ކަރަންޓު އާލާތްތައް ހިންގުމަށް ހަކަތަ ހޭދަވާ މިންވަރު އަންގައިދޭ ދިވެހި ލޭބަލް "ހަކަތަރި" އެސްޓީއޯއިން ވިއްކާ އެއަރ ކޮންޑިޝަންތަކުގައި ޖަހަން ފަށައިފިއެވެ.
މިއީ ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ބާރު އަޅާ، އެންވަޔަރަމަންޓް މިނިސްޓްރީން ފަށާފައިވާ މަސައްކަތެކެވެ.
އެސްޓީއޯއަކީ ހަކަތަ ސަމަކާރަ ލޭބަލް ޖަހަން ފެށި ފުރަތަމަ ކުންފުންޏެވެ. އެސްޓީއިން ވަނީ އެ ކުންފުނިން ވިއްކާ 6 މޮޑެލްއެއްގެ އޭސީގައި، ކަރަންޓު ބޭނުންވާ މިންވަރު އަންގައިދޭ ދިވެހިން ލިޔެފައިވާ ލޭބަލް ޖަހާފައެވެ.
އެސްޓީއޯގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަސައްކަތް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް އެނަވަޔަރަމަންޓް ކްލައިމެެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއެވެ.
ހަކަތަރި ލޭބަލް ހުންނާނީ އެކަކުން ފެށިގެން ފަހަކާއި ހަމައަށް ދަރަޖަ ގިންތި ކުރެވިފައެވެ. ލޭބަލްގައި ޖަހާފައިވާ ނަންބަރު 1 އެއީ، ވަސީލަތް ހިންގުމަށް އެންމެ ގިނައިން ކަރަންޓު ބޭނުންވާ ޕްރޮޑަކްޓްތަކެވެ. އަދި ލޭބަލްގެ ނަންބަރު މަތިވާ ވަރަކަށް އަންގައިދެނީ، ހިންގުމަށް ކަރަންޓު ބޭނުންކުރާ މިންވަރު މަދުކަމެވެ. އެސްޓީއޯއިން ލޭބަލް ޖެހި އޭ.ސީގެ ތެރޭގައި އާއްމު އޭސީތަކަށްވުރެ %42 ކަރަންޓް މަދުން ބޭނުންކުރާ އެއަރ ކޮންޑިޝަންތައް ހިމެނެއެވެ.
ހަކަތަ ބޭނުންކުރާ މިންވަރު އަންގައިދިނުމުގެ އިތުރުން މި ލޭބަލްގައި މި އެއަރ ކޮންޑިޝަންތަކާ ގުޅޭ އިތުރު މަޢުލޫމާތުވެސް ވަނީ ހިމަނާފައެވެ.
ހަކަތަ ސަމަކާރަ ޕްރޮގްރާމްގެ އެންމެ ބޮޑު މަޤުޞަދަކީ ރާއްޖޭގައި ކަރަންޓު ޚަރަދު ކުޑަ ވަސީލަތްތައް ބޭނުންކުރުމަށް އަހުލުވެރި ކުރުމާއި ކަރަންޓަށް ކުރާ ހޭދަ ކުޑަކޮށް ތިމާވެއްޓާ ރައްޓެހި ގޮތްތައް އަށަގެންނެވުމެވެ. އެންވަޔަރަމަންޓް މިނިސްޓަރ ޝައުނާ ވިދާޅުވީ މި މަސައްކަތާއިއެކު ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ކަރަންޓުގެ ޑިމާންޑުން 147 މެހަވޮޓް ދަށް ކުރެވޭނެކަމަށެވެ.
If we are able to transition to #hakathari labelled appliances, in the next 10 years we expect energy demand to reduce by 147 MW. Very good to see @stoplc is our first to sell hakathari labelled ACs in the Maldives. It uses 42% less energy. https://t.co/LSmsGstEbu
— Shauna Aminath ?❓ (@anuahsa) May 20, 2022
ހަކަތަ ސަމަކާރަ ޕްރޮގްރާމްގެ ދަށުން އައިސް އަލަމާރިއާ ދޮންނަ މެޝިންގައިވެސް ލޭބަލް ޖެހުމަށްވަނީ ހަމަޖެހިފައެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގެ އަމާޒަކީ 2024 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ބާޒާރަށް އެތެރެކުރާ އޭސީ، އައިސް އަލަމާރި، އަދި ދޮންނަ މެޝިނަކީ ހަކަތަރި މިންގަނޑަށް ފެތޭ ތަކެތިކަމަށް ހެދުމެވެ.