ޚަބަރު

ދައުލަތުން ފައިސާ ދައްކަންޖެހޭ އެއްވެސް ބިލެއް މިހާރު ނުހުންނާނެ


ދައުލަތުން ފައިސާ ދައްކަންޖެހޭ އެއްވެސް ބިލެއް މިހާރު ނުހުންނާނެކަމަށް ފިނޭންސް މިނިސްޓަރ ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.މިނިސްޓަރ ޖިހާދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސަރުކާރާއި ހަވާލުވެ ވަޑައިގެންނެވިއިރު ހުރިހާ ދާއިރާތަކަކުން ގޮންޖެހުންތައް ހުރިކަމަށާއި، ޚާއްސަކޮށް މާލީ ދާއިރާއަށް ގޮންޖެހުންތައް އިންތިހާއަށް ހުރިކަމަށެވެ. ނަމަވެސް އެ ގޮންޖެހުންތައް މިހާރު ނައްތާލެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ދައުލަތުން ފައިސާ ދައްކަންޖެހޭ އެއްވެސް ބިލެއް މިހާރު ނުހުންނާނެކަމަށް އިޝާރާތް ކުރައްވައި ފިނޭންސް މިނިސްޓަރ ޢަބްދުﷲ ޖިހާދު  ވިދާޅުވީ، ދައުލަތުގެ ޕެންޑިންގ ބިލްސް ނުވަތަ ދައުލަތުން ފައިސާ ދައްކަންޖެހޭ ބިލްތައް މިހާރު  ނެތޭ ބުނެވިދާނެކަމަށެވެ.ސަރުކާރުން މުވައްޒަފުންނަށް މަހުން މަހަށް ކުރާ ޚަރަދު ނުވަތަ އެމް.އާރު.އާރު %20 އިން %10އަށް މިހާރު ދަށްކުރެވިފައިވާކަމަށާއި، ޓީބިލްގެ އިންޓަރެސްޓް ރޭޓް %50އަށް ދަށްކުރެވިފައިވާކަމަށް ވިދާޅުވިއެވެ. އަދި ދައުލަތުގެ ރިޒާވް ދެގުނައަށް އިތުރުވެފައިވާކަމަށްވެސް ފިނޭންސް މިނިސްޓަރ ޢަބްދުﷲ ޖިހާދު ވިދާޅުވިއެވެ.މިނިސްޓަރ ވިދާޅުވީ، ތަރައްގީގެ މަޝްރޫޢުތަކަށް ޚަރަދުކުރުން ނުވަތަ ޕީއެސްއައިޕީއަށް ހޭދަކުރާ މިންވަރުވެސް މިހާރު 9 ގުނަ އިތުރުވެ،  1.8 ބިލިއަން ރުފިޔާއިން 9.1 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާކަމަށެވެ. އަދި އިންފްލޭޝަން ރޭޓު ދަށްކުރެވިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އިންފްލޭޝަން ރޭޓް 2.7 އިންސައްތައިން 1.1 އިންސައްތައަށް ދަށް ކުރެވިފައިވާކަމަށެވެ.މިނިސްޓަރ ޖިހާދު ވިދާޅުވީ، ރައްޔިތުންނަށްޓަކައި ދައުލަތުން ހޭދަކުރާ ތަރައްޤީގެ މަޝްރޫޢުތަކަށް ހޭދަކުރާ މިންވަރު އެތައް ގުނައެއް އިތުރުވުމުގެ ނަތީޖާ އަކީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެފައިވުންކަމަށެވެ.ހީނަރުވެފައި އޮތް ރާއްޖޭގެ އިޤްތިޞާދު ހަމައަކަށް އެޅުއްވުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރައްވަމުން ގެންދަވާއިރު، ރާއްޖޭގައި އުފެދިފައި އޮތް ޑޮލަރުގެ ކަޅު ބާޒާރު މިހާރު ނައްތާލެވިފައިވާކަން ސަރުކާރުން ފާހަގަކުރެއްވިއެވެ.