ކުޅިވަރު

ޔޫރޯ 2016ގައި ގޯލް ލައިން ޓެކްނޮލޮޖީ ބޭނުންކުރަނީ


މިއަހަރު ފްރާންސްގައި އޮންނަ ޔޫރަޕްގެ ފުޓްބޯޅަ މުބާރާތުގައި ގޯލް ލައިން ޓެކްނޮލޮޖީ ބޭނުންކުރަން ޔޫރަޕްގެ ފުޓްބޯޅަ އިދާރާ ޔޫއެފާއިން ނިންމައިފިއެވެ. ޔޫއެފާގެ މީޑިއާ ސްޕޯކްސްޕާރސަން ޕެޑްރޯ ޕިންތޯ ވިދާޅުވީ ޔޫރަޕްގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތްކަމަށްވާ ޔޫރޯ ދެހާސް ސޯޅާގައި ގޯލް ލައިން ޓެކްނޮލޮޖީ ބޭނުންކުރަން ޔޫއެފާއިން މިހާރުވަނީ ނިންމާފައިކަމަށެވެ. ޔޫރޯގެ އިތުރުން ޔޫރަޕްގެ ކްލަބްތަކުގެ އެންމެ ޝަރަޕްވެރި ފުޓްބޯޅަ މުބާރާތް ޔޫއެފާ ޗެމްޕިއަންސް ލީގުގައިވެސް އަންނަ ސީޒަނުން ފެށިގެން ގޯލް ލައިން ޓެކްނޮލޮޖީ ބޭނުންކުރާނެކަމަށެވެ. "ޔޫރޯ 2016ގައި ގޯލް ލައިން ޓެކްނޮލޮޖީ ބޭނުންކުރަން ޔޫއެފާއިން މިހާރުވަނީ ނިންމާފައި. އަދި 2016/2017ގެ ޔޫއެފާ ޗެމްޕިއަންސް ލީގްގެ ޕްލޭ އޮފް މެޗުތަކުން ފެށިގެން ގޯލް ލައިން ޓެކްނޮލޮޖީ ބޭނުންކުރެވޭވެ. މިކަމުގެ ސަބަބުން ފުޓްބޯޅައަށް ކުރިއެރުން ލިބޭނެކަމަށް އުއްމީދުކުރަނީ"ގޯލް ލައިން ޓެކްނޮލޮޖީ ބޭނުންކުރި ކަމުގައިވިޔަސް ޔޫރަޕްގެ ފުޓްބޯޅަ މުބާރާތްތަކުގައި ބޭނުންކުރާ ރެފްރީންގެ އަދަދަށް ބަދަލްނުގެންނާނެކަމަށް ޕެޑްރޯ ފާހަގަކުރެއްވިއެވެ. ޕެޑްރޯއާއި އެކު ޔޫއެފާގެ ގެނެރަލް ސެކެޓްރީ ޖިއާނީ އިންފަންތީނޯވަނީ ޔޫރަޕްގެ ފުޓްބޯޅަ ކުރިއެރުވުމަށް ޔޫއެފާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި އޭގެ އިތުރުން ކުރިއަށް އޮތް ފީފާ އިންތިޚާބުގައި އިންފަންތީނޯއަށް ބޮޑު އަގްލަބިއްޔަތަކުން ކާމިޔާބު ލިބިވަޑައިގަންނަވާނެކަމަށާއި މަދުވެގެން ސަތޭކަ ފަސް ވޯޓް ފަސޭހަކާމާއިއެކު ލިބޭނެކަމަށް އިންފަންތީނޯ ވިދާޅުވިއެވެ."މަދުވެގެން 105 ވޯޓު އަހަންނަށް ލިބޭނެ، ފަސޭހަކަމާއިއެކު މިފަހަރުގެ އިންތިޚާބު އަހަރެން ކާމިޔާބުކުރާނަން" އިންފަންތީނޯ ވިދާޅުވިއެވެ.