ތިލަމާލެ ބްރިޖު މަޝްރޫޢުގެ ދަށުން މާލެއާއި ވިލިމާލެއާއި ދެމެދު ހަދާ ދިރާސާތައް ނިންމާލައިފިއެވެ.
ރާއްޖޭގެ ޢުމްރާނީ ތަރައްޤީގައި ހިންގާ އެންމެ ބިޔަ މަޝްރޫޢުކަމަށްވާ ތިލަމާލެ ބްރިޖް މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
މާލެ ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލުމަށް ހިންގާ ތިލަމާލެ ބްރިޖް މަޝްރޫއުގައި މިހާރު ކުރިއަށްދަނީ ހަދަންޖެހޭ ގިއޯ ޓެކްނިކަލް ސާރވޭ ކުރުމުގެ މަސައްކަތެވެ.
ބްރިޖް މަޝްރޫޢުއާ ގުޅޭ އެންމެ ފަހުގެ ތަފްސީލް ޕީއެސްއެމް ނިއުސްއާ ހިއްސާކުރައްވަމުން މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖަރ މުޙައްމަދު ޖިނާން ވިދާޅުވީ، މާލެއާއި ވިލިމާލެއާއި ދެމެދު ހަދަންޖެހޭ ސާރވޭގެ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށެވެ. މިގޮތުން އެ ސާރވޭގެ ދަށުން، ބޯހޯލް ތޮރުފުމަށް ބޭނުންވާ ސާމްޕަލްވެސް ނަގާފައިވާކަމަށް ޖިނާން ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށްދަނީ ވިލިމާލެއާއި ގުޅީފަޅާއި ދެމެދު ހަދަންޖެހޭ ސާރވޭގެ މަސައްކަތްކަމަށްވެސް ޖިނާން ވިދާޅުވިއެވެ.
ބްރިޖްގެ މަސައްކަތް އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ 16ވަނަ ދުވަހުއެވެ. މި ބިޔަ މަޝްރޫޢުގައި އެފްކޮންސް ކުންފުންޏާއެކު އެއްބަސްވެފައި ވަނީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށެވެ. މީގެތެރޭގައި ބްރިޖް އަދި ލިންކިން ރޯޑްތައް ހިމެނެއެވެ.
ބްރިޖް މަޝްރޫޢު ފެށުމަށް ހަދަންޖެހޭ ސާރވޭ ހަދަމުން އަންނަނީ އެކަމަށްޓަކައި ގެނެސްފައިވާ ޚާއްޞަ އުޅަނދަކުންނެވެ. އެ އުޅަންދުން ދިރާސާކުރުމަށް މިހާރު އޮތީ ވިލިމާލެ ކައިރީގައެވެ. މި އުޅަނދަކީ ބްރިޖްގެ ތަނބުތަކުގެ މަސައްކަތުގައިވެސް ބޭނުންކުރާނެ އުޅަނދެކެވެ. އެގޮތުން ކަނޑު އަޑީގެ އޮއިވަރާ ގުޅޭ ސަރވޭތަކާއި، އަދި ކަނޑުގެ އަޑިއަށް ޖަހާ ތަނބުތަކާއި ގުޅޭ ސާރވޭތައްވެސް މި އުޅަނދު ބޭނުންކޮށްގެންދަނީ ކުރަމުންނެވެ.
ޕްލޭނިން މިނިސްޓްރީން ވިދާޅުވެފައިވަނީ ބްރިޖުގެ ފައުންޑޭޝަން މަސައްކަތް ޖުލައިމަހު ފެށޭނެކަމަށެވެ. އަދި މިހާރު ބްރިޖު މަޝްރޫޢަށް ބޭނުންވާ މެޝިނަރީތައް ރާއްޖެ ގެނައުމުގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށްދާކަމަށްވެސް ޕްލޭނިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
ބްރިޖު މަޝްރޫޢު ރޭވިފައިވާ ގޮތް ހިއްސާކުރައްވަމުން ޖިނާން ވިދާޅުވީ، ބްރިޖު މަޝްރޫޢު މާލެއިން ގުޅިފަޅަށް ނިންމުމަށް ކަނޑައަޅާފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހަށްކަމަށެވެ. އަދި ގުޅީފަޅުން ފެށިގެން ތިލަފުއްޓަށް ނިންމާލެވޭނެކަމަށް ލަފާކޮށްފައިވަނީ 2024ގެ މެއިމަހުގެ ނިޔަލަށެވެ.
ތިލަމާލެ ބްރިޖަކީ 6.7 ކިލޯ މީޓަރުގެ ބްރިޖެކެވެ. މިއީ 500 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި ދަޢުލަތުން ޚަރަދުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ ތިލަމާލެ ބްރިޖް ނިމޭނީ ގިރާވަރު ފަޅާއި ހަމައިންކަމަށެވެ. މި މަސައްކަތް މުޅިން ނިމޭއިރު ގިރާވަރު ފަޅުވެސް، މި ކަނެކްޓިވިޓީން ގުޅާލެވޭނެކަމަށެވެ. އަދި ރައީސް ސާލިހު ވަނީ ގިރާވަރު ފަޅު ހިއްކައި އެތަނުން ގޯތި ދިނުމަށް ނިންމާފައިވާކަން އިއުލާންކޮށްފައެވެ.
ތިލަމާލެ ބްރިޖްގެ އެންމެ ބޮޑު ބޭނުމަކީ ގުޅީފަޅާއި ތިލަފުށީ ސިނާޢީ ހަބުތަކަށް ބަދަލުވަމުން އަންނައިރު، މި ސަރަޙައްދަށް ބޭނުންވާ އިޤްތިޞާދީ ކުރިއެރުމަށް އެހީވުމެވެ. އަދި ގުޅީފަޅުގައި މީހުން އާބާދު ކުރައްވާނެކަމަށް ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެއެވެ.