ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކުން އެކުލަވާލުމަށް ލާޒިމްކޮށްފައިވާ އެރަށެއްގެ ލޭންޑް ޔޫސް ޕްލޭން ހެދުމަށް ކުރިމަތިވާ ގޮންޖެހުމަށް އޮތް ހައްލު ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ދައްކަވައިފިއެވެ. އުކުޅަހުގައި ކުރިއަށްދާ ވިއަވަތި ރާއްޖެ ކޮންފަރެންސްގައި މިނިސްޓަރ އަސްލަމް ވަނީ ލޭންޑު ޔޫސް ޕްލޭން ހެދުމަށް ކައުންސިލްތަކަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމަށް ކުރެވޭނެ ކަންކަން ތަސްފީލްކޮށްދެއްވާފައެވެ.
ލާމަރުކަޒީ ޤާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައި ބަޔާންކުރަނީ ކައުންސިލްތަކުގެ އިންތިޚާބަށްފަހު، އިންތިޚާބުކުރެވޭ މެންބަރުން މަޤާމާ ޙަވާލުވުމަށްފަހު ތިން މަސްދުވަހުގެ ތެރޭގައި، އަތޮޅު ކައުންސިލުން ފޯރުކޮށްދޭ ފަންނީ އެހީތެރިކަމާއެކު، އެ ރަށެއްގެ ރަށުގެ ތަރައްޤީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން ކޮންމެ ރަށެއްގެ ރަށު ކައުންސިލުން އެކުލަވާލަންވާނެކަމަށެވެ.
ނަމަވެސް ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށް ކައުންސިލްތަކަށް ވަނީ ބޮޑު ގޮންޖެހުމަކަށް ވެފައެވެ. ލޭންޑު ޔޫސް ޕްލޭން އެކުލަވާލާ ފާސްކުރުމަށް ޕްލޭނިން މިނިސްޓްރީއަށް ފޮނުވިނަމަވެސް އެ ޕްލޭންތައް ފާސްކުރެވިފައިނުވާތީ ކައުންސިލްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ވިއަވަތި ކޮންފަރެންސްގައި ލޭންޑު ޔޫސް ޕްލޭނާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ، ލާމަރުކަޒީ ޤާނޫނުން ކުރަން ލާޒިމްކުރި ކަންކަމުގެ ތެރެއިން އެންމެބޮޑަށް ލަސްވެފައިވާ މަސައްކަތަކީ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުންކަމަށެވެ. ނަމަވެސް ޕްލޭން ހަދައިގެން ނޫނީ ރަށްރަށުގައި ނުކުރެވޭނެ ކަންކަން އެބަހުރިކަމަށެވެ. އެގޮތުން ރަށެއްގައި އައުކަމަކަށް ބިން ބޭނުންކުރުމަށާއި، ރައްޔިތުންނަށް ގޯތި ދޫކުރެވޭނީވެސް އަދި ބައެއް ހާލަތްތަކުގައި ސަރުކާރުގެ މަޝްރޫޢު ހިންގުމަށްވެސް ލޭންޑު ޔޫސް ޕްލޭން ބޭނުންވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އެއީ ކޮންމެހެން އޮންނަޖެހޭ އަދި ކުރެވެންޖެހޭ ކަމެއްކަމަށާއި، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ފާހަގަކުރެވުނީ ޤާނޫނު މާނަކުރުމުގައި އޮތް މައްސަލަކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިހާތަނަށް ލޭންޑު ޔޫސް ޕްލޭން އެކުލަވާލައި ފާސްކުރުމަށް ހުށައެޅީ 55 ރަށަކުންކަމަށާއި، މިހާތަަނށް ފާސްކުރެވިފައިވަނީ 7 ޕްލޭންކަމަށެވެ. އަދި 11 ރަށެއްގެ ލޭންޑު ޔޫސް ޕްލޭން ފާސްކުރުމުގެ އެންމެ ފަހު މަރުހަލާގައިވާކަމަށާ، ޕްލޭން ގޯސްވެގެން 26 ރަށެއްގެ ޕްލޭން އަނބުރާ ފޮނުވާލާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި 10 ރަށެއްގެ ޕްލޭން ގޯސްވެގެން އިސްލާހު ކުރުމަށް ފޮނުވުން، އެކަންކުރުމަށްފަހު އަނބުރާ ޕްލޭނިން މިނިސްޓްރީއަށް ފޮނުވާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"ކުރީގެ ޗާޓުތަކުގައި މިސްކިތް ހުރިތާ ހުންނާނީ އެތަންތަން ބަދަލުނުވާނެ. ގަބުރަސްތާނުވެސް ހުންނާނީ ހުންނަތާ، އަލަށް އާބާދުވީ ސަރަހައްދު ނުހުންނާނެ. އެކަން އަޕްޑޭޓްކޮށްލަންޖެހޭނީ،. ޒަމާނީ ޓެކްނޮލޮޖީގައި މިހަކަން ކުރެވިދާނެ." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
