ޚަބަރު

މަސްވެރިކަމުގެ މޫސުން ފެށެންވާއިރަށް ކޫއްޑޫއަށް 800 ޓަނުގެ މަސް ގަނެވޭނެ ގޮތް ހަމަޖައްސަނީ


އަންނަ މަސްވެރިކަމުގެ މޫސުން ފެށެންވާއިރަށް ގއ.ކޫއްޑޫއަށް 800 ޓަނުގެ މަސް ގަނެވޭނެގޮތް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

މަސްވެރިކަން ރަނގަޅުވެ، މަސްބާނާ މިންވަރު އިތުރުވާ ދުވަސްވަރު މަސް ނުކިރުވޭކަމުގެ ކަންބޮޑުވުން މަސްވެރިން ފާޅުކުރަމުން ގެންދެއެވެ. ސަރުކާރުން ގެންދަނީ މަސް ގަނެ ޕްރޮސެސްކުރެވޭ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ވިދާޅުވީ، މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު މަސް ކިރުވުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކުރު މުއްދަތާއި ދިގު މުއްދަތެއްގައި ކުރެވޭ ކަންކަމާއެކު މައްސަލައަށް ހައްލު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މަސްވެރިކަން ތިޔާގިވާ ދުވަސްވަރު އެންމެ ގިނަ އަދަދަކަށް މަސް ކިރަނީ ރާއްޖޭގެ ދެކުނު ސަރަހައްދަށްކަމަށާއި، ޚާއްޞަކޮށް ކޫއްޑޫއަށްކަމަށެވެ.

ފާއިތުވި ދިހަވަރަކަށް އަހަރުގެ ތަފާސް ހިސާބުތަކާއި ހަވާލާދެއްވާ މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ވިދާޅުވީ މިއަހަރުގެ އެންމެ ރަނގަޅު މަސްވެރިކަމު މޫސުން ފެށޭނީ އޯގަސްޓް މަހާއި ސެޕްޓެމްބަރު މަހު ހިސާބުގައިކަމަށެވެ. އަދި އޮކްޓޯބަރު މަހާއި އަންނަ އަހަރުގެ ޖެނުއަރީ މަހާ ހަމައަށް މަސްވެރިކަން އާދަޔާއު ޚިލާފަށް ރަނގަޅުވާނެކަމަށްވެސް ތަފާސް ހިސާބުތަކަށް ރިޔޢަތްކުރައްވާ މިނިސްޓަރ ވިދާޅުވިއެވެ.

ކުރިއަށް އޮތް މަސްވެރިކަމުގެ މޫސުން ފެށުމުގެ ކުރިން ތިން މަސް ދުވަހުގެ ތެރޭގައި ކޫއްޑޫގެ ޤާބިލްކަން އިތުރުކުރެވޭނެ ހަމައެކަނި ގޮތަކީ މަސް ފިނިކޮށް، ގަނޑު ކުރާ ފްރީޒާ ވެސަލްތަކެއް ގަތުންކަމަށެވެ. އެކަމަށް ދެ ބޯޓު ނުވަތަ ތިން ބޯޓު ބޭނުންވާކަމަށާއި، އެކަމާއި ގުޅޭގޮތުން ރައީސް އޮފިހާއިވެސް މަޝްވަރާކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ކުރިއަށް އޮތް މަސްވެރިކަމުގެ މޫސުމުގައި 800 ޓަނު ކޫއްޑޫއަށް ކިރުމަށް ގެންނާނެ ކަމަށް ބަލާއިރު، ޝޯރޓް ޓާރމް ހައްލެއްގެ ގޮތުން މަދުވެގެން އިތުރު 400 ޓަނު ގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ. އަދި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މި ގާބިލްކަން ޤާއިމްކުރެވޭނެ ހަމައެކަނި ގޮތަކީ މަސް ގަނޑުކޮށް ފިނި ކުރާ ފްރީޒާ ވެސެލްސް ގަތުން." ފިޝަރީޒް މިނިސްޓަރ ވިދާޅުވިއެވެ.

މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލުހޯދުމަށްޓަކައި ސަރުކާރުން ދަނީ ވަގުތުތުންވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅަމުންނެވެ. އެގޮތުން މަސްވެރިން ބާނާ މަސް ތާޒާ ކަންމަތީ ގަނެ ފިނިކޮށް ރައްކާ ކުރުމަށް ދުވާލަކު 100 ޓަނުގެ މަސް ފިނި ކުރެވޭ އަދި 300 ޓަނުގެ މަސް ސްޓޯރު ކުރެވޭ ބޯޓަކާއި މަސް އެކްސްޕޯޓް ކުރުމަށް 2400 ޓަނުގެ ރީފާ ކެރިއަރެއް ރާއްޖެ ވަނީ ގެނެސްފައެވެ. މީގެ އިތުރުން މަސް އެކްސްޕޯޓް ކުރުމަށް 2400 ޓަނުގެ ރީފާ ކެރިއަރެއް މިހާރު ގެނެސްފައިވެއެވެ.

ކޫއްޑޫއަކީ ދެކުނުގެ މަސްވެރިން މަސް ކިރުވުމަށާއި އައިސް ހޯދުމަށް އެންމެ ބޮޑަށް ބަރޯސާވާ އެއް ސެންޓަރެވެ. ކޫއްޑޫގައި މިހާރު ހުރީ ދުވާލަކު 240 ޓަނުގެ މަސް ފްރީޒިން ކެޕޭސިޓީއެވެ.

މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލުހޯދުމަށްޓަކައި ސަރުކާރުން ދަނީ ވަގުތުތުންވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅަމުންނެވެ. އެގޮތުން މަސްވެރިން ބާނާ މަސް ތާޒާ ކަންމަތީ ގަނެ ފިނިކޮށް ރައްކާ ކުރުމަށް ދުވާލަކު 100 ޓަނުގެ މަސް ފިނި ކުރެވޭ އަދި 300 ޓަނުގެ މަސް ސްޓޯރު ކުރެވޭ ބޯޓަކާއި މަސް އެކްސްޕޯޓް ކުރުމަށް 2400 ޓަނުގެ ރީފާ ކެރިއަރެއް ރާއްޖެ ވަނީ ގެނެސްފައެވެ. މީގެ އިތުރުން މަސް އެކްސްޕޯޓް ކުރުމަށް 2400 ޓަނުގެ ރީފާ ކެރިއަރެއް މިހާރު ގެނެސްފައިވެއެވެ.