ޚަބަރު

އެމްޑީޕީގެ އިންތިޚާބުގެ ވޯޓުލުން 6:00އާ ހަމައަށް އިތުރުކޮށްފި


މިއަދު ކުރިޔަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުމުގެ ވަގުތު އިރުއޮއްސި 6:00އާ ހަމައަށް އިތުރުކޮށްފިއެވެ.

އެމްޑީޕީން ބުނީ، ވިއްސާރަވުމާއި ބައެއް ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ފެއްޓުން ލަސްވުމުގެ ސަބަބުން މިއަދު އިރުއޮއްސި 6:00އާ ހަމައަށް އިތުރު ކުރެވިފައިވާކަމަށެވެ. ކުރިން ވޯޓުލުން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ހަވީރު 4:00އާ ހަމައަށެވެ. މި އިންތިޚާބުގެ ވޯޓުލުން ފެށިފައިވަނީ ހެނދުނު 9:00ގައެވެ.

އެމްޑީޕީގެ އެތެރޭގައި ބާއްވާ އެންމެ ވާދަރވެރި އިންތިޚާބުގައި، ޗެއަރޕާސަންކަމަށް ވާދަކުރައްވާ ދެ ކެނޑިޑޭޓުންކަމަށްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއާއި، އިކޮނޮމިކް މިނިސްތަރ ފައްޔާޟް އިސްމާޢީލް ވަނީ ވޯޓު ލައްވާފައެވެ. އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު، އަދި ރައީސިލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުންވެސް ވަނީ ވޯޓު ލައްވާފައެވެ.

ޗެއަރޕާސަންގެ އިތުރުން މިއަދުގެ ވޯޓުގައި، އަންހެނުންގެ ރޫހުގެ ރައީސް ކަމާއި ޒުވާނުންގެ ހިތްވަރުގެ ރައީސަކުވެސް ހޮވުން ކުރިއަށްދެއެވެ. މި މަގާމުތަކުގެ ތެރެއިން އަންހެނުންގެ ރޫހަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާ ވާދަކުރައްވަނީ ސަފާތު އަހްމަދެވެ. ޒުވާނުންގެ ހިތްވަރުގެ ރައީސްކަމަށް ވާދަކުރައްވަނީ މުހައްމަދު އަންސަރާއި ރިފްގާ ޝިހާމެވެ.

އިންތިޚާބުގައި ވޯޓުލާ މީހުންގެ އަދަދާއި ބަހައްޓާ ވޯޓު ފޮށިގެ އަދަދުތައް:
– 194 ރަށެއްގައި ވޯޓު ފޮށި ބަހައްޓާނެ
– މާލޭގައި 87 ފޮށި
– ޗެއާޕާސަން ހޮވަން 94،211 މެމްބަރުންނަށް ވޯޓު ލެވޭ.
– އަންހެނުންގެ ރޫހަށް 41،027 މެމްބަރުންނަށް ވޯޓުލެވޭ.
– ޔޫތު ވިންގަށް 32،057 މެމްބަރުން.

އިންތިޚާބުގައި ވާދަކުރާ ދެ ކެނޑިޑޭޓުންގެ ޓީމުންވެސް ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް، ވާދަވެރި ކެމްޕޭނެއް ކުރައްވާފައެވެ.