އުރީދޫ މޯލްޑިވްސްއިން އިންޓަނޭޝަނަލް މަނީ ޓްރާންފަރގެ ޓްރައެލް ފަށައިފިއެވެ.
އެމްއެމްއޭއިން އުރީދޫއަށް އިންޓަނޭޝަނަލް ރެމިޓެންސް ޙިދުމަތް ދިނުމުގެ ލައިސަންސް ދީފައިވަނީ މިއަހަރުގެ ޖަނަވަރީމަހުގެ ތެރޭގައެވެ.
އުރީދޫ މޯލްޑިވްސްއިން އިންޓަނޭޝަނަލް މަނީ ޓްރާންފަރގެ ޓްރައެލް ފެށުމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ޗީފް ކޮމާޝިއަލް އޮފިސަރ ހުސައިން ނިޔާޒް ވިދާޅުވީ، ޖަނަވަރީމަހު އުރީދޫއަށް އެމްއެމްއޭގެ ފަރާތުން އިންޓަނޭޝަނަލް ރެމިޓެންސް ޙިދުމަތް ދިނުމުގެ ލައިސަންސް ލިބުމާއެކު މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންނަށް މި ޙިދުމަތް ވީހާވެސް އަވަހަށް ފޯރުކޮށްދިނުމަށެވެ.
މިހާރު އެމް ފައިސާ މެދުވެރިކޮށް އިންޓަނޭޝަނަލް މަނީ ޓްރާންސްފަރގެ ޓްރައެލް ފަށާފައިވާކަމަށް ނިޔާޒް ވިދާޅުވިއެވެ. ޓްރައަލް ފަށާފައިވަނީ ވަރަށް މަދު ކަސްޓަމަރުންނާއެކުގައެވެ. ނިޔާޒް ވިދާޅުވީ، ޓެސްޓިން މަރުހަލާއަށްފަހު ތިން ހަތަރު ހަފްތާ ފަހުން އާންމުކޮށް މި ޙިދުމަތް ހުޅުވާލެވިގެންދާނެކަމަށެވެ. ޓެސްޓްތައް ކުރަމުންދަނީ އެމްއެމްއޭއާއި ގުޅިގެންނެވެ. މިހާތަނަށް މި ޙިދުމަތް ދިނުމަށް އެއްވެސް މައްސަލައެއް ދިމާނުވާކަމަށް އޭނާ ވިދާޅުވިއެވެ.
"2016 އިން ފެށިގެން އަޅުގަނޑުމެންގެ އެމްފައިސާ މެދުވެރިކޮށް އަޅުގަނޑުމެން ރާއްޖޭގެ ކަންކޮޅުތަކަށް ޑިޖިޓަލް ފައިނޭންސްގެ ކަންތައްތައް ފަށައިފިން. މީގެ އެހެން ހަރުފަތަކަށް އަޅުގަނޑުމެންނަށް މިދެވެނީ އެމްފައިސާ މެދުވެރިކޮށް. އަޅުގަނޑުމެން ރާއްޖޭގައި ތިބި ކަސްޓަމަރުންނަށް ރާއްޖެއިން ބޭރަށް ލާރި ފޮނުވިގެންދާނެ. ރިސޯޓްތަކުގައި އުޅޭ ބިދޭސީ މުވައްޒަފުން ތަނެއްގައި ކިޔޫޖެހިގެން ބޭރަށް ފައިސާ ފޮނުވާކަށް ނުޖެހޭނެ. އެމްފައިސާ އެޕްލިކޭޝަން މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވިގެންދާނެ. ހަރަދުވެސް ކުޑަވެގެންދާނެ" ނިޔާޒް ވިދާޅުވިއެވެ.
އުރީދޫއިން ބުނީ މި ޙިދުމަތް މެދުވެރިކޮށް ދިވެހި ރުފިޔާއިންނާއި، ފޮނުވަން ބޭނުންވާ ޤައުމެއްގެ ފައިސާއަށް ކޮންވާރޓް ކުރެވޭނެކަމަށެވެ. އޭގެއިތުރަށް ޔޫއެސް ޑޮލަރުންވެސް ފޮނުވޭއިރު، ފޮނުވާ ޤައުމެއްގެ ބޭންކް އެކައުންޓަށާއި، އެޤައުމެއްގެ ޕިކްއަޕް ޕޮއިންޓަކުންވެސް ޕިކްއަޕް ކުރެވޭނެކަމަށެވެ. އެހެން ނޫނީ އެޤައުމެއްގައި މޮބައިލް ވޮލެޓަކަށްވެސް މީތި ފޮނުވިދާނެކަމަށެވެ.
އުރީދޫއިން ބުނީ މި ޙިދުމަތުގެ ސަބަބުން ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށާއި އަދި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށްވެސް ފަސޭހަވެގެންދާނެކަމަށެވެ.