ސިއްހަތު

2015- އާސަންދައިގެ ޚިދުމަތް ތިން ލައްކައަށްވުރެ ގިނަ މީހުން ހޯދި


ކޮންމެ ދިވެހި ރައްޔިތަކަށް ހިލޭ ބޭސްފަރުވާ ކުރެވޭ ނިޒާމް، ނުވަތަ ހުސްނުވާ އާސަންދައިގެ ދަށުން މިދިޔަ 2015 ވަނަ އަހަރު ރާއްޖެއާއި ރާއްޖެއިން ބޭރުން ތިންސަތޭކަ ހާހަށްވުރެ ގިނަ މީހުން ޚިދުމަތް ހޯދާފައިވާކަމަށް އާސަންދަ ކުންފުނިން ހާމަކުރައްވައިފިއެވެ.ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ހިލޭބޭސްފަރުވާ ކުރެވޭ ނިޒާމަކީ، ދިވެހި ދައުލަތުން ބޮޑު ޚަރަދެއް ކުރައްވައި ހިންގަވާ ނިޒާމެކެވެ. އާސަންދަ ކޮމްޕެނީން ހާމަކުރައްވާ ގޮތުގައި ނިމިގެންދިޔަ 2015 ވަނަ އަހަރު ސަރުކާރުގެ ހިލޭ އެހީގައި 310691 މީހުންނަށް ބޭސްފަރުވާކޮށްފައިވެއެވެ. ހުސްނުވާ އާސަންދައިގެ ތަފާސް ހިސާބުތަކަށް ބަލާއިރު މީގެތެރެއިން ހަމަ އެކަނި ރާއްޖެއިން ޚިދުމަތް ހޯދާފައިވަނީ 310443 މީހުންނެވެ. އަދި ރާއްޖެއިން ބޭރުން ޚިދުމަތް ހޯދާފައިވަނީ 4750 މީހުންނެވެ. އަދި މި މީހުން އެކިފަހަރު މަތިން އާސަންދައިގެ ޚިދުމަތް ހޯދާފައިވާކަން ފާހަގަކޮށްލެވެއެވެ.އާސަންދަ އޮފީހުން ހާމަކުރެއްވިގޮތުގައި ރާއްޖޭގައި އެންމެ ގިނަ މީހުން ފަރުވާ ހޯދާފައިވަނީ ލޭމައްޗަށްދާ ބަލިތަކަށާއި ހަކުރުބަލިފަދަ ބަލިތަކަށެވެ. އަދި ރާއްޖެއިން ބޭރަށް އެންމެ ގިނައިން މީހުން ފޮނުވިފައިވަނީ ހިތުގެ ބަލީގެ ފަރުވާއަށާއި ކެންސަރު ބަލީގެ ފަރުވާތަކަކަން ތަފާސް ހިސާބުތަކުން ދައްކައެވެ.ފާއިތުވި އަހަރު ހުސްނުވާ އާސަންދައިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ އެޑްމިޓްނުކޮށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުން ދެވޭ ފަރުވާއަށެވެ. މީގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމާއި ޓެސްޓް ހެދުމާއި ބޭސްސިޓީއަށް ބޭސްނެގުމަށް ކުރެވިފައިވާ ޚަރަދުތައް ހިމެނެއެވެ. އެންމެ ގިނަ މީހުންނަށް ރާއްޖެއިން ބޭރުން ބޭސްފަރުވާގެ ކަންތައް ހަމަޖައްސައިދީފައިވަނީ އިންޑިޔާގެ ޓްރިވެންޑްރަމްގައި ހުންނަ ކިމްސް ހޮސްޕިޓަލުންނެވެ. މިދިޔަ އަހަރު އާސަންދައިގެ ދަށުން ފަރުވާހޯދުމަށް ހޭދަވި އަދަދަށް ބަލާއިރު ހަމައެކަނި ރާއްޖެއިން ފަރުވާ ހޯދުމަށް އަށްސަތޭކަ ނުވަދިހަ އެއްމިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ޚަރަދުކުރެވިފައެވެ.ރާއްޖޭއިން ބޭރުން ފަރުވާ ހޯދުމަށް ދުއިސައްތަ އަށްޑިހަ ފަސްމިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރެވިފައިވެއެވެ. ޖުމްލަ އާސަންދަ ސްކީމްގެ ދަށުން އެކެއް ޕޮއިންޓް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ފާއިތުވި އަހަރު ޚަރަދުކުރެވިފައިވެއެވެ. ކޮންމެ އަހަރަކުވެސް ރާއްޖޭގެ 82 ޕަސެންޓް މީހުން އަހަރަކު މަދުވެގެން އަށްފަހަރު އާސަންދައިން ބޭސްފަރުވާކުރާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.