މެދުރާއްޖެ ތެރޭގެ ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން ހިމެނޭހެން 174 ބައިވެރިން މުޚާޠަބުކުރައްވާ މިނިސްޓަރ އަސްލަމް ވަނީ ލޭންޑު ޔޫސް ޕްލޭން އެކުލަވާލާނެ ގޮތުގެ ޕްރެޒެންޓޭޝަނެއްވެސް ތަފްސީލް ކޮށްދެއްވާފައެވެ. މިނިސްޓަރ ވިދާޅުވީ ލޭންޑް ޔޫސް ޕްލޭންގައި ރަށުގައި ހިމެނޭ ރުށްގަސް ހިމެނުމަށްވެސް ބަޔާންކޮށްފައިވާތީ އެކަން މާނަކުރުމުގައިވެސް ދަތިތަކެއް އެބަހުރިކަމަށެވެ. އެގޮތުން ކޮންމެ ގަހެއް ގުނުމަކީ ދަތިކަމށްވާނެކަމަށާއި، ރަށުގެ މަތިން ނަގާފައިވާ ފޮޓޯއަކުން އެވްރެޖުކޮށް ގުނެވޭނެ ރުށްގަސް ގުނުމަށްފަހު ލޭންޑް ޔޫސް ޕްލޭންގައި ޖެއްސެވުމުން ޤަބޫލުކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ލޭންޑު ޔޫސް ޕްލޭންގައި ރަށުން ހިއްކިދާނެކަމަށް ބުނާ ސަރަހައްދު ފާހަގަކުރުން ލާޒިމްކަމަށެވެ. ނަމަވެސް ޭގެ ބަދަލުގައި ކައުންސިލްތަކުން ފޮނުވަނީ އެތަނެއްގައި ހިންގޭނެ މަޝްރޫޢުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އެބައާދޭ ބައެއް ރަށްރަށުގައި ޕްރޮޖެކްޓް ޑިޒައިން ފާހަގަކޮށްގެން،. ނަމަވެސް ޤާނޫނުގަ އިންނަނީ ހިއްކިދާނެކަމަށް ލަފާކުރެވޭނެ ސަރަހައްދު ފާހަގަކުރަން. ސީދާ ޕްރޮޖެކްޓް ޑިޒައިން ނުކުރައްވާށޭ. ދޮން ފަޅު އަސްލު އެއީ ހިއްކިދާނެ ސަރަހައްދު. ފޮނުވާ ލޭންޑް ޔޫސް ޕްލޭންގައި އޮތް ގޮތަށް ނުހިއްކަފާނެ އަޅުގަނޑުމެން. އެކަމު މަޝްރޫޢު ހިންގާއިރު ބައެއް ހިއްކަފާނެ. ޤާނޫނުގައި އޮންނަނީ އެތަން ބޭނުންކުރާނެ ގޮތް. މިސާލަކަށް ތިބޭފުޅުންނަށް ޖެއްސިދާނެ މިއިީއޭ ހިއްކެން އޮތްސަރަހައްދު މިތަން ބޭނުންކުރަނީ އިންޑަސްޓްރިއަލް ބޭނުމަށް. މަޝްރޫއު ނުޖައްސަވާށޭ. ޤާނޫނުގައިވާ ކަންކަން މާ ބޮޑަށް ތި މާނަކުރައްވަނީ.." އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ އެމްޓީސީސީއާއި ޤައުމީ ޔުނިވާސިޓީ ގުޅިގެން އަދި އިނގިރޭސިވިޅާތުގެ ޔުނިވާސިޓީގެ ލެކްޗަރާއިން ހިމެނޭހެން ޑްރޯން ބޭނުންކޮށްގެން ފޮޓޯ ނެގުމަށް ތަމްރީންތަކެއް އަންނަ މަހު 1ގައި ފަށާކަން ފާހަގަކުރައްވާފައެވެ. ޕްލޭނިން މިނިސްޓްރީއާއިވެސް ގުޅިގެން ހިންގާ އެ ތަމްރީންގައި ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރާނެގޮތް ތަފްސީލްކޮށްދެއްވާނެކަމަށްވެސް ކިޔައިދެއްވާނެކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ އެ ތަމްރީންގައި ކޮންމެ ކައުންސިލަކުން ބޭފުޅަކު ބައިވެރިކުރުމަށް އިލްތިމާސްކުރައްވާފައެވެ.
މި ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ލޭންޑު ޔޫސް ޕްލޭނަކީ ބަދަލުކުރެވިދާނެ އެއްޗެއްކަން ފާހަގަކުރައްވައި އެ ޕްލޭންތައް އެކުލަވާލުމަށް ކައުންސިލްތަކަށް އިލްތިމާސްކުރައްވާފައެވެ.
ޕްލޭނިން މިނިސްޓަރ ދެއްވި މަޢުލޫމާތުގެ އަލީގައި ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް ކައުންސިލްތަކުން ވަނީ މި ކޮންފަރެންސްގައި ފާހަގަކޮށްފައެވެ.