިބުނީމަ. މީގެއިތުރަށް އަޅުގަނޑުމެން އެބަ ބައިވެރިވަން ރާއްޖެއިން ބޭރުގައި އޮންނަ އެކްސްޕޯތަކުގައިވެސް. ބައިވެރިވެގެން ޕްރޮޑަކްޓްތައް ރާއްޖެއިން ބޭރުގެ މާކެޓްތަކަށް ވިއްކައިދިނުމުގެ ފުރުސަތު އަޅުގަނޑުމެން އެބަ ފަހިކޮށްދެން. އޮތެންޓިކް މޯލްޑިވްސް އައީމަ ކުރިން ވިޔަފާރިވެރިންނަށް ނުލިބޭ ފުރުސަތެއް މި ލިބިގެންދިޔައީ." ޖައުޝަން ވިދާޅުވިއެވެ.

އޮތެންޓިކް މޯލްޑިވްސްއިން ބުނީ އެ ކުންފުނީގެ ސަޕްލަޔަރަކަށްވެގެން ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުސަތު އަބަދުވެސް ވަނީ ހުޅުވާލެވިފައިކަމަށެވެ. ކޮރޮސްރޯޑްގައި އެ ކުންފުނީގެ އައު ފިހާރައެއް ހުޅުވާއިރު ވިޔަފާރިތަކަށް ތަކެތި ވިއްކުމުގެ ފުރުސަތުވެސް މިހާރު ހުޅުވާލާކަމަށް އެ ކުންފުނިން ބުނެއެވެ.

އޮތެންޓިކް މޯލްޑިވްސް ފުރަތަމަ ފަށައިގަނެގެން އައިއިރު 50 ވިޔަފާރިވެރިންނާއިއެކު ފަށައިގެން އައިސް މިހާރު 150 އަށްވުރެ ގިނަ ވިޔަފާރިވެރިން އެ ކުންފުންޏާއިއެކު މަސައްކަތް ކުރެއެވެ. މިއީ ގާތްގަނޑަކަށް 3000 އަށްވުރެ ގިނަ ދިވެހި އުފެއްދުމެވެ.

އޮތެންޓިކް މޯލްޑިވްސް ފިހާރައިގައި ތަކެތި ވިއްކަން ފެށި ބައެއް ވިޔަފާރިވެރިން ޕާޓްޓައިމްކޮށް އެ މަސައްކަތް ފެށި ނަމަވެސް މިހާރު ފުލްޓައިމްކޮށް އެކަމަށް ހުސްވެގެންވެސް އެކަން ކުރަމުންދެއެވެ. މިކަމުންވެސް ވިޔަފާރިވެރިންގެ ތަރުހީބާއި ސަޕޯޓް ހާމަވެގެންދެއެވެ. ހަމަގައިމުވެސް އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކުން ވިޔަފާރިވެރިންނަށް ހޯދައިދިނީ ކުރިން އެމީހުންނަށް ލިބިފައިނެތް އުންމީދެކެވެ.