ޚަބަރު

ސެނަހިޔާއަށް އެމް.އާރު.އައި މެޝިނަކާއި ސީޓީ ސްކޭން މެޝިނެއް


އިންޑިޔާ
ސަރުކާރުން ރާއްޖޭގެ އަސްކަރީ ހޮސްޕިޓަލް ކަމަށްވާ ސެނަހިޔާ އަށް
އެމް.އާރު.އައި މެޝިނަކާއި، ސީޓީ ސްކޭން މެޝިނެއް ހަދިޔާކުރެއްވުމަށް
ހަމަޖެހިފައިވާކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޑިފެންސް މިނިސްޓަރ ރަސްމީ ދަތުރުފުޅެއްގައި އިންޑިޔާއަށް ވަޑައިގެންފައިވަނީ
މިމަހުގެ 18 ވަނަ ދުވަހުއެވެ.



ޑިފެންސް
މިނިސްޓަަރ މިމަހުގެ 18 ވަނަ ދުވަހު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވީ، އިންޑިޔާގެ ޑިފެންސް
މިނިސްޓަރާއި އެކު ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާތަކުގައި ސެނަހިޔާ
ހޮސްޕިޓަލަށް ސީޓީ ސްކޭން މެޝިން އަދި އެމް.އާރު.އައި މެޝިން ހަދިޔާކުރެއްވުމަށް އެއްބަސްވެވަޑައިގެންފައިވާކަމަށެވެ.
އަދި ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި މިތަކެތި ހަދިޔާކުރުމުގެ
އެއްބަސްވުމުގައި ސޮއިކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.



މީގެ އިތުރުންވެސް
ރާއްޖޭގެ އަސްކަރީ ދާއިރާ ކުރިއެެރުވުމަށް ހެލިކެޕްޓަރަކާއި، މަތިންދާބޯޓެއްވެސް ހަދިޔާކުރެއްވުމަށް އިންޑިޔާ ސަރުކާރުންވަނީ
އެއްބަސްވެވަޑައިގެންފައެވެ.



" މި
އުޅަނދުތައް ބޭނުންކުރެވޭނީ ކުއްލި ހާލަތުގައި މަސައްކަތްކުރެވޭއިރު މީހުން
އެއްތަނުން އަނެއްތަނަށް ބަދަލުކުުރުމަށް. އަސްކަރީ ދާއިރާ ކުރިއެރުވުމަށް އަދި
ޞިއްޚީ ދާއިރާ ކުރިއެރުވުމަށް އެހީވުމުގެ ގޮތުން ސީޓީ ސްކޭން އަދި އެމް.އާރު.އައި
މެޝިން ދެއްވަން މިހާރު ވަނީ އެއްބަސްވެވަޑައިގެންފައި" އާދަމް ޝަރީފް
ވިދާޅުވިއެވެ.



މިނިސްޓަރ ގެ މިދަތުރުފުޅުގައި ރާއްޖެއާއި އިންޑިޔާއާ ދެ ޤައުމުގެ އަސްކަރީ
ދާއިރާ ގުޅިގެން މިހާރު ކުރެވެމުންދާ މަސައްކަތްތަކާއިބެހޭ ގޮތުން ވަނީ
މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް މިހާރު ކުރައްވަމުންގެންދަވާ މަސައްކަތްތަކަށްވެސް
އެއްބާރުލުން ދެއްވުމާއި ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ.



މިނިސްޓަރ އަދަމް ޝަރީފް ވިދާޅުވީ، އިންޑިއާގެ ޑިފެންސް
މިނިސްޓަރ މަނޯހަރު ޕައްރިކަރު ވަރަށް އަވަހަށް ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށެވެ.